މަދޫ: އޭނާ ބޮލީވުޑަށް ތައާރަފުވީ އަޖޭއާ އެކު.
17 މެއި 2019 - 09:47
އަޖޭ ދޭވްގަންއާ އެކު 1991 ގައި ބޮލީވުޑަށް ނުކުތް ބަތަލާ މަދޫ ގިނަ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ހިންދީ ސިނަމާ އަށް އަންނަން ނިންމައިފި އެވެ.
ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅުމަށް ފަހު، މަދޫ ފަހުން އެންމެ ބޮޑަށް ހަރަކާތްތެރިވީ ސައުތު ފިލްމު އިންޑަސްޓްރީގަ އެވެ. އެގޮތުން ތަމަޅަ، ތެލެގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ހަދާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި 1999 ގައި ކައިވެނިކޮށް ދަރިން ލިބުނު ފަހުން ދުވަސްތަކެއް ވަންދެން އެކްޓިންއާ ދުރުގައި ވެސް ހުއްޓެވެ.
މަދޫ އެނބުރި ބޮލީވުޑަށް އަންނަނީ "ކަލީ ބަލީ" ކިޔާ ހޮރޯ ކޮމެޑީއަކުންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2011 ގެ "ލަވް ޔޫ...މިސްޓަ ކަލާކާރް" އިންނެވެ.
މިހާރު 50 އަހަރުގެ ބަތަލާ މުމްބާއީ މިރާ އަށް ބުނީ އެއްވެސް އިރެއްގައި އޭނާ ފިލްމު ކުޅުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އާންމުކޮށް ދިރިއުޅެނީ ވެސް މުމްބާއީގައި ކަމަށް ބުންޏެވެ.
"ފިލްމު ކުޅުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް. އަދި ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ވެސް ވަރަށް ލޯބި ކުރާ ކަމެއް،" ދިލްޖަލޭ، ރޯޖާ އަދި ޖެންޓްލްމޭން ފަދަ ފިލްމުތައް ކުޅުނު މަދޫ ބުންޏެވެ.
އޭނާ ވަނީ ސިލްސިލާތައް ވެސް ކުޅެފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭޑ އެއްޗަކީ 2017 ގައި ސްޓާ ޕްލަސް އިން ގެނެސް ދިން "އާރަމްބް" އެވެ. އެއީ ބަަތަލާ ސޮނާލީ ބެންޑްރޭގެ ފިރިމީހާ ގޯލްޑީ ބޭލް ޕްރޮޑިއުސް ކުރި އެއްޗެވެ. މަދޫ ބުނީ ޓީވީ ސިލްސިލާތައް ކުޅެން އެހާ ބޮޑަށް ބޭނުން ނުވާ ކަމަށެވެ.
ސަބަބަކީ މުޅި ހަތަރުދަން ކަހަލަ ގޮތަކަށް އެއަށް ވަގުތު ހުސްކުރަން ޖެހުމެވެ.
"އެކަމަކު ކޮންމެ ބަހަކުން ހަދާ ފިލްމަކަށް ވިޔަސް، ހިތްހަމަޖެހޭ ކަހަލަ ރޯލްތައް ލިބޭ ނަމަ ކުޅޭނަން،" މަދޫ ބުންޏެވެ.
"ކަލީ ބަލީ" ގައި މަދޫ ފެނިގެން ދާނީ "އާރަމްބް" ގައި ވެސް އޭނާއާ އެކު މަސައްކަތް ކުރި އެކްޓަރު ރަޖްނީޝް ޑުއްގަލްއާ އެކީގަ އެވެ. ނަމަވެސް އެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ.
މަދޫގެ ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ އަމެޔާ ޝާހް، 18، އާއި ކެއިއާ ޝާހް، 16، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy