މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ރިތިކް ރޯޝަންގެ ފިލްމު "ކާބިލް" ޗައިނާގައި ދައްކަން ނިންމައިފި އެވެ.
ރިތިކްގެ ބައްޕަ ޕްރޮޑިއުސްކޮށް، ސަންޖޭ ގުޕްތާ ޑައިރެކްޓްކުރި ފިލްމު ޗައިނާގައި ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 އިން ފެށިގެންނެވެ. މިއީ ބޮލީވުޑްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޗައިނާގައި ރިތިކްގެ ފިލްމެއް ދައްކާ ފުރަތަމަ ފަހަރެވެ. އަދި "ކާބިލް" އަކީ އެންމެ ފަހުން ސިނަމާ އަށް އައި ރިތިކްގެ ފިލްމު ވެސް މެ އެވެ.
އޭނާ "ލޯ އަނދިރި" މީހެއްގެ ރޯލް ކުޅެފައިވާ މި އެކްޝަން ތުރިލާގެ ބަތަލާއަކީ ޔާމީ ގޯތަމް އެވެ.
ޖެނުއަރީ، 25، 2017 ގައި ރިލީޒް ކުރި "ކާބިލް" އަކީ ބޮކްސް އޮފީހުގައި 177 ކްރޯޑް ރުޕީސްގެ އާމްދަނީއެެއް ހޯދި ފިލްމެކެވެ.
ރިތިކްގެ އާ ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ "ސުޕަ 30" އާއި އަދި ނަން އިއުލާން ނުކުރާ ޔާޝްރާޖް ފިލްމް (ވައިއާރްއެފް) ގެ ފިލްމެކެވެ.
"ދޭ ދޭ ޕިޔާރު ދޭ" މިއަދު
ކުރިން މާދަމާ ރިލީޒް ކުރަން އޮތް އަޖޭ ދޭވްގަންގެ "ދޭ ދޭ ޕިޔާރު ދޭ" މިއަދު ރިލީޒްކޮށްފި އެވެ.
ފިލްމު ރިލީޒް ކުރަން ނިންމި ތާރީހުގެ އެއް ދުވަސް ކުރިން، ބެލުންތެރިންނަށް ފިލްމު ދޫކޮށްލި އިރު "ދޭ ދޭ ޕިޔާރު ދޭ" ބެލުންތެރިން އުންމީދުތަކެއް ކުރާ ފިލްމެކެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ.
އާންމުކޮށް ތަންކޮޅެއް ސީރިއަސް ރޯލްތައް ކުޅޭ އަޖޭ މި ފިލްމުގައި ފެނިގެން ދާނީ އޭނާގެ އުމުރަށް ވުރެ ދެ ގުނަ ހަގު އަންހެނަކާ އެކު ލޯބީގެ ގުޅުމެއް ބާއްވާ ޒުވާން ދަރިންތަކެއްގެ ބައްޕައެއްގެ ރޯލުންނެވެ. އަދި އޭގެ ސަބަބުން ކުރިމަތިލާން ޖެހޭ ލަދުވެތި ކަންތައްތައް މަޖާ ގޮތަކަށް ފިލްމުގައި ކިޔައި ދޭނެ އެވެ.
އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" ގެ ބަތަލާއަކީ ތައްބޫ އާއި ރަކުލް ޕްރީތު ސިންގެވެ.
އަނިލްއަކީ ކުނާލްގެ ބޮޑު ފޭނެއް
އަނިލް ކަޕޫރަކީ އަބަދު ވެސް ވަރަށް ބޮޑު ފޭނެއް ކަމަށް އޭނާއާ އެކު މިހާރު ފިލްމު "މަލަންގް" ގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު ކުނާލް ކޭމޫ ބުނެފި އެވެ.
ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާންގެ ފިރިމީހާ ބުނީ އަނިލްއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ހުވަފެނެއް ހަގީގަތަކްވުން ކަމަށެވެ. އަދި އޭނާއަކީ ވަރަށް ކުޑައިރުއްސުރެ އަނިލްގެ ފިލްމުތަކަށް ލޯބި ކުރާ މީހެއް ކަމަށް ބުންޏެވެ.
މޯހިތު ސޫރީ ޑައިރެކްޓް ކުރާ "މަލަންގް" ގެ ކާސްޓުންނަކީ އަނިލް އާއި ކުނާލާއި އަދިތިޔާ ރޯއި ކަޕޫރްގެ އިތުރުން ޑިޝާ ޕަޓްނީ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
"ގޭމް އޯވާ" ގެ ޓީޒާ ދައްކާލައިފި
ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅެފައިވާ ތުރިލާ "ގޭމް އޯވާ" ގެ ޓީޒާ ދައްކާލައިފި އެވެ.
މި ފިލްމަކީ އެސް ސަޝީކާންތާއި ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އަޝްވިން ސަރްވަނަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ގޭމް އޯވާ" ޓީޒާ އިން ފެންނަ ގޮތުގައި މިއީ ވީޑިއޯ ގޭމް ކުޅެން ދެވިހިފާފައިވާ މީހަކަށް ދިމާވާ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ.
މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 14 ގަ އެވެ.