މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފު ކުރި ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.
ސަލްމާން ޕްރޮޑިއުސް ކުރި "ލަވް ޔާތުރީ" އިން އެކްޓިން އަށް ނުކުތް އެކްޓަރު މި ފަހަރު ސޮއިކޮށްފައި ވަނީ ސަލްމާނާގެ ހިއްސާއެއް ނެތް ފިލްމަކަށެވެ. "ކުވާތާ" ގެ ނަން ދީފައިވާ މި ފިލްމަކީ ސުނިލް ޖެއިން އާއި އަދިތިޔާ ޖޯޝީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ކަރަން ލަލިތު ބުޓާނީ ޑައިރެކްޓް ކުރާ "ކުވާތާ" ގައި އާޔޫޝް ކުޅޭނީ ސިފައިންގެ މީހެއްގެ ރޯލެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސަލްމާންގެ ހަގު އަންހެން ކޮއްކު އަރުޕިތާ ހާންގެ ފިރިމީހާ ދެވަނަ ފިލްމަކަށް ސޮއިކޮށްފައި މި ވަނީ ސަލްމާނާ ވެސް އެކު އޭނާ ފިލްމެއް ކުޅެން ޕްލޭންކޮށްފައިވާ ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ. އެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރިމެކެވެ. ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ކަމެއް ސަލްމާން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އަލަށް ތައާރަފުވި ބަތަލާ ވަރީނާ ހުސައިނާ އެކު އާޔޫޝް، 33، ކުޅުނު ލޯބީގެ ފިލްމު "ލަވް ޔާތުރީ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ. އެކަމަކު މި އަހަރު ބޭއްވި ބައެއް އެވޯޑްތަކުގައި އެންމެ މޮޅު އާ އެކްޓަރުގެ މަގާމަށް އެ ފިލްމުން އޭނާ ނޮމިނޭޓްވި އެވެ.