"މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭ ރޭ" ދައްކާލައިފި

އަންނަ މަހު ރިލީޒްކުރާ، ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމު "މާމުއި" ޕްރޮމޯޝަނަލް ލަވަ "ރޭ ރޭ" ދައްކާލައިފި އެވެ.


މިއީ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "ރޭ ރޭ" ގެ އާ ވާޝަނެކެވެ. މި ފަހަރު ލަވަ ކިޔާފައި ވަނީ މީރާ މުހައްމަދު މާޖިދާއި ޓޯއި އެވެ. ލަވައިގެ ވީޑިއޯގައި "މާމުއި" ގެ މައިގަނޑު ކާސްޓުންނާ އެކު، ފިލްމުގެ ބައެއް މަންޒަރުތައް ވެސް ހިމަނާފައިވެ އެވެ.

އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ މި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއުގެ ޑައިރެކްޝަނެކެވެ. ކޮމެޑީ ފިލްމު "މާމުއި" އަކީ މިދިޔަ އަހަރު ގެނެސް ދިން "ވަކިން ލޯބިން" އަށް ފަހު ޗިއްޕެ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މީގެ މުހިއްމު ކާސްޓުންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އިސްމާއީލް (ޖުމާ) ޖުމައިހް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް އަދި އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރެވެ.

ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ފަށާފައިވާ އިރު، "މާމުއި" ގެ ޓިކެޓް ހޯމަ ދުވަހުން ފެށިގެން އޮލިމްޕަހުން ވިއްކާނެ އެވެ. އަދި މިހާރު ވެސް ފިލްމުގެ ޓިކެޓް އަންނަނީ ބުކްކޮށް ދެމުންނެވެ.

ދިވެހި ސިނަމާ އަށް ލޯބި ކުރާ މީހުން މިހާރު އެންމެ ބޮޑަށް އިތުބާރު ކުރާ ޑާކް ރެއިނުން މި އަހަރު ގެނެސް ދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީ މަހު އެޅުވި ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.