ޝާހިދު ކަޕޫރް.
24 ޖޫން 2019 - 07:39
ކެރިއަރުގައި މިހާތަނަށް ވަރަށް ފީކަޅާ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ކަމުނުދާ ފިލްމަކީ "ޝާންދާރު" ކަމަށް އެކްޓަރު ޝާހިދު ކަޕޫރް ބުނެފި އެވެ.
ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ކަބީރު ސިންގް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި، 38 އަހަރު އެކްޓަރު ބުނީ "ޝާންދާރު" ކުޅެވުނީތީ އެކަމާ އަބަދުވެސް ހިތާމަކުރާނެ ކަމަށެވެ.
"އަހަރެންގެ ކެރިއަރުން ފިލްމެއް ފޮހެލެވޭނެ ނަމަ އެ ފިލްމަކަށް ވާނީ ޝާންދާރު. އެއީ އެއްގޮތަކަށް ވެސް ކަމުދާ ފިލްމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އެ ފިލްމު ނުހިނގީ ވެސް ފިލްމު ފީކަޅާކަމުން،" ޝާހިދު ބުންޏެވެ. "ފިލްމެއްގައި ހިއްސާވެވުނީތީ އަހަރެން ދައުވާއެއް ނުކުރާނަން އެ ފިލްމަކީ ހިނގަން ޖެހޭނެ ފިލްމެއް ކަމަކަށް. އަނެއްކޮޅުން މި ޖެނެރޭޝަނުގެ އެއްވެސް އެކްޓަރަކު އެ އުސޫލެއް ގަބޫލެއް ވެސް ނުކުރާނެ. ގޯސް ފިލްމެއް ވާނީ ހަމަ ގޯސް އެއްޗަކަށް."
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮކްޝަނާއި ކުރީގެ ފިލްމު ކުންފުނި ފެންޓަމް ފިލްމްސް ގުޅިގެން ގެނެސް ދިން "ޝާންދާރު" އަކީ 2015 ގައި ވިކާސް ބާލް ޑައިރެކްޓް ކުރި ފިލްމެކެވެ. އަދި މި ފިލްމަކީ 2014 ގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ކަންގަނާ ރަނާވަތުގެ "ކްއީން" އަށް ފަހު، ވިކާސް ގެނެސް ދިން ފުރަތަމަ ފިލްމު ވެސް މެ އެވެ.
އެކަމަކު "ޝާންދާރު" އަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. މި ފިލްމަކީ ޝާހިދާއ އާލިއާ ބަޓްގެ ޖޯޑު އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމު ވެސް މެ އެވެ. އަދި "ޝާންދާރު" އަކީ އާލިއާގެ ފުރަތަމަ ފްލޮޕް ވެސް މެ އެވެ.
އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި އެއްބަފާ އަންހެން ކޮއްކޮ ސަނާ ކަޕޫރް ހިމެނެ އެވެ.
ދެ ކުދިންގެ ބައްޕަ ބުނީ އޭނާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި އަލުން ބަލައިގެން ވަގުތު ބޭކާރު ކުރަން ބޭނުން ނުވާ ފިލްމުތައް އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ފިލްމަކަށް އެއްބަސް ވަނީ ކުރިއަށް ވުރެ ބޮޑަށް އެލާޓްގައި ހުރެގެން ކަމަށް ބުންޏެވެ.
ދެހާސް ތިނެއްގައި ފިލްމު "އިޝްގް ވިޝްގް" އިން ބޮލީވުޑަށް ނުކުމެ، ޝާހިދު ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ވިވާހް"، "ކަމީނޭ"، "ޖަބް ވީ މެޓް" އަދި "އުޅުތާ ޕަންޖާބް" އާއި "ޕަދުމާވަތު" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިމްލާ
24 June 2019
ލޮލް ޝާހިދު ތިހެން ބުނާއަޑު މި އަޑުއަހަނީ މިހާރު 3 ވަނަ ފަހަރަށް