ޕްރިންސް ޗާލްސް "ޖޭމްސް ބޮންޑް 25" ގެ ސެޓްގައި

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން ފެށި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް މިހާތަނަށް ދެކެވިފައި ހުރީ ޝޫޓިން ތެރޭގައި ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގަ ވާހަކަ އެވެ. އޭގެ ތެރޭގައި ލީޑް އެކްޓަރު ޑެނިއެލް ކްރެއިގްގެ ފަޔަށް އަނިޔާވެ އޮޕަރޭޝަން ކުރަން ޖެހުނު ވާހަކަ އާއި ސެޓްގައި އެއްޗެއް ގޮވައި ކްރޫއަކަށް އަނިޔާވި ވާހަކަ ހިމެނެ އެވެ.


އެކަމަކު މި ފަހަރު މިއޮތީ ބޮންޑްގެ އަހުލުވެރިންގެ މޫނު މައްޗަށް ކޮންމެވެސް ވަރެއްގެ ހިނިތުވުންމެއް ގެންނާނެ ކަހަލަ ވާހަކަތަކެކެވެ. އެއް ވާހަކަ އަކީ ވާތު ފައިގެ އޮޕަރޭޝަނަށް ފަހު، ރަނގަޅުވެގެން ކްރެއިގް އަލުން ޝޫޓިން އަށް ނުކުތް ވާހަކަ އެވެ. އަނެއް ވާހަކައަކީ އިނގިރޭސިވިލާތުގައި މިހާރު ފިލްމު ޝޫޓް ކުރަމުން އަންނަ އިރު، ޕްރިންސް ޗާލްސް ފިލްމުގެ ސެޓަށް ވަޑައިގެންނެވި ވާހަކަ އެވެ.

އެގޮތުން ޕައިންވުޑް ސްޓޫޑިއޯގައި ކާސްޓާއި ކްރޫއާ ބައްދަލު ކުރައްވައި، ފިލްމުގައި ބޭނުންކުރާ ބައެއް ކާރުތަކުގެ ކައިރީގައި ޗާލްސް ފޮޓޯ ވެސް ނަންގަވާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތައް ޖޭމްސް ބޮންޑްގެ ޓްވިޓާގައި ހިއްސާކޮށްފައިވާ އިރު، ޝާހީ އާއިލާ އިން ބައެއް ފޮޓޯތައް ޓްވީޓްކޮށްފައިވެ އެވެ.

އިނގިރޭސި ޖާސޫސީ އެޖެންޓްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓީމުން ވަނީ އޭގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުގެ މައުލޫމާތު ވެސް ޗާލްސްއާ ހިއްސާކޮށްފަ އެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓް ކުރާ "ޖޭމްސް ބޮންޑް" 25 ވަނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.

މި ފިލްމަކީ ބޮންޑްގެ ރޯލް ކްރެއިގް ކުޅޭ ފަހު ފިލްމެވެ. އަދި ހަތަރު ވަނަ ފިލްމު ވެސް މެ އެވެ.

ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 8 ގަ އެވެ.