ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ބަވަތި" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެެ.
މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށް އަންނަ ސެޕްޓެމް މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.
"ބަވަތި" ގައި ކިޔައިދޭނީ ކައިވެނިކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ ޒުވާން އަންހެނަކަށް ދިމާވާ ހާދިސާތަކެކެވެ. ޓީޒާގައި ވެސް ވަނީ އެ ސުރުހީ އަޅައިލަ ދީފަ އެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މިހާރު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ވިދަމުން އަންނަ ޒުވާން ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި އަލަށް ތައާރަފުވާ އަހުމަދު އިފްނާޒް ފިރާގެވެ.
އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ޕްރޮޑިއުސް ކުރާ "ބަވަތި" ގެ މަންޒަރުތައް ނަގާފައި ވަނީ ކ. ކާށިދު އާއި މާލޭގަ އެވެ.
ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމުގެ ވީއެފްއެކްސް މަސައްކަތް ކުރަނީ އެ ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒުންނެވެ.
ސެޕްޓެމްބަރު މަހު "ބަވަތި" ރިލީޒް ކުރަން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.