01 ޖުލައި 2019 - 07:35
ބޮކްސް އޮފީހުގައި މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޝާހިދު ކަޕޫރްގެ ފިލްމު "ކަބީރު ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ވަންގާގެ ފިލްމެއް ސަލްމާން ހާނަށް ހުށަހަޅައިފި އެވެ.
ކޮއިމޮއި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާނަށް ސަންދީޕް ހުށަހެޅި ފިލްމަކީ ވެސް ބުޝަން ކުމާރު ޓީ ސީރީޒްއާ ގުޅިގެން ހަދާ ފިލްމެކެވެ. ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ބާރަތު" އަކީ ވެސް ޓީ ސީރީޒް ހިއްސާވާ ފިލްމެކެވެ.
ކޮއިމޮއި އިން ބުނި ގޮތުގައި ސަންދީޕް މިހާރު އަންނަނީ ފިލްމާ ބެހޭ ގޮތުން ސަލްމާނާ އެކީ މަޝްވަރާތައް ކުރަމުންނެވެ. އަދި އެއްބަސްވުމަކަށް އާދެވުނުހާ އަވަހަކަށް ފިލްމު އިއުލާންކުރާނެ ކަމަށް ބުންޏެވެ.
މި ވަގުތު ސަލްމާން އަންނަނީ ޑިސެމްބަރު 20 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ މަސައްކަތް ކުރަމުންނެވެ. މިއަށް ފަހު، އޮގަސްޓް މަހުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ގެ ޝޫޓިން އޭނާ ފަށާނެ އެވެ.
Release date JUNE 21 2019@shahidkapoor @Advani_Kiara @imvangasandeep @dop_santha @itsBhushanKumar @MuradKhetani #KrishanKumar @ashwinvarde @TSeries @Cine1Studios @KabirSinghMovie@AmaalMallik@SachetParamparahttps://t.co/wrmiXlW7Bf
— Sandeep Reddy Vanga (@imvangasandeep) April 8, 2019
ސަލްމާން ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ސާޖިދު ނަދިއަދުވާލާގެ "ކިކް 2" އާއި ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު ހިމެނެ އެވެ.
"ކަބީރު ސިންގް" އަކީ ސަންދީޕް 2017 ގައި ގެނެސް ދިން ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ. ޝާހިދާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅުނު އަދި މިދިޔަ މަހުގެ 21 ގައި ރިލީޒް ކުރި "ކަބީރު ސިންގް" އަށް ވަންގާކޮށްފައި ހުރި މަސައްކަތްތަކަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ސަންދީޕް ގެނެސް ދިން ފުރަތަމަ ހިންދީ ފިލްމާ ބަލާފައި "ކަބީރު ސިންގް" އަކީ ވަރަށް ވެސް ފުރިހަމަ ފިލްމެކެވެ. އަދި ސަންދީޕަކީ ވަރަށް ވަރުގަދަ ޑައިރެކްޓަރަކަށް ވާނެ ކަމުގެ ކުލަވަރު އެ ފިލްމުން އޭނާ ވަރަށް ރަނގަޅަށް ވެސް ދައްކުވައި ދީފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy