މަޝްހޫރު ފެންޓަސީ ފިލްމު ފްރެންޗައިޒް "ލޯޑް އޮފް ދަ ރިންގްސް"ގެ ކުރިއަށް އޮތް ފިލްމު "ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގޮލަމް"ގެ ކާސްޓާ ހޮލީވުޑްގެ އެކްޓްރެސް އާންޔާ ޓޭލާ-ޖޯއި ގުޅިއްޖެ އެވެ.
އާންޔާ އެ ފިލްމުގެ ކާސްޓާ ގުޅުނުކަން ފިލްމު އުފައްދާ ވޯނާ ބްރަދާސް އިން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މި ފިލްމުގައި އާންޔާ ފެންނާނީ ޖަންގަލީގެ ރަސްކަމެއް ކަމަށްވާ "ވުޑްލޭންޑް ރިއަލްމް"އަށް ނިސްބަތްވާ "ސެރެން" ކިޔާ ސިންޑާ އެލްފްއެއްގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާއަކީ ކިންގް ތުރާންޑުއިލްގެ ވަރަށް އިތުބާރު ހުރި، އަދި ނުރައްކާތެރި ހަނގުރާމަވެރި އޭޖެންޓެކެވެ.
މިއީ އާންޔާ ވޯނާ ބްރަދާސްގެ ބޮޑު ފްރެންޗައިޒްއަކުން ފެންނާނެ ތިންވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ "ފިއުރޯސާ" އަދި "ޑޫން"ގެ ފިލްމުތަކުގެ ރޯލުތައް ކުޅެފަ އެވެ.
ފިލްމު ޑައިރެކްޓްކުރަނީ އަދި ކުރީގެ ފިލްމުތަކެކޭ ވެސް އެއްގޮތަށް ގޮލަމްގެ ރޯލު ކުޅެނީ އެންޑީ ސާކިސް އެވެ.
ކުރީގެ "ލޯޑް އޮފް ދަ ރިންގްސް" އަދި "ހޮބިޓް" ފިލްމުތަކުން ފެނުނު އިއާން މެކެލަން (ގޭންޑަލްފް) އާއި އެލައިޖާ ވުޑް (ފްރޯޑޯ) އަދި ލީ ޕޭސް (ކިންގް ތުރާންޑުއިލް) މި ފިލްމުން އަލުން ފެންނާނެ އެވެ.
އާންޔާގެ އިތުރުން ކޭޓް ވިންސްލެޓް (މެރިގޯލްގެ ރޯލުން) އާއި ޖޭމީ ޑޯނަން (ސްޓްރައިޑާ/އަރަގޯންގެ ރޯލުން) އަދި ލިއޯ ވުޑޯލް (ހަލްވާޑްގެ ރޯލުން) މި ފިލްމުން ފެންނާނެ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ފިލްމުގެ އޮރިޖިނަލް ޓްރިއޮލޮޖީ އުފެއްދި އޮސްކާ ކާމިޔާބުކޮށްފައިވާ ޓީމު ކަމަށްވާ ޕީޓާ ޖެކްސަން އާއި ފްރޭން ވޮލްޝް އަދި ފިލިޕާ ބޯޔެންސް އެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ "ދަ ފެލޯޝިޕް އޮފް ދަ ރިންގް"ގެ ހާދިސާތަކުގެ ކުރިއަށެވެ. އެއީ ފްރޯޑޯ ޝަޔާ ދޫކޮށް ދިއުމުގެ ކުރިން، ގޮލަމް ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
"ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގޮލުމް" ރިލީޒްކުރަނީ އަންނަ އަހަރު ޑިސެމްބަރު 17 ގަ އެވެ.