ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ތިން ބެއިން.
31 މާޗް 2019 - 07:38
ފަސް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެމެރިކާގެ ތިން ބެއިން ހިމެނޭ ބޭންޑް "ޖޯނަސް ބުރަދާޒް" އިން މިދިޔަ މަހުގެ ފަހުކޮޅު އައު ލަވައެއް ގެނެސް ދިނުމުން ފޭނުން ތިބީ ވަރަށް އުފަލުންނެވެ. "ސަކާ" ގެ ނަމުގައި ވީޑިއޯއާ އެކު ވެސް ގެނެސްދިން ލަވައަށް ފަހު، މި ބޭންޑްގެ އާ ލަވައެއްގެ އިޝާރާތެއް މިހާރު ވަނީ ދީފަ އެވެ.
ތިން ބެއިންގެ ތެރެއިން އެންމެ ހަގު މެމްބަރު އަދި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފިރިމީހާ ނިކް ޖޯނަސް އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކާ އެކު ބުނީ "ޝޫޓިން ސަމްތިން" ކަމަށެވެ. އެ ފޮޓޯގައި 26 އަހަރުގެ ނިކް ހުންނަނީ ރެޓްރޯ ލުކެއްގަ އެވެ. ކަޅާއި ހުދު ގޮޅި ޖެހި ގަމީހަކާއި ރީނދޫ ކުލައިގެ ފަޓުނޫލަކާއި ކަޅާއި ހުދުގެ ބޫޓަކަށް އަރައިގެން އައިނެއް ޖަހައިގެން ނިކް ހުންނަނީ ކެމެރާ އަށް ސަމާލުވެގެންނެވެ.
ނިކްގެ މި ޕޯސްޓް މީޑިއާތަކުންނާއި ފޭނުން ވެސް ސިފަކޮށްފައި ވަނީ "ޖޯނަސް ބުރަދާޒް" އިން ގެނެސް ދޭން އުޅޭ އާ ލަވައެއްގެ ގޮތުގަ އެވެ. އެހެންވީމާ އިންތިޒާރުކޮށްލުން ނޫން ގޮތެއް އަދި ނެތެވެ.
ފެބްރުއަރީ މަހުގެ 28 ގައި ދޫކޮށްލި ލަވަ "ސަކާ" އަކީ ވެސް ވަރަށް ހާއްސަ ގޮތަކަށް ގެނެސް ދިން ލަވައެކެވެ. އެގޮތުން ތިން މެމްބަރުންގެ ހަޔާތުގެ ބައިވެރިން ވެސް އެ ލަވައިން ދައްކައިލި އެވެ. އެއީ ޕްރިޔަންކާ އާއި ޖޯއީ ޖޯނަސްގެ ލޯބިވެރިޔާ އަދި ބަތަލާ ސޯފީ ޓާނާ އާއި ކެވިން ޖޯނަސްގެ އަންހެނުން ޑެނިއޭލް ޖޯނަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy