މި އަހަރު ބާއްވާ 66 ވަނަ ނެޝަނަލް ފިލްމު އެވޯޑްސް ވަނީ ލަސްކޮށްފައި.
29 އެޕްރީލް 2019 - 07:14
ފިލްމުތަކާއި ފިލްމީ ފަންނާނުންނަށް އިންޑިއާ ސަރުކާރުން ދޭ ނެޝަނަލް އެވޯޑް މި އަހަރު ލިބޭ ފަރާތްތައް އިއުލާންކުރުން ފަސްކޮށްފި އެވެ.
އިންޑިއާގެ ނެޝަނަލް އެވޯޑް ލިބޭ ފަރާތްތަކުގެ ނަންތައް އާންމުކޮށް އެޕްރީލް މަހުގެ ފަހުކޮޅު އިއުލާންކޮށް، އެވޯޑް ހަފުލާ ބާއްވަނީ މެއި މަހުގެ ކުރީކޮޅު އެވެ.
ނަމަވެސް މި އަހަރު ބާއްވާ 66 ވަނަ ނެޝަނަލް އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރުން ފަސްކުރީ މި ވަގުތު އާންމު އިންތިހާބު ވަރަށް ބާރަށް އިންޑިއާގައި ކުރިއަށްދާތީ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ފެށި މި އިންތިހާބުގެ ވޯޓްލުން އަންނަ މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ހަތް މަރުހަލާއަކަށް ކުރިއަށް ގެންދާ އިންތިހާބުގެ ވޯޓް ގުނަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.
މި އަހަރުގެ ނެޝަނަލް އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރުން ފަސްކުރިކަން ހިއްސާކޮށް ޑިރެކްޓަރޭޓް އޮފް ފިލްމު ފެސްޓިވަލް (ޑީއެފްއެފް) އިން ބުނީ ނަންތައް ދެން އިއުލާން ކުރާނީ އިންތިހާބު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިގޮތަށް ނިންމީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މުނިފޫއްސާއި ސީޔާސީ ކަންކަން މަސްހުނި ނުކުރުމަކީ ވެސް ނެޝަނަލް އެވޯޑް ލަސްކުރަން ނިންމި ސަބަބެއް ކަމަށް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނެޝަނަލް އެވޯޑް އިއުލާން ކުރަން ފަސްކުރުމުން ޖޫރީ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާވުވުންތަކެއް ވެސް އުފެދިފަ އެވެ. އެގޮތުން ޝޭކަރް ކަޕޫރާއި ސީވީ ރެޑީއާ އެ ބަދަލަށް ތާއީދު ކުރި ނަމަވެސް، މިހާރު ނިންމި ނިންމުމަކީ މާ ބޮޑު ލަސްވުމެއް ކަމަށް ޖޫރީ މެމްބަރު ރާޖޭޝް މަޕުސްކަރް ދެލޭ ކަމަށް ބައެއް މީޑިިއާތަކުން ބުންޏެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން 66 ވަނަ ނެޝަނަލް ފިލްމު އެވޯޑް ހަފުލާ ބާއްވަން އޮތީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy