އެޑެލް އާއި ފިރިމީހާ ސައިމަން ވަރިވެއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އެޑެލް އާއި ފިރިމީހާ ސައިމަން ކޮނެނީގެ ތިން އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.


ހުކުރު ދުވަހު އެ ދެ މީހުންގެ ތަރުޖަމާން އެކަން ކަށަވަރުކޮށް ދެމުން ބުނީ ކައިވެނި ރޫޅައިލި ނަމަވެސް، އެޑެލް އާއި ސައިމަން ދެ މީހުންގެ 7 އަހަރުގެ އަންހެން ދަރިފުޅު އެންޖެލޯގެ ކަންކަމުގައި އެއްވަރަކަށް ހިއްސާވާނެ ކަމަށެވެ. ނަމަވެސް ވަކިވާން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި އަދި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެޑެލް އާއި ޗެރިޓީ އެންޓަޕްރަނާ ސައިމަން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން 2016 ގައި ކައިވެނި ކުރި އިރު، ދަރިއަކު ލިބުނީ 2012 ގަ އެވެ.

މަގުބޫލު އެތައް ލަވައެއް އެހުންތެރިންނަށް ގެނެސް ދީފައިވާ 30 އަހަރުގެ އެޑެލް މިހާތަނަށް ތިން އަލްބަމެއް ނެރެފައިވާ އިރު އެންމެ ފަހުން ނެރުނީ 2015 ގެ "25" އެވެ. އޭނާ ވަނީ "ލައިވް" ގެ ނަމުގައި 2016-2017 އަށް ބޭއްވި ޓުއާ އަށް ފަހު، ދެން ޓުއާތަކަށް ނުކުތުން ވެސް ހުއްޓާލައިފަ އެވެ.