05 މެއި 2019 - 07:02
ބުދަ ދުވަހާ ގުޅޭ
ތަންކޮޅެއް ފަރުވާކުޑަ ގޮތަކަށް ގޮނޑިއެއް ކައިރިކޮށްލައިފައި ގޮނޑިއަށް އެރީމެވެ. ހަމަ އެރި ވަގުތު އަރިއަޅައިލިއެވެ. ނަސީބަކުން ފައިޖެއްސުނެވެ. އެހެންނަމަވެސް ހިތަށްއެރި އެއްޗެއް ނާރާކަމަކަށް ނުވާނެއެވެ. ހިތަށްއެރިއެވެ. ފައިނުޖެއްސުނު ނަމައެވެ. އަރިއަޅައިލައިގެން ވެއްޓެން ދޫކޮށްލެވުނު ނަމައެވެ.
އަހަންނަށް ވިސްނުނު ގޮތުގައި ބަނޑުގައި އޮތް ކުއްޖާގެ ކިބައިން އަހަންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. އަހަރެން ޖެހޭނީ ވިހާށެވެ. ބަނޑަށް އަށް މަސް ވެފައި ވަނިކޮށް ދަތުރު ވެސް ދިޔައީމެވެ. ހިތް އަތްމައްޗަށްލައިގެން ހުންނަނީ ނަސީރެވެ. މޫދަށް ނޭރެން ބުނެއެވެ. އެކަނި ފާލަންމައްޗަށް ނާރަން ބުނެއެވެ. ކުޅި ފާރޮށި ނުކާން ބުނެއެވެ. އެއިން އެއްވެސް ކަމަކީ އަހަރެން ކުރާހިތްވާ ކަންކަމެއް ނޫނެވެ. އެހެނަސް ހުރިހާ ކަމެއް ވެސް އަހަރެން ކުރީމެވެ. ދަރިފުޅަށް އަހަރެން ބަނޑުބޮޑުވީ ނަސީރުގެ ސަބަބުންކަން އިރުއިރުކޮޅާ ހަނދާންކޮށްދެމެވެ.
ބަނޑު ބޮޑުވާ ވަރަކަށް އަހަރެން ގަންނަ ލަދު ވެސް ބޮޑުވިއެވެ. ހިތަށްއަރައެވެ. މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟ މުސްކުޅިވި ދުވަހު އަހަރެން ދަރިޔަކު ހޯދަނީ ކޮން މޮޅުތަކެއްވާނޭ ހިތައި ހެއްޔެވެ؟ އަހަރެންގެ ފަސްފަހަތުން މީހުން ހާދަހާ މަލާމާތެއްކުރާނެއެވެ. ދަރިފުޅު ވިހާނެކަމަށް ޑޮކުޓަރު ބުނި ހަފުތާގައި އަހަރެންގެ ހުރިހާ ދަރީން ގެއަށް އައެވެ. ގޭތެރެއަށް ހީވަނީ ދެ އީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. ކުއްޖާ ދުނިޔެއަށް ނާންނަނީސް އޭނައަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްލިއެވެ. ވިހަންވެގެން އަހަރެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަހަރެން އޮތީ ފޫހިވެފައެވެ. މީހަކާ ހަތަރުކަޅި ހަމަކުރާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އޮޅިގެން މީހަކަށް ބަލައިލެވުނަސް އެ މީހެއްގެ މޫނުމަތިން އަހަންނަށް ފެންނަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އަހަންނަށް ސިފަވަނީ އެހެންނެވެ.
އަހަރެންނަށް ލިބުނީ ފިރިހެންކުއްޖެކެވެ. ނަމަކާ މެދު އަހަރެން ނުވެސް ވިސްނަމެވެ. ނަން ކިއީ ނަސީރެވެ. މޫސާ މަބްޒޫރުއެވެ. އަހަންނަކަށް އެ ނަމެއް ރީއްޗެއް ނޫނެވެ. އެކަމަކު އަޅައެއްނުލަމެވެ. ނަން ހުތުރުވުމަކީ މަބްޒޫރު ދެކެ ފޫހިވާން ލިބުނު ސަބަބެކެވެ. މަބްޒޫރު ލޯބިކަމުން އަހަރެންގެ ދަރިންނާއި ނަސީރު ވެސް ހީވަނީ މޮޔަވެދާނެހެންނެވެ. އެކަމަކު މަބްޒޫރު ރުޔަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރެއެވެ.
އަހަރެން ވިހާތީ ގެއަށް އައި ދޮށީ ދެ ދަރިން އެއް ރޭ ތިބެފައި ދިޔައެވެ. ގޭގައި ހުރީ ކުރިން ވެސް ގޭގައި ހުރި ކުއްޖާއެވެ. އަހަރެންގެ ވިސްނުމުގައި ހުރީ އޭނަޔާ ހުރިހާ ކަމެއް ހަވާލުކޮށްފައި، އަވަސްއަވަހަށް ގަދަވެގެން އަހަރެން ދުއްވައިގަންނާށެވެ. އެ ކަމެއް ނުވިއެވެ. ކޮޓަރިން ބޭރަށް ނުކުމެލެވެނީ ހާލަކުން ފަހަރަކުއެވެ. މަބްޒޫރު ރޯން ފަށައެވެ. ބުއްފުޅި ދީގެން މައިތިރިކުރެވޭތޯ ބެލީމެވެ. އެ ކަމެއް ވެސް ނުވިއެވެ. ބުއް ނޫން އެއްޗެއް އޭނައަކަށް ކަމަކުނުދިޔައެވެ. އަހަރެން ފޫހިވާނެ އިތުރު ސަބަބެއް ލިބުނީއެވެ. އަނެއްކޮޅުން މަބްޒޫރުގެ ނިދި އެހާ މަޑެވެ. ދަންވަރު އެތައް ފަހަރަކު އަހަރެން ހޭލަންޖެހެއެވެ. އެއީ އަހަރެންގެ އެހެން ކުދިންގެ ނުހުންނަ ސިފައެކެވެ. ފޫހިވާނެ އެހެން ސަބަބެއް ވެސް އިތުރުވީއެވެ. މަބްޒޫރުގެ ކަންތައްތައް ބަލަހައްޓަން އަހަންނަށް ހަވާލުކުރެވުނީ އަހަރެންގެ ދަރިޔަކާ ނޫނެވެ. އަހަރެންގެ މާމަޔާއެވެ. ނެޓުން އޭތިމީތި ބަލައިގެން އައިސް މަބްޒޫރު ގެންގުޅެންވީ ގޮތް އަހަންނަށް ކިޔައިދޭން ފެށިއެވެ. މަބްޒޫރު ބަނޑުހައިވާނެ ގަޑިތަކެވެ. ނިންދަވަންވާ ގޮތެވެ. އެނދުގައި ބާއްވަންޖެހޭ ގޮތެވެ. ގަންނަންވީ އެންމެ ރަނގަޅު ނެޕީއެވެ. އަހަރެން ކާން އެންމެ ރަނގަޅު އެއްޗެއްސެވެ. ނުކާންވީ އެއްޗެއްސެވެ. އެއާކޯންގެ ފިނި ހުންނަންޖެހޭ ވަރެވެ. ތަނުގައި އަލި ހުންނަންޖެހޭ ގޮތެވެ. ހީވާ ކަހަލައެވެ. މަބްޒޫރަކީ އަހަންނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.
"ބުނަން ރަނގަޅު ވާހަކައެއް،" ލިބުނު ފުރުސަތުގައި އަހަރެން ބުނީމެވެ. "ކަލޭގެ ކޮއްކޮގެ ކަންތައް ކަލޭ ބަލަހައްޓާ!"
އަހަރެން ހީކުރީ އެ ހިސާބުން ހުރިހާ ފޯރިއެއް ކެނޑޭނެކަމަށެވެ. އެހެންނަމަވެސް އޭނައަށް ދަރިޔަކު ލިބުނު ކަހަލައެވެ. އަހަރެން ނޫން އެހެން މީހަކަށް ކުރެވޭނެ ހުރިހާ ކަމެއްގެ ޒިންމާ އޭނަ ނެގިއެވެ. އަހަންނަށް ވަރަށް ފަސޭހައެވެ. އަހަރެންގެ ކަމަކީ ފޯނުން ރައްޓެހިންނާ ވާހަކަދެއްކުމެވެ. އެ ވަރުން ފުދެއެކޭ ނޫނެވެ.
ދުވަސްކޮޅަކަށް ލުއިވުމަށް ފަހު ދެން ކުރިމަތިވީ ކުރިޔަށް ވުރެ ވެސް ބުރަ ދުވަސްތަކެކެވެ. ކަންތައް ކޮށްދޭން ގޭގައި ހުރި ދަރިފުޅު މީހަކާ އިނދެގެން ދިޔައީއެވެ. މަބްޒޫރުގެ ހުރިހާ ކަމެއް އަހަންނަށް ކުރަންޖެހުނީއެވެ. އޭރު މަބްޒޫރަށް ދެ އަހަރެވެ. ބުރައިގެ މައްޗަށް ބުރަވެފައި ހުއްޓައި މަބްޒޫރު ބޭބީ ނާސަރީއަށް ވައްދަން ނަސީރު ބޭނުންވިއެވެ. އަހަރެން އިންކާރުކުރީމެވެ. ނަސީރު އެ އަޑެއް ނޭހިއެވެ. އޭނައަށް ނޭވާލެވުނީ އެ ނާސަރީއަކަށް މަބްޒޫރު ވައްދައިފައެވެ. އެ ހިސާބުން ގެއާއި އިސްކޫލާ ދެމެދުގައި ހިނގަންޖެހުނެވެ. މަބްޒޫރު އިސްކޫލުގައި އިންނަނީ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދެކޮޅަށް ހިނގަންޖެހުނީ އަހަންނަށެވެ.
ކިލާސް މަތިވި ވަރަކަށް ގިނަ ކަންކަމުގައި މަބްޒޫރު ބައިވެރިވާން ފެށިއެވެ. ޓިއުޝަނަށް ދާންޖެހުނެވެ. ކުޅިވަރަށް ދާންޖެހެއެވެ. ޤުރުއާން ކިލާހަށް ދާންޖެހެއެވެ. ބެލެނިވެރިންގެ ދުވަހު ލަދުގަންނަ ކަހަލަ އެތަކެއް ސުވާލަކާ އަހަރެން ކުރިމަތިލާންޖެހެއެވެ. މަބްޒޫރަކީ މާމަދަރިއެއްހޭ އެކަކު އަހާނެއެވެ. އަހަންނަކީ ޓީޗަރެއްހޭ އަނެކަކު އަހާނެއެވެ. ލަދުން މަރުވާވަރު ވެއެވެ. ކުދިންގެ މަންމައިން ގޮތުގައި ގޮސް ތިބެނީ އަހަރެންގެ ދަރިން އުމުރުގެ ކުދިންނެވެ. އެންމެންގެ ތެރޭގައި އަހަރެން އިންނަނީ އިސްއުފުލައިލަން ނުކެރިފައެވެ. ގެއަށް އަންނަ މަގުމަތީގައި އައިސްކިރިމު ބޯން މަބްޒޫރު އެދެއެވެ. ޒުވާންކުދިން ވަންނަ ތަނަކަށް އަހަންނަށް ވަންނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ފޮނި އެއްޗެހި ކެއުން އަހަންނަށް މަނައެވެ. ނުމޫސުމުގައި ދަރިޔަކު ވިހަންޖެހުމުގެ ހިތިކަން އިހުސާސްކުރަން ނުޖެހޭ ދުވަހެއް ނާދެއެވެ.
މަބްޒޫރު ގޮވައިގެން ހިނގަން ބިދޭސީއަކު ގެންނާކަށް ނަސީރު ހިލާ އެއްބަހެއް ނުވިއެވެ. ގޭގައި އޭރު ހުރި ބިދޭސީ ލައްވާ ވެސް މަބްޒޫރުގެ ކަންތައް ކުރުވާކަށް ނަސީރު ގަބޫލެއްނުވިއެވެ. މަބްޒޫރު ރަނގަޅަށް ތަރުބިއްޔަތު ނުކުރެވިދާނެތީއެވެ. އަހަރެން ނޭވާހޮޅިޔަށްއެޅޭ ތަނެއް ނަސީރަކަށް ނުފެނެއެވެ. އޭރު މަބްޒޫރަށް ލޯބިން ބަލައިލެވުނު ދުވަހެއް އަހަރެން ހަނދާނެއް ނެތެވެ. މަބްޒޫރާ ވާހަކަދައްކަން ޖެހިއްޖެއްޔާ އަހަރެންގެ އަޑެއް މަޑެއް ނުވެއެވެ.
"މަބްޒޫރު ހުރިހާ ތާކުން ކަނޑާލާ!" އެއްދުވަހަކު އަހަރެން ބުނީމެވެ. "މަށަކަށް ނުވާނެ. ދެން އިތުރަށް އެންމެ ފަހަރަކު ވެސް މަބްޒޫރު ގޮވައިގެން އެއްވެސް ތާކަށް އަހަންނަކަށް ނުދެވޭނެ. ނަސީރު ހަދާނެ އެއްޗެއް ހަދާ!"
ރަތްކާޑު ދެއްކުމުން ނަސީރަށް ގޮތްހުސްވިއެވެ. ގެއަށް އިތުރު ބިދޭސީއަކު ގެންނަން އެ ދުވަހު ނަސީރު ވަރަށް މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ވަގުތުދިނުމަށް ނަސީރު އެދުނެވެ. އެންމެ ދުވަހެވެ. އެ ކަމަކަށް ވެސް އަހަރެން އެއްބަހެއްނުވީމެވެ.
"ނަސީރު އެ ކަމާ ހަވާލުވިޔަސް އޯކޭ،" އަހަރެން ބުނީމެވެ. "އަހަންނަކަށް ދެން ނުދެވޭނެ."
ޖެހިގެން އައި ދުވަހު މަބްޒޫރު އިސްކޫލަށާއި އެހެން ހުރިހާ ތާކަށް ގެންދިޔައީ ނަސީރެވެ. ކަމަކީ ކިހާ ބުރަކަމެއްކަން ނަސީރަށް އެ ދުވަހު ވިސްނުނެވެ. ހަމަ އެ ދުވަހު އިތުރު ބިދޭސީއަކު ގެއަށް ގެނައެވެ. އެއީ މާލޭގައި އުޅުނު ނެޕާލް އަންހެންކުއްޖެވެ. އަނެއްކާ ވެސް އަހަންނަށް ނޭވާލާނެ ޖާގަ ލިބުނެވެ. ގެއްލުނު އުފާ ހޯދަން އަތުކުރިއޮޅައިލީމެވެ. އޮއްސޭ އިރާއެކު އަހަރެން ގެއިން ނުކުންނަމެވެ. ރޭގަނޑު އެގާރަނުޖަހަނީސް ގެއަކަށް ނުވަންނަމެވެ. އަހަރެން އުޅޭހިތްވާ ގޮތަކީ އެއީއެވެ. ހަފުތާއެއް ވަންދެން ވެސް ނަސީރަކަށް ކެތެއްނުވިއެވެ.
"ރޭގަނޑު ބޭރަށްދިޔުން ހުއްޓާލާ!" ނަސީރުގެ އޯޑަރުއައެވެ. "ސަލްމީ އަކަށް މަބްޒޫރު ކޮންޓްރޯލެއް ނުވޭ! ރޭގަ ވެސް އަހަރެން ގެއަށް ވަންއިރު.."
"ސަލްމީއަކަށް އެ ކަމެއް ނުކުރެވޭ! އަހަރެން އެ ކަމެއް ނުކުރާނަން!" ވަރަށް ސާދާކޮށް އަހަރެން ބުނީމެވެ. "އަހަންނަކީ އަބަދުވެސް މިނިވަންކޮށް އުޅުނު މީހެއް. ދެން ވެސް އުޅޭނީ އެހެން."
"ތިހެން ބުނާއިރު ވިސްނޭތަ ދަރިފުޅު ބޮޑުވެގެން ކިހާ ޝަކުވާއެއް ކުރާނެކަން؟" ނަސީރު އެހިއެވެ. "މަންމައަކަށްވެ ހުރެ އެ ވަރު ނުވިސްނޭތީ މަ ހަމަ ހައިރާންވޭ! ހެޔޮނުވާނެ ދަރިޔަކު ދެކެ ތި ވަރަށް ފޫހިވާކަށް."
"އަހަރެން ވެސް ހާދަހާ ޝަކުވާއެއްކުރީމޭ! ހާދަހާ އާދޭހެއް ކުރީމޭ!" އަހަރެން ބުނީމެވެ. "ނަސީރު އަޅައެއްނުލީމެއްނު! އެހެންވެގެނެއްނު މިހެންވީ. އަންހެނަކު ނޫނެކޭ ބުނީމަ ފިރިހެނުންނަށް ކީއްވެގެންތަ އާނއެކޭހެން ހީވަނީ؟ މަ ވެސް ހާދަހާ ހައިރާނެއްވެއޭ. ތިން ދަރިން ބޮޑުކުރިއިރު ނަސީރަށް ދުވަހަކު ވެސް ތިހެން ބުނަންޖެހުނު؟ ނުޖެހޭނެ! ދަރިފުޅުމަތިން އަހަރެން ފޫހިވި ވާހަކަ ދައްކާއިރު ފޫހިކުރުވީ ކާކު؟ ނަސީރު. އަތްގޮށީތެރޭ ފެންހުއްޓާ މުށްކަވައިލައިފިއްޔާ އިނގިލިތައް ދޭތެރެއިން ފެންފޮދު ދެމިގަންނާނެ. ލޯތްބަކީ އެ ކަހަލަ އެއްޗެއް. ގަދަކަމުން ލޯތްބެއް ނުހޯދޭނޭ. އެ ވަރިހަމަ ދަރިޔަކަށް ވިޔަސް."
މަބްޒޫރު ދެކެ އަހަރެން ކިހާ ރުޅިއަންނަކަން އޭނައަށް ވެސް ވިސްނެއެވެ. ބައެއް ފަހަރު އެހެން ބުނޭ ވެސް މެއެވެ. އަހަރެން އެއްބަހެއް ނުވަމެވެ. ދޮގެއްހަދައިލައިގެން ފޫބައްދައިލަނީއެވެ. ހަގީގަތުގައި މަބްޒޫރު ދެކެ އަހަރެން ވަރަށް ރުޅިއާދެއެވެ. ވަރަށް ފޫހިވެއެވެ. އަހަންނަށް ހީވަނީ އަހަންނަކީ ފިޔަ ކޮށައިލައިފައިވާ ދޫންޏެއްހެންނެވެ. ދެ ފައިން ހިނގައިފައި އުޅެވެއެވެ. އުދުހެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ. ރޯދަމަސް އަންނާނީއެވެ. އަހަރެންގެ ގުރޫޕު އެންމެން ވީ ސިންގަޕޫރުގައެވެ. ފޮޓޯތައް ފެންނަން އެބަހުއްޓެވެ. އަހަންނަށް އޮތީ ފޯނުން ފޮޓޯބެލުން ނޫން އެހެން ކޮން ގޮތެއް ހެއްޔެވެ؟ އަހަރެންގެ ނިތްކުރީގައި މީހުން ޖަހާނީ ކޮން ކަހަލަ ސިއްކައެއްކަމެއް ނޭނގެއެވެ. އަހަންނަކީ ނުބައި އަންބެއް ނޫނެވެ. ނުބައި މަންމައެއް ވެސް ނޫނެވެ. އިންސާނަކީމެވެ. ހާދަހާ ބުރައެއް އުފުލައިފީމެވެ.
މިހާރު އަހަރެންގެ އުމުރުން ފަންސާސް އަށް އަހަރެވެ. މީ ކުޑަދަރިއެއް ބަލަން ކޮން އުމުރެއް ހެއްޔެވެ؟ ގައިގައި މާ ބޮޑު ހަކަތައެއް ހުރީކީ ނޫނެވެ. އުފަލާއި ހިތްހަމަޖެހުމަކީ އަހަރެންގެ ވެސް ހައްގެކެވެ. މަންމައަކަށް ވުމުގެ ކުރިން އަހަންނަކީ ވެސް ދަރިޔަކީމެވެ. އަންބަކަށް ވުމުގެ ކުރިން އަންހެނަކީމެވެ. އަހަރެންގެ އަޑުއަހާނެ ކޮންމެވެސް މީހަކު ހުންނަންޖެހޭނެއެވެ. ކުރިޔަށް އޮތް ތަނުގައި ވާނެ ގޮތެއް އެކަކަށް ވެސް ބުނާކަށް ނޭނގޭނެއެވެ. އެކަމަކު އަހަރެންގެ މިނިވަންކަން ފޭރިގަތް މީހަކު ދެކެ ލޯބިވެވޭނެހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އެއީ ދަރިފުޅު ކަމުގައި ވިޔަސްވެހެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް އުފާވޭ
19 March 2020
އަހަރެން ވިހެއީ މަންމައަށް 40 އަށް ވުރެ މައްޗަށް ދިޔަތަނާ އޭރު ބައްޕަ 50އަށް ވުރެ މައްޗަށް ވެސް ހިނގައިދާނެ. ބޭބެމެންނާއި ދައްތަމެންނާ ދެމެދު ހުންނަ ފަރަގު އެހާމެ ބޮޑު. އެކަމަކުވެސް ލިބުނު އުފަލަކީ މަންމަމެންނާއި އެމީހުންގެ ލޯބި ލިބުނުކަން. މައިންބަފައިން މުސްކުޅިވިޔަސް ހީވީ އީދެއް އައިސްގެން އުޅުނުހެން އަހަރެން ލިބުނީމަ. އެމީނުންނަށާއި އެއްބަޑުއެއްބަފާ މީހުންނަށް ހެޔޮ ރަހްމަތް ލައްވާށި! އާމީން
ނެބިހޫރު
05 May 2019
ކަނޑޫދޫ މިރުސްކޮޅެއް އަގުހެޔޮކޮށް ލިބޭނެ ގޮތެއް އެބައޮތްތަ
ޕުއްޕު
05 May 2019
ޗީ
ފެމުނު
05 May 2019
އަހަރެންގެ އުމުރުން ސާޅީހާގާތްކުރަނީ..ދަރިއަކުލިބޭތޯ މިދުނިޔެމަތީގަ ނުކުރެވޭއެއްވެސް ކަމެއްނެތް. ނުހޯދޭފަރުވާއެއްނެތް ... މީހުންގެ މަލާމާތްކުރިމަތިވޭ .. ފިރިމީހާގެ އާއިލާގެ ނުރުހުން ކުރިމަތިވޭ ... ދަރިއަކުނެތްކަމުގެ އިހްސާސްނުވާ ފަޅިސިކުންތެއް ނުދާނެ. ދުނިޔޭގަވާ ހުރިހާހުސްވަގުތެއް މަގޭ އެބައޮތް... މިވާހަކައިގަ އުޅޭފަދަމީހުންގެ ނަސީބުކިހާގަދަކަމެއް އެމީހުންނަކައް ނުވިސްނޭ... ވަރަށްރީތި މި ވާހަކަ ބިންމާ.
ދެރަވޭވަރަށް
05 May 2019
އަހަރެންވެސް ނުދާ ތަނެއް ނުހޯދާ ފަރުވާ އެއް ނެތް، މިހާރު ގާތްގަޑަކަށް އުމުރުން 40ހަށް އަޅަނީ. ވަރަށް ހިތްދަތިވޭ ފިރިމީހާގެ މައިންބަފައިން އަންނަ ރުޅިއާ މީހުން، ރައްޓެހިންވެސް ވިސްނާނުލާ ބުނެލާ އެއްޗެހިން. ދަރިންނަކީ އުދަގުލަކަށްވެގެން ޝަކުވާކުރާ ރައްޓެހިން ތިބޭ. ދަރިއެއް ނެތް މީހުންނަށް ހުރިހާ ކަމެއްވެސް ކިހާ ފަސޭހަހޭ ބުނާ މީހުން. އެމީހުންނަށް ލިބިފައިވަނީ ހާދަބޮޑު ނިއުމަތެކޭ. ކިތައް މީހުން އެ ނިއުމަތަށް އެދި ތާއަބަދު މަސައްކަތްކޮށް ދުއާ ކުރަނީ؟
ޔޫން
05 May 2019
ތިބާއަށް ﷲ ކުރިމަތިކުރައްވާފައިވާ އިމްތިހާނުން ކެތްތެރިކަމާއިއެކު ކުރިމަތިލާ. އަހަރެންގެ ދުއާގައި ތިބާ ޝާމިލް ކުރަން.
ކުރަފަތްބޭބެގެ
05 May 2019
ކޮބާ ވާހަކަ ކަމުދިޔަ ދޯ. ރޯދައަށް ގެ ސާފުކުރުމުގަ އަވަދިނެތިވެގެން ކޮމެންޓެއް ކޮއްނުލެވުނީ. އެކަމްވެސް އެނގޭތަ. އެއްމެ ކުރިން ވާހަކަ ކީ ހަމަ ކުރަފަތްބޭބެ
ތުނިޔަ
05 May 2019
ރަމަޟާން މުބާރަކް!
ޔެސް
05 May 2019
މިފަދަ ކަންތައް ހިނގާފައި އެބަހުރި. ތިމާގެ ގައި ބާރު ހުންނައިރު ދުނިޔެ މުށުތެރެއަށްވެސް ލެވިދާނެ. އެކަމަކު ހިނގަމުނަދާއިރު ފައި އަޅާލެވޭގޮތަކުން މުޅި ޢުމުރުގައި ތިމާ ބަލި ތަންމައްޗެއްގައި އޮންނަން ޖެހި އަނެކާގެ ލޮލުން ހަދިޔާ ކޮށްލާ އުފާވެރި ބެލުމަކީ ތިމާއަށް ތަދު ބޭހަކަށްވެސް ވެދާނެ. އެފަދަ ވަގުތުގައި އެއްކަލަ ކުއްޖާއަކީ ތިމާގެ ދިރިހުރުމުގެ ސަބަބެއް ކަމުގައިވެސް ވެދާނެ.
ފޫހި
05 May 2019
ބިންމާ އަންހެނުންގެ ހުރި އުނިސިފަ ދައްކަން ވަރަށް އެބަ މަސައްކަތްކުރޭ އަބަދުވެސް ފިރިހެންމީހާ ރަނގަޅުކަމަށްދައްކާނީ.
ސޫރާ
05 May 2019
ކަލޭ ދައްކަބަލަ. މިތަނުން އެއްވެސް ގޯހެއް އޮތްތޯ.
ސަމާ
05 May 2019
ނުބައި އަންހެނެއް..ކުއްޖާގެ ކުށަކީ ކޮބާ
ކުރަފަތްބޭބެ
05 May 2019
ހުރިހާ ކުދިންނަށް ކުރަފަތް ބޭބެގެ ސަލާން!