ފިލްމާއި ސީރީޒްތަކުގެ އެންމެ ބޮޑު ލައިބްރަރީއެއް އޮތް ވޯނާ ބްރަދާޒް ގަތުމަށް ހުޅުވާލި ވާދަވެރި ބިޑު، ނެޓްފްލިކްސް ބަލިކޮށް ޕެރަމައުންޓް ސްކައިޑާންސް އިން ކާމިޔާބުކޮށްފި އެވެ.
ރޮއިޓާސްގައި މިއަދު ބުނީ ނެޓްފްލިކްސް އެ ބިޑުން ވަކިވިތާ ދުވަހެއް ފަހުން، ޕެރަމައުންޓް ސްކައިޑާންސް އިން ވޯނާ ބްރަދާޒް ގަތުމުގެ އެއްބަސްވުން މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ. އެ މުއާމަލާތުގެ އަގަކީ 110 ބިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން އިކުއިޓީ ވެލިއުގެ ގޮތުގައި ބަލަނީ 81 ބިލިއަން ޑޮލަރު ކަމަށް އެ ނޫހުގައި ބުންޏެވެ.
މި ދެ ކުންފުނި އެއްކޮށްލައި އުފައްދާ އާ ކުންފުނި ވާނީ މީޑިއާގެ ދާއިރާގެ އެންމެ ވަރުގަދަ އެއް ބާރަށެވެ. އެ ކުންފުނީގެ ދަށުން ސީއެންއެން އާއި ސީބީއެސް ކަހަލަ މަޝްހޫރު ނެޓްވޯކްތައް ހިންގާނެ އެވެ.
ކުރިން މި ބިޑު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ނެޓްފްލިކްސް އެވެ. ނެޓްފްލިކްސް އިން ހުށަހެޅީ ހިއްސާއަކަށް 27.75 ޑޮލަރުގެ މަގުން ޖުމްލަ 83 ބިލިއަން ޑޮލަރެވެ. ނަމަވެސް ޕެރަމައުންޓުން ހިއްސާއަކަށް 31 ޑޮލަރު ހުށަހަޅައި، މުޅި ކުންފުނި ގަންނަން ނިންމުމުން ވޯނާ ބްރަދާޒް އިން އެގޮތް އިހުތިޔާރު ކުރީ އެވެ.
ޕެރަމައުންޓް ސްކައިޑާންސް އާއި ވޯނާ ބްރަދާޒް އެއްކޮށްލުމުން އުފެދޭ އާ ކުންފުނީގެ ލައިބްރަރީގައި 15,000 އަށް ވުރެ ގިނަ ފިލްމާއި ޓީވީ ޝޯތައް ހުންނާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ޕެރަމައުންޓް ސްކައިޑާންސް އިން ވަނީ އަހަރަކު މަދުވެގެން 30 ފިލްމު ސިނަމާތަކަށް ނެރުމަށް ވައުދުވެފަ އެވެ.
މި ބޮޑު ދެ ކުންފުނި އެއްވުމާ ގުޅިގެން "ރައިޓާސް ގިލްޑް އޮފް އެމެރިކާ" އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، މިކަމުގެ ސަބަބުން ވާދަވެރިކަން ކުޑަވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ލިޔުންތެރިންނާއި ކޮންސިއުމަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. އެހެންވެ، މި މުއާމަލާތް ހުއްޓުވަން ޖެހޭ ކަމަށް އެފަރާތުން ބުނެ އެވެ.
މި މުއާމަލާތް އެއްކޮށް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަމަށް ރޮއިޓާސްގައި ބުންޏެވެ.