21 އެޕްރީލް 2019 - 07:39
ބަތަލާ ސޯނަމް ކަޕޫރްގެ ކައިވެންޏަށް އަންނަ މަހު އެއް އަހަރު ފުރޭ އިރު، އޭނާ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ދާދި ފަހުން ފަސްޓްޕޯސްޓަށް ދިން އިންޓަވިއުއެއްގައި ވެސް، އަނިލް ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ވަނީ ފިރިމީހާ އާނަންދު އަޖޫހާއާ ދެ މީހުން ދަރިއަކު ހޯދުމާ ބެހޭ ގޮތުން ވަރަށް ސީރިއަސްކޮށް ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފަ އެވެ.
ސޯނަމް ބަނޑުބޮޑު ކަމަށް ބުނެ ދެކެވޭ ވާހަކަތައް ކުއްލިއަކަށް ގަދަވީ ހުކުރު ދުވަހު ނިއު ދިއްލީގައި، މަޝްހޫރު ފިލާ ބްރޭންޑްގެ އާ ސްނީކާޒް ކަލެކްޝަނެއް ކަމަށްވާ "މަސާލާބޮކްސް މައިންޑްބްލޯވާ" ނެރެން ފިރިމީހާއާ އެކު ބައިވެރިވި އިވެންޓެއްގެ ތެރޭގައި އާނަންދު ކުރިކަމުންނެވެ. ގަދަ ރީނދޫ ކުލައިގެ ހެދުމެއް ލައިގެން ހުރި ސޯނަމްގެ ސްނީކާސްގެ ނާޑުވާ އައްސައިދިނީ އާނަންދެވެ.
These QTs were spotted in Delhi last evening for an event! 🌝💛
— iDiva (@iDivaOfficial) April 19, 2019
PS: crushing on their sneakers from @TheFILAIndia @purevnv @sonamakapoor @anandahuja pic.twitter.com/fIsKijllPP
މި މަންޒަރުތައް މީޑިއާތަކުގެ ކެމެރާތަކުގެ ލެންސަށް އަރައި ނޫސްތަކުގެ ސުރުހީތަކަށް އެރީ ސޯނަމް އިނީ ބަލިވެ ކަމަށް ދޭހަވާ ކަހަލަ ގޮތަކަށެވެ. ބައެއް ނޫސްތަކުން ބުނީ ސޯނަމް ނާޑުވާ އައްސަން ގުދުވުމަކީ ބަނޑުބޮޑު ކަމަށް ބެލެވިދާނެ ސަބެބައް ކަމަށެވެ. އަދި މި ސުވާލު އިންސްޓަގްރާމްގައި ވެސް ބައެއް މީހުން ކޮށްފައިވެ އެވެ.
ދިއްލީ އަށް އުފަން އެކަމަކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ވިޔަފާވެރިޔާ އާނަންދާއި ސޯނަމްގެ ކައިވެންޏަށް އެއް އަހަރު ފުރޭނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. މި ދެ ތަރިންނަކީ ކައިވެނި ކުރި ފަހުން އެ މީހުންގެ ގުޅުން ވަަރަށް ބޮޑަށް އިންސްޓަގްރާމްގައި ހިއްސާކުރާ ދެ މީހުންނެވެ. އަދި ގިނަ ބަޔަކު އެ ދެ މީހުން ސިފަކުރަނީ ވެސް ވަރަށް އަޅާލާ ލޯބި ޖޯޑެއްގެ ގޮތުގަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަށް ފަހު، ސޯނަމް ދެން މި އަހަރު ފެނިގެން ދާނެ ފިލްމަކީ ޖޫން 14 ގައި ރިލީޒް ކުރާ "ޒޯޔާ ފެކްޓާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy