"ބާބީ"ގެ ކާމިޔާބު ޑައިރެކްޓަރު ގްރެޓާ ގާވިގް އުފައްދާ ފިލްމު "ނާނިއާ: ދި މެޖިޝަންސް ނެފިއު"ގެ ފުރަތަމަ ޓްރެއިލާ ނެޓްފްލިކްސް އިން އިއްޔެ އާންމުކޮށްފި އެވެ.

މި ފިލްމަކީ ކްރިސްޓިއަން އެސް ލިއުއިސްގެ މަޝްހޫރު ފެންޓަސީ ވާހަކަ ސީރީޒް "ދި ކްރޮނިކަލްސް އޮފް ނާނިއާ"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. 

މި ފިލްމަކީ ނާނިއާގެ ފެށުމާއި އޭގެ ފަހަތުގައިވާ ސިއްރުތައް ކިޔައިދޭ ވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އާންމުކުރި ޓްރެއިލާ އިން ފެންނަނީ ނާނިއާގެ ޖާދޫވީ ދުނިޔެ އުފެދިގެންދާ މަންޒަރާއި "އަސްލާން"ގެ އަޑުން، އެ ދުނިޔެ ފެށުނު ގޮތުގެ މަންޒަރުތަކެވެ. އެ ފިލްމުގައި އަސްލާންގެ އަޑުއަޅައިދީފައި ވަނީ ހޮލީވުޑްގެ ތަރި މެރިލް ސްޓްރީޕް އެވެ.

ނެޓްފްލިކްސް އިން އުފައްދާ ފިލްމެއް ނަމަވެސް، މި ފިލްމު އެންމެ ފުރަތަމަ ދައްކަން ހަމަޖެހިފައި ވަނީ ސިނަމާތަކުގަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 12 އިން ފެށިގެން އައިމެކްސް ސިނަމާތަކުގައި 8 ހަފުތާގެ މުއްދަތަކަށް ފިލްމު ދެއްކުމަށް ފަހު، ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. 

އެމާ މެކީ، ކެރީ މުލިގަން، ޑެނިއަލް ކްރެގް އަދި ސިއާރާން ހިންޑްސް ކަހަލަ ތަރިން ފެންނާނެ މި ފިލްމުގެ ޓްރެއިލާގައި މަޝްހޫރު ރޮކް ބޭންޑް "ލެޑް ޒެޕެލިން"ގެ "ސްޓެއާވޭ ޓު ހެވަން" ލަވަ ބޭނުންކޮށްފައިވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.