ވީމީޑިއާގެ "ދައުވަތު" ބެލުންތެރިން ގަބޫލުކޮށްފި

ވީމީޑިއާ އިން ފިލްމު ހަދަން ނިންމައި ގެނެސް ދިން ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" އަށް ލިބެމުން އަންނަނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށާއި މިއީ ބޮޑު ހިތްވަރެއް ކަމަށް އެތަނުން ބުނެފި އެވެ.


ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން ބިރުވެރި ފިލްމު މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ އިރު މިއީ ބެލުންތެރިން ހަމަ ރަނގަޅަށް ވެސް ބިރު ގަންނުވާލި ފިލްމެކެވެ. "ދައުވަތު" ގައި ކިޔައިދެނީ ކައިވެންޏަށް ފަހު ރާއްޖޭގެ ރަށަކަށް ހަނީމޫނަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުހާރޫގައިގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ. މީގެ ޓީމުން ބުނާ ގޮތުގައި ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާއަކަށެވެ.

"ދައުވަތު" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

ފިލްމާ ބެހޭ ގޮތުން ވީމީޑިއާގެ ޕްރޮޑަކްޝަން ޕޫލްގެ ހެޑް އަދި މަޝްހޫރު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ބިރުވެރި ފިލްމަކާ ބަލާފައި ފިލްމަށް ބެލުންތެރިންދޭ ތަރުހީބު ވަރަށް ވެސް ބޮޑު ކަމަށެވެ.

"މި ފިލްމަކީ ބަލަން އިންނަ އިރު ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހޭ އެތައް ދަނޑިވަޅެއް އަންނަ އަދި ނޭނގި ހުއްޓާ ބެލުންތެރިން ބިރުން ގޮސް ސިއްސުވާލާ ކަހަލަ އަވަސް ހާދިސާތަކެއް ފެންނަ ފިލްމެއް. މިހާތަނަށް ބެލުންތެރިން ދިން ކޮމެންޓްތަކަށް ބަލާ އިރު ވަރަށް ގިނަ މީހުން ބުނެފައި އެބަހުރި މިއީ މިހާ ތަނަށް ދިވެހި ސިނަމާ އިން ފެނުނު އެންމެ ބިރުވެރި ފިލްމު ކަމަށް،" އޭނާ ބުންޏެވެ. "ހަގީގަތުގައި ބެލުންތެރިން ބިރުގަންނުވާލަން ޔޫއްޕެ ކޮށްފައި ހުރި މަސައްކަތް ވަރަށް ކާމިޔާބު. އަދި މި ފިލްމަކީ އޭނަގެ ވަރަށް ވެސް ފުރިހަމަ މަސައްކަތެއް ފެނިގެންދާ ފިލްމެއް."

ޝަފީގު ބުނި ގޮތުގައި އޮލިމްޕަސް ސިނަމާގައި އެޅުވުމުގެ ކުރިން ފަސް ޝޯ ހައުސްފުލްކޮށްގެން ދައްކަން ފެށި ފިލްމަށް ބެލުންތެރިންގެ އެހާ ބޮޑު ތަރުހީބެއް ލިބެނީ "ދައުވަތު" ގެ ވާހަކަ ދިވެހިންނާ ވަރަށް ގުޅޭތީ އެވެ.

"އެއީކަންނޭނގޭ އެންމެ ބޮޑު ސިއްރަކީ. މީގެ މައިގަނޑު ޕްލޮޓަކީ ދިވެހިންނާ ވަރަށް ރިލޭޓްވާ ކަހަލަ ކަމެއް. އަހަރެމެން ވަރަށް އުފާކުރަން ވީމީޑިއާގެ ފުރަތަމަ ފިލްމުގެ ގޮތުގައި ބިރުވެރި ފިލްމެއް ގެނެސް ދެވި، އެއަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން އަންނާތީ،" އޮލިމްޕަހުގައި 15 ޝޯ ދައްކަން ނިންމާފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"އަހަރެމެން ވަރަށް އުފާކުރަން ވީމީޑިއާގެ ފުރަތަމަ ފިލްމުގެ ގޮތުގައި ބިރުވެރި ފިލްމެއް ގެނެސް ދެވި، އެއަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން އަންނާތީ،" ޝަފީގް

ޝަފީގް ބުނި ގޮތުގައި ފަހަރުގައި "ދައުވަތު" ގެ ދެވަނަ ބައެއް ވެސް ބެލުންތެރިންނާ ހަމައަށް އައުން އެކަށީގެންވެ އެވެ.

"ފިލްމުގެ މަސައްކަތް ފެށި އިރު އެކަހަލަ ވިސްނުމެއް ނެތް. އެކަމަކު އެކަށީގެންވޭ ދެވަނަ ބައެއް އައުން ވެސް،" ބ. ދަރަވަންދޫގައި ޝޫޓް ކުރި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަނެއްކާ ދައުވަތަކީ ވަރަށް މުހިއްމު މެސެޖްތަކެއް ވެސް ބެލުންތެރިންނަށް ލިބޭ ކަހަލަ ގޮތަކަށް ހަދާފައި އޮތް ފިލްމެއް. އެ ވެސް ފިލްމަށް ބެލުންތެރިން ލޯބި ޖެހުނު ސަބަބަކަށް ވާނެ."

މިހާރު ރަށްރަށުގައި ވެސް އަންނަނީ "ދައުވަތު" އަޅުވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިލްމު އެޅުވި ރަށަކީ ދ. ކުޑަހަވުދު އެވެ. މިހާރު ވެސް 25 ވަރަކަށް ރަށުގައި އަޅުވަން ރޭވިފައި ހުރި އިރު، ދެން އެންމެ އަވަހަށް ފިލްމު އަޅުވާ ރަށްރަށުގެ ތެރޭގައި މި މަހުގެ 18 ގައި ދ. މީދޫ، 27 ގައި ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރު، 28 ގައި ށ. މިލަންދޫ އަދި ޖުލައި 5 ގައި ރ. އުނގޫފާރު ހިމެނެ އެވެ.

"ވީހާ ވެސް ގިނަ ރަށްރަށުގައި ފިލްމު ދެއްކުން ވީމީޑިއާގެ އަމާޒަކީ އަދި ރަށްރަށުން ރިކްސްއެސްޓް އަންނަ ވަރަކުން ފިލްމު އަޅުވަމުން ދާނެ،" ޝަފީގު ބުންޏެވެ.

"ދައުވަތު" އާ އެކު ވީމީޑިއާ ފިލްމު މަސައްކަތަށް ނުކުމެ، އަމާޒު ހުރީ ބެލުންތެރިން މުނިފޫހި ފިލުވައި ދޭން ކުރިއަށް އޮތް ތަނުގައި ވެސް ފިލްމު ހަދާށެވެ. އަދި ވީމީޑިއާ ގުޅިގެން ފިލްމު ހަދަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.

"ހަގީގަތުގައި ވީމީޑިއާ މި މަސައްކަތަށް ނުކުތީ ވިޔަފާރި އުސޫލުން ފިލްމު ހަދައިގެން މާލީ މަންފާ ހޯދުމަށް ވުރެ ބޮޑަށް ފިލްމު އިންޑަސްޓްރީގައި އެކި ކަހަލަ މަސައްކަތް، އެކި ފެންވަރުގައި ކުރާ މީހުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން،" ޝަފީގް ބުންޏެވެ. "އެގޮތުން ވީމީޑިއާއާ ގުޅިގެން ފިލްމު ހަދަން ބޭނުންވާ މީހުންނަށް އަބަދު ވެސް އޮންނާނެ ޕްރޮޕޯސަލް ހިފައިގެން އައުމުގެ ފުރުސަތު. ދެން ދެ ފަރާތަށް ވެސް ފީޒިބަލް ޕްރޮޖެކްޓްތަކެއް ކަމަށް ވަންޏާ އަހަރެމެން އެ ޕްރޮޖެކްޓަކާ ހިއްސާވާނަން."

ޝަފީގު ބުނި ގޮތުގައި ކޮންމެ އަހަރަކު ގިނަ ފިލްމުތަކެއް ގެނެސް ދިނުމުގެ ބަދަލުގައި ބޭނުން ވަނީ ފެންވަރު ރަނގަޅު، ފުރިހަމަ އަދި ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމުތައް ގެނެސް ދިނުމެވެ.

"މާލޭގައި ހަގީގަތުގައި ދިވެހި ފިލްމުތައް ދައްކަން މި ހުންނަނީ އެންމެ ސިނަމާއެއް [އޮލިމްޕަސް އެކަނި]. އެހެންވީމާ އެތަނުން ޑޭޓް ހޯދުމުގައި ވެސް އެބަހުރި ދަތިތަކެއް. އެއީ އެއް ސަބަބު އެހާ އަވަސް އަވަހަށް ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ނުދެވޭނެ،" އޭނާ ބުންޏެވެ.

އެކަމަކު ވީމީޑިއާ އިން ބެލުންތެރިންނަށް ދޭން އޮތީ އުފާވެރި ހަބަރެކެވެ. އެއީ އަނެއްކާ ވެސް އަންނަ ނޮވެމްބަރު ހިސާބުގައި އެތަނުގެ އިތުރު އުފެއްދުމެއް ގެނައުމުގެ ތައްޔާރީތައް ވަމުން އަންނާތީ އެވެ.