ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯތައް ކަމަށްވާ ޕެރަމައުންޓް އާއި ވޯނާ ބްރޯސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ހޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނާއި ފިލްމު އުފައްދާ ފަރާތްތަކުން ތެދުވެއްޖެ އެވެ.
ބީބީސީގެ ރިޕޯޓެއްގައި ބުނީ އެ ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅަށް 1،400 އަށް ވުރެ ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމީ ދާއިރާގެ ފަންނުވެރިން ބަޔާނެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ އެމާ ތޮމްޕްސަން، ބެން ސްޓިލާ، ހަވިއޭ ބާޑެމް އަދި ރޯޒް ބާން ވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ބަޔާނުގައި ސޮއިކުރި ފަރާތްތަކުން ބުނި ގޮތުގައި، މި މާސިންގާ "މާޖާ" ނުވަތަ ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން، މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މުނިފޫހިފިލުވުމުގެ ސިނާއަތަށް އިތުރު ގެއްލުންތަކެއް ލިބޭނެ އެވެ.
ދެ ކުންފުނި އެއްކޮށްލުމުން ބޮޑެތި ސްޓޫޑިއޯތަކުގެ އަދަދު މަދުވެ، މާކެޓްގައި އޮންނަ ވާދަވެރިކަން ކުޑަވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވޮޗްމެން" ފަދަ ސީރީޒްތައް އުފެއްދި ޑޭމަން ލިންޑެލޮފް ބުނި ގޮތުގައި، ސްޓޫޑިއޯތައް އެއްކޮށްލުމުގެ މާނައަކީ އުފައްދާ ފިލްމާއި ޝޯތައް މަދުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ.
މިކަމުގެ ސަބަބުން އަގުތައް ބޮޑުވެ، ބެލުންތެރިންނަށް ލިބެން ހުންނަ ކޮންޓެންޓްގެ އިހުތިޔާރުތައް މަދުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 111 ބިލިއަން ޑޮލަރުގެ މި މުއާމަލާތާ ގުޅޭ ގޮތުން ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަން ބުނީ ދެ ކުންފުނި އެއްކޮށްލި ނަމަވެސް ދެ ސްޓޫޑިއޯ ވެސް ހިންގާނީ ވަކިވަކިން ކަމަށެވެ. އަދި އަމާޒަކީ އަހަރަކު މަދުވެގެން ފެންވަރު ރަނގަޅު 30 ފިލްމު ސިނަމާތަކަށް ނެރުން ކަމަށް އޭނާ ބުންޏެވެ.
ޕެރަމައުންޓުން ބުނި ގޮތުގައި، މި ބަދަލާ އެކު އާ އުފެއްދުންތަކަށް ފުރުސަތު ބޮޑުވެ، ފަންނުވެރިންނަށް މަސައްކަތް ދެއްކުމަށް އިތުރު މަގުތައް ފަހިވާނެ އެވެ.
މި ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މިހާރު ވަނީ ކެލިފޯނިއާގެ އެޓަނީ ޖެނެރަލް ރޮބް ބޮންޓާ އާއި ކަމާބެހޭ އިދާރާތަކަށް މި މުއާމަލާތް ހުއްޓުވުމަށް ގޮވާލައިފަ އެވެ. މި މަހުގެ ފަހުކޮޅު ހިއްސާދާރުންގެ ވޯޓަކަށް މިކަން ހުށަހަޅާއިރު، އެމެރިކާގެ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުން ވެސް މި މުއާމަލާތް ފާސްކުރަން ޖެހޭނެ އެވެ.
މި މައްސަލައަކީ ކޮވިޑްގެ އަސަރާއި 2023 ވަނަ އަހަރު ހޮލީވުޑްގައި ކުރި ބޮޑު ހަޅުތާލަށް ފަހު އެ ސިނާއަތަށް އަންނަމުންދާ އެންމެ ބޮޑު އެއް ލޮޅުމެވެ.
މީގެ ކުރިން ވޯނާ ބްރޯސް އާއި ނެޓްފްލިކްސް އެއްކޮށްލަން އުޅުނު ނަމަވެސް، ނެޓްފްލިކްސް އިން ފަހުން ވަނީ އެކަން ހުއްޓާލައިފަ އެވެ.