އާލިއާ ބައްޕަ މަހޭޝްއާ އެކު.
30 އެޕްރީލް 2019 - 06:30
މަހޭޝް ބަޓް 20 އަހަރު ފަހުން "ސަޅަކް 2" އާ އެކު ޑައިރެކްޝަނަށް ނުކުންނަ އިރު، އެ ފިލްމުގެ ބަތަލާ އަދި މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ހުރީ އެކަމާ ވަރަށް އުފަލުންނެވެ. އެކަމަކު އާލިއާ ބުނީ ބައްޕައާ އެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބައްޕައާ އެކު މަސައްކަތްކުރަން ލިބުމުން ވަރަށް އުފާ ވެސް ވާ ކަމަށެވެ.
"އެކަމަކު އަހަރެން މި ހުންނަނީ ވަރަށް ހާސްވެފައި. އަހަރެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ބައްޕައާ އެކު މަސައްކަތްކުރަން ފަސޭހަ ކަމަކަށް ވާނެ ކަމަކަށް،" އާލިއާ ބުންޏެވެ. "ޑައިރެކްޓަރެއްގެ ގޮތުގައި އަހަންނަށް މިހާތަނަކަށް ނެތް ބައްޕަ ތަޖުރިބާ ކުރެވިފައެއް. އަހަންނަށް މަހޭޝް އެނގެނީ ބައްޕަގެ ގޮތުގައި."
އޭނާ ބުނީ ބައްޕައާ އެކު މަސައްކަތް ކުރުމަކީ ކެރިއަރުގައި މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު އެއް އިމްތިހާނަށް ވެސް ވާނެ ކަމަށެވެ. އަދި ބައްޕަގެ ކުރިމަތީގައި ބައްޕަ ބޭނުންވާ ހުނަރެއް ދައްޖަން ކަށިން ހިތްވަރު ނެރެން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
"އަސްލު ބައްޕައަކީ ވަރަށް ސައިލެންޓް މީހެއް ހުރިހާ ކަމެއްގައި ވެސް. އެކަމަކު މި ފަހަރު ޑައިރެކްޓަރެއްގެ ގޮތުގައި ބައްޕައާ އެކު މަސައްކަތް ކުރާ އިރު މުޅިން ތަފާތު މަހޭޝްއެއް އަހަރެން ތަޖުރިބާކުރަން ޖެހޭނެ. އަދި ބައްޕަ ސީންތަކަށް އެޕްރޯޗްކުރާނެ ގޮތް ވެސް ވަރަށް ތަފާތު ވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ،" އާލިއާ ބުންޏެވެ. "އެކަމަކު ވަރަށް ހިތްވަރު ކުރާނަން މެކްސިމަމް ދޭން. އެއީ އަހަރެންގެ ބައްޕައަށްވީތީ މަސައްކަތް ފަސޭހައެއް ނުވާނެ. އަނެއްކާ ވަރަށް ޒަމާންކޮށްފައި ބައްޕަ ފިލްމެއް މި ޑައިރެކްޓް ކުރަނީ."
"ސަޅަކް 2" އަކީ މަހޭޝް 1991 ގައި ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތާ އެކު ގެނެސް ދިން ވަރަށް ކާމިޔާބު ފިލްމެކެވެ. މީގެ ދެވަނަ ބައިން ވެސް އެ ދެ ތަރިން ފެނިގެންދާ އިރު، އާލިއާ ފެނިގެން ދާނީ އަދިތިޔާ ރޯއި ކަޕޫރާ އެކީގަ އެވެ.
އާއިލީ ފިލްމު ކުންފުނި ވިޝޭޝް އަށް އާލިއާ ކުޅޭ ފުރަތަމަ ފިލްމު "ސަޅަކް 2" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގެ 25 ގަ އެވެ.
މަހޭޝް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 1999 ގެ "ކާޓޫސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭ އާލިޔާ
30 April 2019
އާލިޔާގެ ބައްޕައަކީ ބޮލީވުޑްގަ ހުރި އަހުލާގީ ގޮތުން އެންމެ ދަށް ދަރަޖައިގެ ޑައިރެކްޓަރު!!! ބަލާބަލަ މަހޭޝް ބަޓުގެ ކޮފީ ވިތު ކަރަން ރެޕިޑް ފަޔާ ރައުންޑު ވެސް!