"ޕާގަލްޕަންތީ" ގެ ޝޫޓިންގެ ތެރެއިން.
27 އެޕްރީލް 2019 - 07:56
ލަވަތަކެއް ފިޔަވައި، ދާދި ފަހުން އިނގިރޭސިވިލާތުގައި ޝޫޓިން ނިންމައިލި ޑައިރެކްޓަރު އަނީސް ބަޒްމީގެ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ވާނީ ފްރެންޗައިޒަކަށް ކަމަށާއި ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނެފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 22 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމް، އަނިލް ކަޕޫރް، އިލިއާނާ ޑި ކްރޫޒް، ޕުލްކިތު ސަމްރާޓް، ކްރިތީ ކަރްބަންދާ، އަރުޝަދު ވަރްސީ އަދި އުރްވަޝީ ރޯޓެލާ އެވެ.
ކުމާރު ބުނީ "ޕާގަލްޕަންތީ" އަކީ ބެލުންތެރިން ހީހީ ހަލާކުކޮށްލާނެ ވަރުގެ މަޖާ ފިލްމަކަށް ވާނެ ކަމަށާއި މިއީ ބެލުންތެރިން އިތުރު ބައިތަކަކަށް އުންމީދު ވެސް ކުރާނެ ކަހަލަ ފިލްމަކަށް ވާނެ ކަމަށެވެ.
"އެހެންވެ މިއީ ފްރެންޗައިޒެއްގެ ގޮތުގައި ގެނެސް ދޭނެ ފިލްމެއް. ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް އަހަރެމެން ފަށައިފިން،" އިނގިރޭސިވިލާތުގެ 58 ދުވަހުގެ ޝޫޓިން ޝެޑިއުލެއް ކުރިއަށް ގެންދިޔަ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަހަރެން މިހާރު ވެސް ގެރެންޓީ ދެން ޕާގަލްޕަންތީ އަކީ އަނީސް މިހާތަނަށް ގެނެސްދޭނެ އެންމެ މަޖާ ފިލްމަށް ވާނެ."
ކުމާރު ވަނީ ފިލްމުގެ ކާސްޓަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"ހާއްސަކޮށް އަހަރެން ފާހަގަކުރަން ބޭނުން ޖޯންގެ ވާހަކަ. ކޮމެޑީ ރޯލްތަކުން އެހާ އާންމުކޮށް ނުފެންނަ ޖޯންއަކީ ހަގީގަތުގައި ވެސް ކޮމިކް ކެރެކްޓާތަކަށް ވަރަށް ފައްކާ އެކްޓަރެއް. ޕާގަލްޕަންތީން އެކަން އޭނާ ކަށަވަރުކޮށް ދޭނެ،" އޭނާ ބުންޏެވެ.
"ޕާގަލްޕަންތީ" އަކީ އަނީސްއާ އެކު ޖޯން މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. އެ ދެ މީހުން ކުރިން ވަނީ 2007 ގެ "ވެލްކަމް" ގެ ސީކްއެލް ވެލްކަމް ބެކް (2015) ގައި މަސައްކަތްކޮށްފަ އެވެ.
އަނީސް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގެ "މުބާރަކަން" އެވެ. އެއީ 93.59 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy