12 ޖުލައި 2019 - 08:28
ކެރިއަރުގެ އެންމެ ކާމިޔާބު ސޯލޯ ހީރޯ ފިލްމު އަދި ބޮކްސް އޮފީހަށް ގުޑުން އަރުވައިލި ފިލްމު "ކަބީރު ސިންގް" ކުޅެން ހިތްވަރު ދިން މީހަކީ އަންހެނުން މީރާ ރާޖްޕޫތު ކަމަށާއި އޭނާގެ ބަސް ގަބޫލުކުރެވުނީތީ މިހާރު އުފާ ކުރާ ކަމަށް އެކްޓަރު ޝާހިދު ކަޕޫރް ބުނެފި އެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއްގައި 38 އަހަރުގެ އެކްޓަރު ބުނި ގޮތުގައި 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކް ހުށަހެޅުމުން، އެ ފިލްމަށް އެއްބަސްވާން ފުރަތަމަ އުނދަގޫވި ކަމަށެވެ. އެއް ސަބަބަކީ ރިމެކަކަށްވުމެވެ. އެގޮތުން ކުރިން އެހެން އެކްޓަރަކު ކުޅެފައިވާ ކެރެކްޓާއެއް ކުޅެން ޖެހުމަކީ ޕްރެޝަރު ބޮޑުވެ، ބެލުންތެރިންގެ އުންމީދުތައް ވެސް އެތައް ގުނައަކަށް އުފުލިގެން ދާނެ ކަމެއް ކަމަށް ބުންޏެވެ. އަނެއް ސަބަބަކީ ފިލްމުގައި ކުޅެން ޖެހުނު ކެރެކްޓާ "އެގްރެސިވް"ވުމެވެ.
"އެކަމަކު ފިލްމުގެ ވާހަކަ މީރާއާ ހިއްސާކުރުމުން އޭނާ ވަރަށް ބޮޑަށް ހިތްވަރު ދީ، ޕުޝްކުރި ފިލްމަށް އެއްބަސްވާން. މީރާ ބުނި އެ ފިލްމަކީ ކޮންމެހެން ވެސް އަހަރެންގެ ފިލްމޮގްރަފީގައި އޮންނަން ޖެހޭނެ ފިލްމެއް ކަމަށް،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.
ޝާހިދު ބުނި ގޮތުގައި އަންހެނުން ހިތްވަރު ދިންލެއް ބޮޑުކަމުން ފިލްމު ކުޅެވުނީތީ މިހާރު އުފާވެ އެވެ. އަދި އެ ނިންމުމަކީ ނިންމުމު ވަރަށް ވެސް ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"ފިލްމު ބަލާފައި އަހަރެންގެ އެކްޓިން އާއި ޑައިރެކްޓަރު ސަންދީޕް ވަންގާ ފިލްމަށް ކޮށްފައި ހުރި މަސައްކަތްތައް މީރާ އަށް ވަރަށް ކަމުދިޔަ. އަދި ވަރަށް ތައުރީފު ކުރި ފިލްމަށް،" އޭނާ ބުންޏެވެ. "އެހެންވެ ހަމަ ޔަގީނުން ވެސް ކަބީރު ސިންގްއަކީ އަހަރެންގެ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމަކަށް އަބަދު ވެސް ވާނެ."
މިދިޔަ މަހުގެ 21 ގައި ރިލީޒް ކުރި ފިލްމުގައި ޝާހިދު ކުޅެފައި ވަނީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން ނަފުސު ހަލާކުކުރާ ވަރަށް ރުންކުރު މެޑިކަލް ސްޓޫޑަންޓެއްގެ ރޯލެވެ. ކްރިޓިކުން ބުނެފައިވާ ގޮތުގައި "ކަބީރު ސިންގް" އަކީ މިހާތަނަށް ޝާހިދުގެ އެންމެ މޮޅު އެކްޓިންއެއް ފެނުނު ފިލްމެވެ.
މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެ ފިލްމަށް އިންޑިއާ އާއި އެ ގައުމުގެ ބޭރުގެ މާކެޓްތަކުން މިހާތަނަށް 320.30 ކްރޯޑް ރުޕީސް ((47 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy