ފިލްމު "ބަވަތި" ގެ ޕަސްޓްލުކް.
01 އެޕްރީލް 2019 - 07:30
މުޅިން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދުގެ އަލަތު ފިލްމު "ބަވަތި" މި އަހަރުގެ ސެޕްޓެމްބަރު މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.
އޭނާ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ވެސް މިހާރު ނިންމާލާފައިވާ އިރު، މި ފިލްމުގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ.
ކުރީގެ ދިޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިގެން ދިޔަ އިފްނާޒަކީ ވީޓީވީން އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށް ގެނެސްދިން ކުރު ބައެއް ޑްރާމާތަކުގައި އެކްޓްކޮށްފައިވާ ފަންނާނެކެވެ.
އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ޕްރޮޑިއުސް ކުރާ "ބަވަތި" ގެ މޯޝަން ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އޭގައި ފެންނަނީ ފެންގަނޑެއްގެ ތެރެއަށް ގެނބެމުންދާ އަންހެނަކު ސަލާމަތްވާން ކުރާ މަސައްކަތެވެ. "ބަވަތި" އަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއް ކިޔައިދޭނެ ފިލްމެކެވެ.
މި އަހަރު ދިވެހި ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި ބެލެވޭ "ބަވަތި" ސެޕްޓެމްބަރު މަހު ރިލީޒްކުރަން ނިންމި ނަމަވެސް، ފިލްމު އަޅުވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި އަހަރުގެ މިހާތަނަށް އޮލިމްޕަސް ސްކްރީނަށް ތިން ފިލްމު ގެނެސްފައިވާ އިރު، ދެން އެންމެ އަވަހަށް އަޅުވާނީ "ނަފުރަތުވުމުން" އެވެ. ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 9 ގަ އެވެ.
މި އަހަރު ގެނެސް ދިން ފުރަތަމަ ތިން ފިލްމަކީ "ނިވައިރޯޅި"، "ގޮށްރާޅު" އަދި "40+" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy