24 އެޕްރީލް 2019 - 07:36
ދެހާސް ތިނެއްގައި ރިލީޒްކުރި، ސަލްމާންގެ ކާމިޔާބު ފިލްމު "ތެރޭ ނާމް" ގެ ދެވަނަ ބައި މުޅިން ތަފާތު ކާސްޓަކާ އެކު ހަދަން ނިންމައިފި އެވެ.
އެކަން ކަށަވަރުކޮށް ދެމުން ޑައިރެކްޓަރު ސަތިޝް ކޯޝިކް ބުނީ ފިލްމުގެ ދެވަނަ ބައި ހަދަން ނިންމި ނަމަވެސް މި ވަގުތަށް އޭގެ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
"މި ފަހަރު ވެސް ހަމަ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް ފިލްމުގައި ކިޔައި ދޭނީ،" ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާންގެ "ބާރަތު" ގެ ވެސް ހިމެނޭ ސަތިޝް ބުންޏެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި "ތެރޭ ނާމް 2" މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސް ދޭން ނިންމި ނަމަވެސް، ސަލްމާންގެ ހާއްސަ ފެނިލުމެއް ފިލްމުގައި ހިމެނޭނެ އެވެ. އެ ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ ސައުތުގެ މަޝްހޫރު ބަތަލާ ބޫމީ ޗާވްލާ އެވެ.
"ތެރޭ ނާމް" އަކީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު ވެސް މެ އެވެ.
ފިލްމުފެއާގެ 7 އެވޯޑް ގެންދިޔަ "ތެރޭ ނާމް" އަކީ ބޮކްސް އޮފީހުގައި 24.54 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ސައުތުގެ މަޝްހޫރު ޑައިރެކްޓަރު ބާލާ 1999 ގައި ލިޔެ، ޑައިރެކްޓް ކުރި ތަމަޅަ ފިލްމު "ސެތޫ" އަސްލަކަށް ބަލައިގެން ހެދި "ތެރޭ ނާމް" އަކީ އެންމެ 10 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ނިންމައިލި ފިލްމެކެވެ.
ޖުމްލަ 12 ލަވަ ހިމެނޭ ފިލްމުގެ ލަވަތައް ވެސް ފިލްމު ރިލީޒް ކުރި ދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ. މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާގެ ވިދުން ގަދަވީ ވެސް "ތެރޭ ނާމް" ގެ ލަވަތައް ހަދައި ދީގެންނެވެ. ފިލްމުން އޭނާ އަށް އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނެވެ.
"ތެރޭ ނާމް" ގެ ސީކްއެލްއެއް ހަދަން ސަތިޝް ތައްޔާރުވަމުން އަންނަ އިރު، އޭނާ ޑައިރެކްޓްކޮށް ދެން އެންމެ އަވަހަށް ގެނެސް ދޭނީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެއީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ ދަނޑުވެރިއެއްގެ ވާހަކަ ކިޔައިދޭ "ކާގަޒް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy