27 މާޗް 2019 - 07:36
ޖަވާހިރު ނާދިރުވި ވަރަކަށް އޭގެ އަގު ބޮޑުވެއެވެ. ދަޅަ ގަދަވި ވަރަކަށް ރީތިވެއެވެ. އަހަރެންގެ ޖަވާހިރު ނާދިރެއް ނޫނެވެ. ދަޅަ ގަދައެއް ވެސް ނޫނެވެ. އެ ގަންނާކަށް މީހަކު ނާންނާނެއެވެ. އަޔަސް ނުވެސް ވިއްކާނަމެވެ. އެކަމަކު އަހަންނަށް އެ ވަރެއް ނެތެވެ. އެއީ އަހަރެންގެ ދަރިފުޅު ފައިނާއެވެ. އުމުރުން ފަސް އަހަރުގެ ފައިނާއަކީ އަހަރެންގެ ހަޒާނާގެ ހަމައެކަނި ޖަވާހިރެވެ. އޭގެ ފަހުން ލިބެން އުޅުނު ދަރިފުޅަށް ދުނިޔޭގެ އަލިކަން ފެންނަ ވަރެއް ނުވިއެވެ. އެހެންވުމުން ދެ ދަރިންގެ ލޯބި އަހަރެން ފައިނާއަށް ދެމެވެ. ބިލާހަކަށްވި ހުވަފެން މަތިން ހަނދާންނައްތާލަން އަހަންނަށް އެހީތެރިވީ ފައިނާއެވެ.
ފައިނާ ލިބުނު ފަހުން އަހަރެންގެ އަތްމަތި ތަންކޮޅެއް ތަނަވަހެވެ. އަހަންނަކީ ގޭގައި ވަރަށް ގިނަ މަސައްކަތްކުރާ މީހެކެވެ. ތެއްލިފަތް ހަދަމެވެ. ބަނބުކެޔޮ ތެއްލަމެވެ. ކުޅިރޮށްޓާއި ފޮނިރޮށި ހަދަމެވެ. ފޮނިކާޖާ އާއި ކުޅިކާޖާ ހަދަމެވެ. ކުދިގުޅައާއި އޮޅުންސުވާލި ވެސް ހަދަމެވެ. ބައެއް ދުވަސްދުވަހު އާދިލާ ބައިވެރިވެއެވެ. އޭނައަކީ އަވަށްޓެރިއެކެވެ. މާލެއިން އައި އޯޑަރުތައް ގިނަވާން ފެށީ ފައިނާއަށް އަހަރުވާން އުޅެނިކޮށެވެ. އޭގެ ފަހުން އަހަރެންގެ އުފެއްދުންތައް އަތުފަތުނޭޅި ވިކެއެވެ. އަނެއްކޮޅުން ފިރިމީހާ ހަމީދުގެ ވަޒީފާ މަތިވިއެވެ. އޭނަ އުޅެނީ މާލޭގައެވެ. އޮފީހުގެ ފަރާތުން ހަމީދަށް އެޕާޓުމަންޓެއް ލިބުނެވެ. އެ ހިސާބުން އަހަރުމެން ނިންމީ ފައިނާ ގޮވައިގެން މާލެއައުމަށެވެ. ފައިނާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައެވެ. ފައިނާ އުފަލުގައި ގެންގުޅުމަށް ޓަކައެވެ. ބައްޔެއް ކުރިމަތިވާ ވަގުތު ވީހާ ވެސް ރަނގަޅަށް ފައިނާއަށް ބޭސްފަރުވާކުރުމަށް ޓަކައެވެ. އަހަރުމެންގެ ހުރިހާ ވިސްނުމެއް ވެސް ހުރީ ފައިނާއަށެވެ. އަހަރުމެންގެ ނަޒަރުގައި ފައިނާއަކީ އަހަރުމެންގެ ނަސީބުގެ ނާރެވެ.
މާލޭގައި އަހަރުމެން ތިބީ ދެ ކޮޓަރީގެ އެޕާޓުމަންޓެއްގައެވެ. އެއް ކޮޓަރި އަހަރުމެން ދެމަފިރިންނަށެވެ. އަނެއް ކޮޓަރި ފައިނާއަށެވެ. ފެންވަރު ރަނގަޅު އިސްކޫލަކުން ޖާގަ ލިބުނެވެ. ފައިނާއަށް ގިނަ އެކުވެރިންތަކެއް ލިބުނެވެ. ރަށުގައި އުޅުނުއިރު ފައިނާގެ ގައިން ފިތްތަކެއް ނަގައެވެ. ޑަކުޓަރު ބުނީ އެ މާހައުލު ފައިނާއާ ނުގުޅެނީ ކަމަށެވެ. މާލެ އައުމުން އެ މައްސަލަ ވެސް ހައްލުވިއެވެ. ބޭސްކުރާކަށް ނުޖެހެއެވެ. މާލެއަށް ބަދަލުވުމުގެ ސަބަބުން އައި ރަނގަޅު ބަދަލުތައް ގިނަކަމުން އަހަރެން ބިރުގަންނަ ވަރު ވިއެވެ. ކޮންމެ މީހަކަށް ވެސް އެހެން ވާނެއެވެ. އުފާތައް މާ ގިނަވެއްޖެއްޔާ ޝައްކު ކުރެވޭނެއެވެ. ދެން ވެއްޓޭނީ ކިހާ ފުން އަޑިގަނޑަކަށްތޯ ސުވާލުއުފެދޭނެއެވެ. ފާރަވެރިވެވޭނެއެވެ. އަހަރެންގެ މިޒާޖުގައި އެ ކަހަލަ ސިފައެއް ހުރެއެވެ.
ރަށުގައި އުޅުނުއިރު އަހަރެން މާލެ އައިސްއުޅުނީ ވަރަށް މަދުންނެވެ. ވީމާ، ހަމީދުގެ އެކުވެރިންނެއް ނުދަންނަމެވެ. މާލޭގައި ދިރިއުޅެން ފެށުމުން ހަމީދުގެ އެކުވެރިން އަހަންނަށް ފެންނަން ފެށިއެވެ. އެ މީހުން ގެއަށް އަންނަން ފެށިއެވެ. މުޅީން ވެސް ރަނގަޅު އެކުވެރިންނެވެ. އަހަރެންގެ އާއިލާއަށް ހެޔޮއެދޭ މީހުންނެވެ. ކަމެއް ޖެހިގެން ހަމީދަށް އެ ވަގުތު އެ ކަމަކާ ނޫޅެވުނަސް ހަމީދުގެ އެކުވެރިން އެހީތެރިކަން ފޯރުކޮށްދެއެވެ. ކޮންމެ ވަގުތެއްގައި ގުޅައިލިޔަސް ވެހެވެ. އެންމެ ފާހަގަކުރެވެނީ ހަމީދުގެ އެންމެ ގާތް އެކުވެރިޔާ ޖަލީލެވެ. ހަމީދު އެންމެ އިތުބާރުކުރާ މީހާއެވެ. އެ ދެ މީހުން އުޅެނީ އެއް އޮފީހުގައެވެ. ހަމީދު ރަށުގައި ނޫޅޭ ދުވަސްތަކުގައި ވެސް ޖަލީލު ގެއަށް އާދެއެވެ. އަހަންނާއި ފައިނާގެ ހާލުއަހުވާލު ބަލައިހަދައެވެ. ފައިނާ ވެސް ޖަލީލު ދެކެ ވަރަށް ލޯބިވެއެވެ. ކިތަންމެ ރެޔަކު ފައިނާ ނިދާނީ ޖަލީލު އައިސް ވާހަކަކިޔައިދިނީމައެވެ. އެ ގުޅުމާ މެދު އަހަރެން ޝައްކެއް ނުކުރަމެވެ. އެކަމަކު އަހަންނަށް ފެނުނު ހުވަފެނެއްގެ ސަބަބުން އަހަރެންގެ ހިތުގައި ވަހުމު އުފެދެން ފެށިއެވެ. އެ ހުވަފެނުގައި ޖަލީލުގެ ޖިންސީ ސިކާރައަކަށް ފައިނާ ވެއެވެ. އެ މަންޒަރު ފެންނަނީ ހަމީދަށެވެ. ހަމީދު ބޭނުންވީ ސިއްރުކުރާށެވެ. ހުވަފެނަކީ ބިލާހެކެވެ. އެ ކަން ނޭނގެނީކީ ނޫނެވެ. އެހެންނަމަވެސް ބައެއް ހުވަފެން ހަގީގަތާ ވަރަށް ވައްތަރެވެ. ނިދިން ހޭލެވުމުން ވިސްނައިލަން މަޖުބޫރުވެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ސުވާލުތައް އުފެދެން ފަށައެވެ. އެ ހުވަފެނަކީ އަހަންނަށް ލިބުނު އިންޒާރެއް ހެއްޔެވެ؟ ހަމީދުގެ އެތަކެއް ރައްޓެހިންނެއް ގެއަށް އައިސްގޮސްވާއިރު ޖަލީލު ހުވަފެނުން ފެނުމަކީ ނުބައި ފާލެއް ހެއްޔެވެ؟ ހަމީދަށް ފައިނާއަށް ވުރެ ޖަލީލު މުހިންމުވެދާނެ ހެއްޔެވެ؟ އެ ހުވަފެނުގެ ފަހުން ޖަލީލު ފެންނައިރަށް ހުވަފެންމަތިން އަހަރެން ހަނދާންވެ ހިތަށް އުނދަގޫކުރަން ފަށައެވެ.
އެއްދުވަހަކު މެންދުރުފަހު އަހަރެން ބަދިގޭގައި އުޅެފައި ފައިނާ ކޮޓަރިއަށް ވަންއިރު ޖަލީލު ހުރީ ކޮޓަރިތެރޭގައެވެ. އޭނަ އަތުގައި ޗޮކުލެޓެއް އޮތެވެ. ފައިނާ އޮތީ ނިދައިފައެވެ. ހަމީދު އެ ވަގުތު ގެއަކު ނޫޅެއެވެ. އަހަރެން ދޮރު ހުޅުވައިލުމާއެކު ޖަލީލު ސިއްސައިގެންދިޔައެވެ.
"ފައިނާ ނިދާފަ ދޯ؟" ޖަލީލު ބުންޏެވެ. "މީ ފައިނާއަށް މާ މީރު ޗޮކުލެޓެއް. ހީކުރީ މި ގަޑީގަ ކުލަޖައްސަން އިންނާނޭ."
އަހަރެން އަތަށް ޗޮކުލެޓު ދީފައި ޖަލީލު ނުކުމެގެން ދިޔައެވެ. އެ ދުވަހު އަހަރެންނަކަށް އެ ކަން ރަނގަޅެއް ނުވިއެވެ. އެއީ ކުޑަ ކަމަކަށް ވެސް ނުވިއެވެ. ހީވި ކަހަލައެވެ. އަހަންނަށް ފަހު އިންޒާރު ލިބިއްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމުން ފައިނާ ނިދާފައި އޮތްތަން ޖަލީލަށް ފެންނާނެއެވެ. ވީއިރު ޖަލީލު ކޮޓަރިއަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ފައިނާ އޮތީ ނިދާފައިކަން އެނގުމުން ޖަލީލު ނުނިކުތީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ކޮޓަރިއަށް ނުވަދެވުނު ނަމަ އެ ދުވަހު ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އާއިލާ ވެއްޓެން އުޅުނު އަޑިގަނޑަކީ އެއީ ހެއްޔެވެ؟ އަހަރެން ދޮރު ހުޅުވައިލި ވަގުތު ޖަލީލު ސިއްސައިގެން ނުދިޔަ ނަމަ އެ ހުރިހާ ސުވާލެއް އަހަރެންގެ ހިތަކު ނުއުފެދުނީހެވެ. ސުވާލު އުފެދުނީ އުފެދެން ވެގެންނެވެ.
ޖަލީލަކީ ހަމީދުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން އެ ކަން ހަނދާނެއް ނުނެތެއެވެ. އެހެންވިޔަސް، ހަމީދާ ހަމައަށް އެ ވާހަކަ ގެންދިޔުމަކީ އަހަރެންގެ ވާޖިބެއްކަމުގައި ދުށީމެވެ. އަހަރެން އެ ވާހަކަ ބުނާތަނާ ޖަލީލާ ހަމައަށް ވެސް ހަމީދު އެ ވާހަކަ ގެންގޮސްފާނެއެވެ. ޖަލީލު ގެއަށް ވަނުން ހުއްޓައިލަފާނެވެ. އެންމެ ޒަމާންވީ އެކުވެރިޔާއާ މޫނުކެނޑުމުން އޮފީހުގައި އުޅެން ހަމީދަށް އުނދަގޫވެދާނެއެވެ. އެ ހުރިހާ ކަމަކަށް އަހަރެން ވިސްނީމެވެ. އެކަމަކު އެ ހުރިހައި ފިކުރަކަށް ވުރެ ބޮޑަށް އަހަރެންގެ ސިކުނޑިއަށް އުނދަގޫކުރީ އެންމެ ސުވާލެކެވެ. ހަމީދު ގާތުގައި އެ ވާހަކަ ނުބުނެ ހުއްޓައި ދެރަ ގޮތެއް ވެއްޖެއްޔާ ދެން ކުރާނީ ކީއް ހެއްޔެވެ؟ އަހަރެން ނިންމީ އެ މައްސަލަ ފެންމަތިކުރާށެވެ. ދެތިން ދުވަސް ވަންދެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި ތައްޔާރުވުމަށް ފަހު ހަމީދު ގާތުގައި އެ ވާހަކަ ބުނީމެވެ.
"ޖަލީލަކީ ކޮން ކަހަލަ މީހެއް؟" ނިދަން އޮށޯވެފައި އަހަރެން އެ ސުވާލުކުރީމެވެ.
"ކުއްލިއަކަށް ތިހެން ތި އެހީ ކީއްވެ؟" ހަމީދު އެހިއެވެ.
ހަމީދުގެ ހިތުގައި އެ ސުވާލު އުފެދެން ޖެހޭނެއެވެ. ގުޅުވޭނެ އެއްވެސް ކަމެއް ނެތީސް ކުއްލިއަކަށް އަހަރެން އެހެން އެހީމައެވެ. އޭތިމީތި ކިޔައިގެން އަހަންނަށް ދިގުދެންމުނީހެވެ. ވާހަކަ އޮއްބައި ވެސް ލެވުނީހެވެ. އަހަރެން އެހެނެއް ނަހަދަމެވެ. އަހަންނަށް ފެނުނު މަންޒަރު ކިޔައިދިނީމެވެ. ކަންބޮޑުވެފައި އޮވެގެންނެވެ. ހަމީދު ފެށީ ހޭށެވެ.
"ސަތޫ! އޭނައަކީ އެ ކަހަލަ މީހެއް ނޫނޭ،" ހަމީދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އޭނައަކީ ފައިނާ އޭޖުގެ ދެ ކުދިންގެ ބައްޕައެކޭ. ޓުވިންސް ތިބޭނީ. ކުޑަކުދިން ދެކެ ޖަލީލު ވަރަށް ލޯބިވާނެ. އަހަރެން ވަރަށް ރަނގަޅަށް ޖަލީލު ދަންނަން. އަހަރެން ފައިނާއަށް އެ ކަހަލަ ކަމެއް ކޮށްފާނެތަ؟ ހަމަ އެ އިތުބާރު ޖަލީލަށް ވެސް ކުރެވޭނެ. އަދި އެނގޭތަ؟ ޖަލީލަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ތަންތަނާ ވަރަށް ގުޅުން ވެސް އޮންނަ މީހެކޭ. އެ ކަހަލަ ކޯސްތަކާ ވޯކްޝޮޕްތަކުގަ ވެސް އޭނަ ވަރަށް ގިނައިން ބައިވެރިވާނެ. އެ ކަހަލަ މީހަކަށް ކިހިނެއް ކުއްޖަކަށް ކަމެއް ކުރަން ކެރޭނީ؟"
ހަމީދު ކިތަންމެ ޔަގީންކަން ދިން ނަމަވެސް، އަހަރެންގެ ހިތަކުން ޝައްކެއް ނުފިލިއެވެ. އެކަމަކު ހަމީދަށް އަހަރެން ދައްކާނެ ހެއްކެއް ނެތެވެ.
"ޗޮކުލެޓެއް ހިފައިގެން ފައިނާއަށް ދޭން އެ އައީ،" ހަމީދު ދެއްކީ ހުވަފެނުގައި ދެއްކި ކަހަލަ ވާހަކަތަކެކެވެ. "ފައިނާ އޮތީ ނިދާފަ. އެހެންވެ ސަތޫ އަތަށް ޗޮކުލެޓު ދީފަ ދިޔައީ. ތި ހީކުރާ ކަހަލަ ކަމެއް ކުރާކަށް ރޯމާ ދުވާލު އައިހެއް އެ ފާޑަކަށް ނޫޅޭނެއްނު. ޖަލީލު ދެކެ އެއްވެސް ބިރެއްގަންނާނެކަމެއް ނެތް. އޭނައަކީ މާ ނައިސް މީހެއް."
އޭގެ ފަހުން ޖަލީލު ގެއަށް އަތުވެއްޖެއްޔާ އަހަންނަށް ފާރަލެވެއެވެ. ޖަލީލު ހުންނަ ކޮންމެ ތަނެއްގައި އަހަރެން ހުންނަމެވެ. ކޮންމެވެސް ކަމެއް ކުރާކަމަށް ހެދިގެންނެވެ. ދަރިފުޅަށް ވާހަކަކިޔައިދޭން ޖަލީލު ކޮޓަރިއަށް ވަދެއްޖެއްޔާ އެ ތަނުގައި ވެސް އަހަރެން ހުންނަމެވެ. އެއްވެސް ވަރަކަށް ޖަލީލަށް ޝައްކުވިޔަކަ ނުދެމެވެ. އަހަންނަކީ ޖަލީލުގެ ހިޔަންޏެވެ.
ރެޔެއްގެ އިރާކޮޅުގެ ވަގުތެވެ. އާންމު ގޮތެއްގައި އެ ގަޑިއަކު ފައިނާއެއް ނުނިދައެވެ. އެރޭ ޖަލީލު ވާހަކަކިޔައިދެނިކޮށް ފައިނާއަށް ނިދުނެވެ. ޖަލީލު ފޮތް ލައްޕައިލިއެވެ. ފައިނާގެ އަލަމާރި ތަރުތީބުކުރާކަމަށް ހެދިގެން އިނަސް އަހަރެންގެ ވައްކަޅި ހުރީ ޖަލީލަށެވެ.
"އަހަރެން އެބައޮތް ވާހަކައެއް ބުނަން ވެފަ." ޖަލީލު ބުންޏެވެ.
އަހަރެންގެ ފައިން ފެށިގެން ބޮލަށް ފިނިވެގެންދިޔައެވެ. ޖަލީލު ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގުނެވެ. ހިތަށްއެރިއެވެ. އަހަރެން ހަމީދު ގާތުގައި ދެއްކި ވާހަކަ ޖަލީލަށް އެނގުނީއެވެ. އެހެން ނޫނީ ޖަލީލަށް އަހަރެން ފާރަލާކަން ޖަލީލަށް އެނގުނީއެވެ. އެ ވަގުތު ހިތަށްއެރިއެވެ. އަހަރެން ކުޑަވެގެން ގޮސް ޖަލީލުގެ ލޮލަށް އަހަރެން ނުފެންނަ ވަރު ވާނެ ނަމައެވެ. އެ ތަނުން އަހަރެން ގެއްލޭނެ ނަމައެވެ.
"އަހަރެން މީ ކުޑަކުދިންނާ ގުޅޭ ކަންތައްތަކުގަ ވަރަށް ގަދަޔަށް އުޅޭ މީހެއް. ހަމީދު ބުނެފަ ކަންނޭނގެ އޮންނާނީ،" ޖަލީލު ބުންޏެވެ. "އަހަރެން އަތުގަ ހުންނާނެ ބައިވަރު ސެޓްފިކެޓުތައް ވެސް."
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޒީ
31 March 2019
ކޮބާތަ މިއަދުގެ ބައި؟
ހުސެން ރިޔާޒް
28 March 2019
އަހަރެންގެ ވަރަށް ބައިވަރު ސެޓްފިކެޓްތައް ހުންނާނެ. އަހަންނަށް ފެންނަ ފެނުމުގައި ފައިނާ އަށް ވަނީ ޖިންސީ ގޯނާ ކޮށްފައި. ފައިނާ އަކީ ޖިންސީ ޝިކާރަ އަކަށް ވެފައިވާ ކުއްޖެއް. ޖަލީލު އެހެން ބުނުމާއި އެކު އަހަރެންގެ ފައިދަށުން ބިންގަޑު ދޫ ވެގެން ދިޔަ ކަހަލަ އެވެ. ދެފައިގެ ބާރު ނެތިގޮސް މީހާ ހުރި ތަނަށް ތިރިވިއެވެ.
ފައިނާ
27 March 2019
އަމިއްލަ ދަރިންނަށް ނޭދޭހެވެއް އެހެންމީހެއްގެ ދަރިއަކަށް ވެވޭތަ؟
ޖަލީލު
27 March 2019
އެމަންޖެއާ ބެހެނީ ހަމީދު ދޯ
ތުނިޔަ
27 March 2019
ސަތޫ ހަމަވަރަށް ބެސްޓް! ތިއީ އެއްވަނައިގެ މަންމައެއް...ތަންފުކެއްވެސް ދޫނުކުރާތި!
މަންމަ
27 March 2019
ބަފާދޯ ދަރިއާ ބެހެނީ؟
މަންމަ
27 March 2019
އެކުއްޖާ އަށް އެއްވެސް ކަމެއްވިއަ ނުދެއްޗޭ.. މަޔަކަށް ވެ ހުރެ ވަރަށް އަސަރު ކުރޭ އެކަހަލަ ވާހަކަ ކިޔަން
ނަން
27 March 2019
"މޯމް އިންސްޓިިންކްޓް" އާއްމުކޮށް ސީދާ ވާނެ.
ލިލީ
27 March 2019
ދެން އޭނަގެ ދެ ދަރިން ކައިރީ ނޫޅެ ފައިނާ ކައިރިއަށް މިއަންނަނީ ކީތްވެތަ. ރައްޓެއްސަކަސް ތިހާ ވަރުން އުޅޭ މީހުންނެއް ނުދެކެން.
ޠަސް
27 March 2019
އަސްލުވެސް. މަގޭ ހިތަށްވެސް އެރި ތިހެން