12 މެއި 2019 - 08:37
އަސްލު ނަމަކީ އާލިއާ އަދުވާނީ ކަމަށާއި އެ ނަން ކިއާރާ އަށް ބަދަލު ކުރީ ސަލްމާން ހާން ދިން ލަފަޔަކަށް ކަމަށް، ވިދަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.
ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް "ވޫޓް" އިން ގެނެސްދޭ އަނައިތާ އަދަޖާނިއާގެ "ފީޓަޕް ވިތު ސްޓާޒް" ސީޒަން 2ގެ އެޕިސޯޑެއްގައި ކިއާރާ، 26، ބުނީ އޭނާގެ އަސްލު ނަމަކީ އާލިއާ ކަމަށެވެ. ވިކިޕީޑިއާގައި ވެސް ބުނަނީ އެހެންނެވެ.
"އަދިވެސް އަހަރެންގެ އަސްލު ނަމަކީ އާލިއާ އަދުވާނީ. ކިއާރާ އަދުވާނީ އަކީ ސްކްރީން ނަން. އެގޮތަށް ނަން ބަދަލު ކުރީ ސަލްމާން ބުނެގެން،" ފިލްމު "ފަގްލީ" އިން 2014 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ. "ސަލްމާން ބުނީ އާލިއާ ކިޔާ ވަރަށް މަޝްހޫރު ބަތަލާއަކު ހުންނާތީ އަމިއްލަ އައިޑެންޓިޓީއެއް ހޯދަން ބޭނުން ނަމަ ކިއާރާ އަށް ނަން ބަދަލު ބޭނުން ކުރަން ފެންނަ ކަމަށް. އެ ހިޔާލާ ގުޅިގެން ހަގީގަތުގައި ކިއާރާ ބޭނުންކުރަން ފެށީ. މިހާރު އަހަރެންގެ މައިންބަފައިން ވެސް އެ ނަމަށް ފަރިތަވެއްޖެ."
އޭނާ ބުނި ގޮތުގައި ސަލްމާނަކީ ބޮލީވުޑުން އެންމެ ކަމުދާ އެކްޓަރު ވެސް މެ އެވެ. އެހެން އޭނާ ދިން ހިޔާލަކީ ވަރަށް ރަނގަޅު ހިޔާލެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
ކަރަން ޖޯހަރުގެ ކޭމްޕުން މިހާރު ގިނަ ފުރުސަތުތަކެއް ވެސް ލިބެމުން އަންނަ ކިއާރާގެ ބޮޑު ހަތަރު ފިލްމެއް މިހާރު ވެސް އެބަ އޮތެވެ. އެއީ ކަރަން ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" އާއި "ޝޭރްޝާހް" އާއި ޓީ ސީރީޒްގެ "ކަބީރު ސިންގް" ގެ އިތުރުން އަކްޝޭ ކުމާރުގެ "ލާކްޝްމީ ބޮމްބް" އެވެ.
މިދިޔަ މަހު ރިލީޒް ކުރި ކަރަންގެ "ކަލަންކް" ގެ ހާއްސަ ރޯލެއް ކުޅެފައިވާ ކިއާރާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ކަބީރު ސިންގް" އިން ޝާހިދު ކަޕޫރާ އެކީގަ އެވެ.
"މެޝިން" އާއި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ފަދަ ފިލްމުތައް ކުޅެފައިވާ ކިއާރާއަކީ ތެލެގޫ ފިލްމުތައް ވެސް ކުޅޭ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy