03 މެއި 2019 - 08:40
ކަލާޒް އިން ގެނެސްދިން، އެކްތާ ކަޕޫރްގެ ޓީވީ ސިލްސިލާ "ކަސަމް ތޭރޭ ޕިޔާރް ކޭ" ގެ ދެވަނަ ސީޒަން ތަފާތު ކާސްޓަކާ އެކު ގެނެސް ދޭން ނިންމައިފި އެވެ.
ދައްކަން ފަށާނެ އިރެއް އަދި އިއުލާން ނުކުރާ ސިލްސިލާގެ ލީޑް ރޯލުން މި ފަހަރު ފެންނާނީ ކަލާޒްގެ "ނާގިން 3" ގެ ބަތަލުގެ ރޯލުން ފެންނަ ޕާލް ވީ ޕޫރީ އާއި ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ބަތަލާ އިޝިތާ ދައްތާ އެވެ.
"އޭކް ގަރު ބަނޫގާ" ފަދަ ސިލްސިލާތައް ވެސް ކުރިން ކުޅެފައިވާ އިޝިތާއަކީ ދާދި ފަހުން ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް "މީޓޫ" މޫވްމަންޓް ފެށި ކުރީގެ ބަތަލާ ތަނުޝްރީ ދައްތާގެ ކޮއްކޮ އެވެ.
އިޝިތާ ފިރިމީހާއާ އެކު.
"ކަސަމް ތޭރޭ ޕިޔާރު ކީ" ގެ ދެވަނަ ސީޒަނަށް އޭނާ ސޮއިކުރި އިރު، އިޝިތާގެ ދެ ފިލްމެއް މި މަހު ރިލީޒް ކުރާނެ އެވެ. އެއީ އަފްތާބް ޝިވްދަސާނީގެ "ސެޓާޒް" އާއި ކަރަން ކަޕާޑިއާގެ "ބްލޭންކް" އެވެ. އެ ދެ ފިލްމު ވެސް ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހު އެވެ.
ސިލްސިލާއާ ބެހޭ ގޮތުން އިޝިތާ، 28، ބުނީ "ކަސަމް ތޭރޭ ޕިޔާރު ކޭ" މި ފަހަރު ގެނެސް ދޭން ނިންމާފައި ވަނީ އާ ނަމަކާ އެކީގައި ކަމަށެވެ. އެއީ "ބޭޕަނާ ޕިޔާރު" އެވެ.
"މިއީ ވަރަށް ވެސް ތަފާތު ލޯބީގެ އެއްޗަކަށް ވާނެ. ސިލްސިލާގެ ނަމުން ވެސް ދޭހަވާ ގޮތަށް މި ފަހަރު މީގައި އެކުލެވޭނެ ތުރިލާ އެލެމެންޓްސް ވެސް،" އެކްޓަރު ވަތުސަލް ސޭތުގެ އަންހެނުން ބުންޏެވެ.
"ކަސަމް ތޭރޭ ޕިޔާރު ކޭ" އަކީ މާޗް، 7، 2016 އިން ޖުލައި، 27، 2018 އަށް ގެނެސް ދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 621 އެޕިސޯޑް ދައްކާފައިވާ އިރު، ސިލްސިލާގެ މުހިއްމު ރޯލްތައް ކުޅުނީ ޝަރަދު މަލްއުތުރާ އާއި ކްރަތިކާ ސެންގަރެވެ.
އެކްތާގެ "ބޭޕަނާ ޕިޔާރު" އިން ޕާލް އަށް ފުރުސަތު ލިބުނު އިރު، "ނާގިން 3" އަންނަ މަހުގެ ފަހުކޮޅު ނިމުމަކަށް ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy