22 ޖެނުއަރީ 2025 - 14:10
ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީތައް ބައެއް ގައުމުތަކުގައި އަނެއްކާވެސް ބޮޑުކުރަން ނިންމައިފި އެވެ.
ނެޓްފްލިކްސްގެ ފީތައް ބޮޑުކުރަން ނިންމީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ސްޓްރީމިން ޕްލެޓްފޯމަށް 19 މިލިއަނަށް ވުރެ ގިނަ އާ ސަބްސްކްރައިބާސް ލިބިފައި ވަނިކޮށެވެ. އެއީ ނެޓްފްލިކްސް އިން އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ނެޓްފްލިކްސް އިން ބުނީ ފީތައް ބޮޑުކުރަން ނިންމާފައި ވަނީ އެމެރިކާ އާއި ކެނެޑާ އާއި އާޖެންޓީނާ އަދި ޕޯޗުގަލްގައި ކަމަށެވެ.
ފީތައް ބޮޑުކުރަނީ ނެޓްފްލިކްސް އިން ގެނެސްދޭ ކޮންޓެންޓް އިތުރަށް ރަނގަޅުކުރުމަށް ކުރާ ހަރަދު އިތުރުކުރުމުގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނެޓްފްލިކްސްގެ އިޝްތިހާރު ނުހިމެނޭ ސްޓޭންޑާޑް ސަބްސްކްރިޕްޝަން ޕެކޭޖު ވެސް ހިމެނޭ ގޮތަށް ގިނަ ޕެކޭޖުތަކުގެ އަގު ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. މި ބަދަލާ އެކު، ކުރިން މަހަކު 15.49 ޑޮލަރަށް ކުރިން ލިބުނު އިޝްތިހާރު ނުހިމެނޭ ސްޓޭންޑާޑް ސަބްސްކްރިޕްޝަން ޕެކޭޖުގެ އަގު 17.99 ޑޮލަރަށް އަރާނެ އެވެ. އަދި އިޝްތިހާރު ހިމެނޭ ޕެޖޭކުގެ އަގު 7.99 ޑޮލަރަށް ބޮޑުވާނެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ނެޓްފްލިކްސްގެ ސަބްސްކްރައިބާސްގެ އެހާ ބޮޑަށް އިތުރުވީ އެ ޕްލެޓްފޯމުން ގެނެސްދިން ދެކުނު ކޮރެއާގެ މަގުބޫލު ޑްރާމާ "ސްކުއިޑް ގޭމް" ގެ ދެވަނަ ސީޒަނާއި އިންފްލުއެންސާ އަދި ފައިޓަރެއް ކަމަށްވާ ޖޭކް ޕޯލް އާއި ކުރީގެ ވޯލްޑް ހެވީވެއިޓް ޗެމްޕިއަން މައިކް ޓައިސަންއާ ދެމެދުގައި ބޭއްވި ބޮކްސިން މެޗަށް ލިބުނު ތަރުހީބު ބޮޑުވުމުން ކަމަށް ބެލެވެ އެވެ.
ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީތައް އެންމެހުން ބޮޑުކުރީ 2023 ވަނަ އަހަރު އޮކްޓޯބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަސް
23 January 2025
އަންސަބްސްކްރައިބް ކޮށްލާ! މިހާރުވެސް ރަނގަޅު އެއްޗެއް ވިއްޔާ އަރަނީ "ނޮޓް އެވެއިލަބްލް އިން ޔުއަރ ކަންޓްރީ/ރީޖަން".
ލުއިފީތާން
22 January 2025
މިވެރިން ޖީއެސްޓީ ދައްކަންޖެހޭތަ، ރާއްޖޭގަ ތިޔަ ޚިދުމަތް ދޭން؟
އައްބެ
22 January 2025
ޖީއެސްަަޓީ ނަގަންޖެހޭނެ. ކީއްވެ ބޭރުކުންފުނިތައް ވަކި އިސްތިސްނާކުރަންވީ. ބޭރުގެ އެއްވެސް ޕޭމެންޓެއް ޓެސްކްސް ނުލައި ހެދިގެންނުވާނެ.
ޓޫ
22 January 2025
ކޮބާ ލަދު؟