05 ޖުލައި 2019 - 08:06
ޒީޓީވީ އަށް މިހާރު ވެސް "ކުމްކުމް ބަގިޔާ" އާއި "ކުންދަލީ ބަގިޔާ" ހަދައި ދެމުން އަންނަ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް، އެ ޗެނެލްގެ އަހުލުވެރިންނަށް އަނެއްކާ އާ ސިލްސިލާއެއް ގެނެސް ދިނުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މި ފަހަރު އެކްތާ ހަދަން ނިންމާފައި ވަނީ "ހައިވާން" ކިޔާ ސުޕަ ނެޗްރަލް ޖޯންރާއެއްގެ ސިލްސިލާއެއް ކަމަށެވެ. އަދި މީގެ ބަތަލުގެ ރޯލަށް ޕަރަމް ސިންގް ސޮއިކޮށްފައިވާ އިރު، ލީޑް ދެ ބަތަލާ އިން ހިމެނޭ ސިލްސިލާގެ އެއް ބަތަލާގެ ރޯލަށް ސައުތުގެ މަޝްހޫރު ތަރިއެއް ކަމަށްވާ ގަޔަތުރީ އައްޔަރު ސޮއިކޮށްފައިވާ ކަމަށް ބުންޏެވެ.
އޭނާއަކީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ރެއިޑް" އިން ވެސް ފެނިގެން ދިޔަ ބަތަލާއެކެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި "ހައިވާން" ގެ ލީޑް ދެވަނަ ބަތަލާއަކަށް އެކްތާ ގެންނަން ބޭނުން ވަނީ އޭނާގެ ވެބް ސީރީޒް "ހަމް-އައި އެމް ބިކޯޒް އޮފް އަސް" ގައި މުހިއްމު ރޯލެއް ކުޅުނު ރިދިމާ ޕަންޑިތެވެ.
"ހައިވާން" ބެލުންތެރިންނަށް ގެނެސް ދޭން ފަށާނެ އިރެއް އަދި ނޭނގެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިލްސިލާގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. އަދި މި ސިލްސިލާއަކީ ޒީޓީވިން ހަފުތާއަކު ދެ ރޭ ގެނެސްދޭނެ އެއްޗެއް ކަމަށްވެ އެވެ. އެއީ ހަފުތާ ބަންދުގަ އެވެ.
މި ފަހަކަށް އައިސް އިންޑިއާގައި ސުޕަނެޗްރަލް ސިލްސިލާތައް ހެދުމުގެ ފޯރި ގަދަވެފައިވާ އިރު، އެކްތާ ގެނެސް ދިން އެ ޖޯންރާގެ "ނާގިން" އަކީ ވަރަށް ކާމިޔާބު ސިލްސިލާއެކެވެ.
މީގެ އިތުރުން ސްޓާ ޕްލަސް އިން އެކްތާ ގެނެސް ދިން "ގަޔާމަތު ކީ ރާތު" އާއި ކަލާޒުން މިހާރު ގެނެސްދޭ އެކްތާގެ "ކަވަޗް" ސީޒަން ދޭކަކީ ވެސް ސުޕަނެޗްރަލް ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy