ވީމީޑިއާގެ އަލަތު ފީޗާ ފިލްމު "ދައުވަތު"ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ މަހުގެ 12 ގައި އޮލިމްޕަހުގައި އަޅުވާ ފިލްމު "ދައުވަތު"ގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ.


މި ފިލްމަކީ ވީ މީޑިއާގެ މުނިފޫހި ގޮފިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން ރޯދަ މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 11:00 ހަމައަށް އޮލިމްޕަހުން ވިއްކާނެ އެވެ.

ޓިކެޓްގެ އަގަކީ 100ރ. އެވެ.

ފިލްމާ ބެހޭ ގޮތުން ވީމީޑިއާގެ ޕްރޮޑަކްޝަން ޕޫލްގެ ހެޑް އަދި މަޝްހޫރު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނި ގޮތުގައި ރޯދައިގެ ފަހުން ޓިކެޓް ވިއްކާނީ އާންމުކޮށް އޮލިމްޕަހުގައި ޓިކެޓް ވިއްކާ ގަޑިތަކުގަ އެވެ. އެއީ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.

"އޮލިމްޕަހުގައި ފަނަރަ ޝޯ ދައްކަން ޓާގެޓްކޮށްގެން މިއުޅެނީ،" ޝަފީގް ބުންޏެވެ. "އަދި ރަށްރަށުގައި ފިލްމު އަޅުވަން އެދޭ ވަރަކުން އެ އިންތިޒާމު ވެސް ހަމަޖައްސައި ދެވޭނެ. އަހަރެމެން ބޭނުންވޭ ވީހާ ވެސް ގިނަ ރަށްރަށުގައި ފިލްމު ދައްކަން."

ލޯބީގެ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ދައުވަތު" އަކީ ސިހުރުހާހޫރައިގެ ސަބަބުން ކުރިމަތިވާ ކަންތައްގަނޑެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އަލީ (ދޮން އައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

"ދައުވަތު" ގެ މަންޒަރުތައް ނަގާފައި ވަނީ ބ. ދަރަވަންދޫގަ އެވެ.

ޝަފީގު ބުނީ ވީމީޑިއާގެ ދަށުން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ފިލްމަށް މި ފިލްމު ވާނެ. ވަރަށް ހިތްހަމަޖެހޭ މީގެ ޓީމުން ފިލްމަށް ކޮށްފައި އޮތް މަސައްކަތާ ދޭތެރޭ،" އޭނާ ބުންޏެވެ. "މި ފިލްމަށް ފަހު ވެސް ވީމީޑިއާ އިން ފިލްމުތައް ގެނެސް ދޭނެ."

"ދައުވަތު" އަކީ ޔޫއްޕެ ޑައިރެކްޓްކޮށް މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ވެސް އޮލިމްޕަހުގައި ދެއްކީ އޭނާގެ ފިލްމެކެވެ. އެއީ "ނަފުރަތުވުމުން" އެވެ. ޔޫއްޕެގެ ޑައިރެކްޝަނަކަށް މި އަހަރު ފުރަތަމަ ގެނެސް ދިނީ "40+" އެވެ.

"ދައުވަތު" އަކީ މި އަހަރު އޮލިމްޕަސް ސްކްރީނަށް ގެންނަ ފަސް ވަނަ ފިލްމެވެ.