01 ޖުލައި 2019 - 07:34
މިހާރު ވެސް އިންޑިއާގެ ފިލްމީ ތަރިންނާ ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ކްރިކެޓް ތަރިން މަދެއް ނޫނެވެ. މި ލިސްޓަށް ފަހަރުގައި ޒުވާން ބަތަލާ އާތިޔާ ޝެޓީ ވެސް އިތުރުވެގެން ހިނގައި ދާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސުނިލް ޝެޓީގެ އަންހެން ދަރިފުޅާއި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިޔާ ކައްނޫރް ލޮކޭޝް (ކޭއެލް) ރާހުލް އުޅެނީ މިހާރު ލޯބީގެ ގޮތުން ގުޅިގެންނެވެ. ދެ ތަރިން ރައްޓެއްސަކާ އެކު މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ދައުރުވެފައިވެ އެވެ.
އާތިޔާ، 26، އާއި ރާހުލް، 27، އާ ގާތް ބައެއް މީހުންނާ ހަވާލާދީ ބޮލީވުޑް ލައިފުން ބުނި ގޮތުގައި އެ ދެ މީހުންގެ މެދުގައި ހާއްސަ ގާތް ގުޅުމެއް އުފެދުނީ ރައްޓެހިންތަކެއްގެ ފަރާތުންނެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ފަހުން އެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިހާރު ގުޅުން ލޯތްބަށް ބަދަލުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން އާތިޔާ އާއި ރާހުލް އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ރާހުލް މި ވަގުތު އުޅެނީ ކްރިކެޓް ވޯލްޑް ކަޕްގައި ވަރަށް ބިޒީކޮށެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން އޭނާ ވަނީ ޓައިގާ ޝްރޮފާ އެކު މުންނާ މައިކަލް (2017) ކުޅުނު ބަތަލާ ނިދީ އަގަރްވާލްއާ ވެސް ރައްޓެހިވެފަ އެވެ.
މި ދޭތެރެ ރާހުލްގެ ވާހަކަ އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނީ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގައި ކްރިކެޓް ކުޅުންތެރިޔާ ހާޑިކް ޕަންޑިއާ އެކު ބައިވެރިވެ އަންހެނުންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނުކުތް އާތިޔާ ކުޅުނު ދެވަނަ ފިލްމު މުބާރަކަން (2017) ގެ އެކްޓަރު އަރުޖުން ކަޕޫރާ ވެސް، އޭނާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް އަޑުތައް އެރި އެވެ. ނަމަވެސް އަރުޖުން މި ވަގުތު އުޅެނީ އޭނާ އަށް ވުރެ އެތައް އަހަރެއް ދޮށި އަދި ދަރިއަކު ވެސް ހުރި މަލައިކާ އަރޯރާއާ ރައްޓެހިވެގެންނެވެ.
އާތިޔާއަކީ ފިލްމު ކުޅެން ފެށި ނަމަވެސް ވިދުން ވަރަށް ފަނޑު ބަތަލާއެކެވެ. ކުޅޭނެ ރަނގަޅު ފިލްމެއް ވެސް އޭނާއަކަށް ނުލިބެ އެވެ. އާތިޔާގެ ކުރިއަށް އޮފް ފިލްމަކީ ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅެފައިވާ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ. އެ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy