13 ޖުލައި 2019 - 06:05
އަޖޭ ދޭވްގަން، 50، އަކީ އޭނާގެ އުމުރާ ގުޅޭ ކަހަލަ ރޯލްތައް ކުޅެން އެއްގޮތަކަށް ވެސް ޖެހިލުންވާ އެކްޓަރެއް ނޫނެވެ. އޭނާގެ އުމުރުގެ އެހެން އެކްޓަރުންނާ ހިލާފަށް އަޖޭ ވަނީ ފިލްމުތަކުގައި ބޮޑެތި ދަރިންތަކެއްގެ ރޯލް ކުޅެފަ އެވެ. އޭގެ ތެރޭގައި މެއި މަހު ރިލީޒް ކުރި "ދޭ ދޭ ޕިޔާރު ދޭ" އާއި 2015 ގެ "ޑްރިޝަމް" ފާހަގަކޮށްލެވެ އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި އަޖޭ ސޮއިކޮށްފައިވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގައި އަޖޭ ކުޅޭނީ އެ ފިލްމުގެ އެއް ލީޑް އެކްޓަރު ރާމް ޗަރަން، 34، ގެ ބައްޕަގެ ރޯލެވެ.
ސައުތުގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާމް ޗަރަންއަކީ 2013 ގައި ޕްރިޔަންކާ ޗޯޕްޅާއާ އެކު "ޒަންޖީރު" ކުޅުނު ބަތަލެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި 1920 ގެ އަހަރުތަކުގައި ހިނގާ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ފިލްމުގައި އަޖޭ ފެންނާނީ އެކްސްޓެންޑެޑް ކެމިއޯކުންނެވެ. އެގޮތުން ރާމް ޗަރަން ކުޅޭ ކެރެކްޓާ އައްލޫރީ ސިތާރާމާ ރާޖޫގެ ބައްޕަގެ ގޮތުގައި އަޖޭ ފިލްމުގައި ފެނިގެން ދާނީ ފްލެޝްބެކް މަންޒަރުތަކަކުން ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުކައްދަ އެވެ.
The @RRRMovie shoot has been super successful and in swing with our #Bheem & #RamaRaju. Taking a short break for now. We will resume in a week! #RRR
— DVV Entertainment (@DVVMovies) July 4, 2019
ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ "އާރްއާރްއާރް" ގެ ލީޑް އަނެއް އެކްޓަރަކީ އެންޓީއާރް ރާމަ ރާއޯ ޖޫނިއާ އެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ކޮމަރާމް ބީމެވެ. އާލިއާގެ ކެރެކްޓާއަކީ ސީތާ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ މަސައްކަތްތައް އަންނަނީ ވަރަށް ބާރަށް ކުރެވެމުންނެވެ. "އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ ޖުލައި 30، 2020 ގަ އެވެ.
މިއީ 2017 ގައި ރިލީޒް ކުރި "ބާހްބަލީ: ކޮންކްލޫޝަން" އަށް ފަހު، ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އެހެންވެ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (58 މިލިއަން ޑޮލަރު) ގެ ބޮޑު ބަޖެޓަކުން ހަދާ ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ލައްކަ ބޮޑެވެ. ވަކިން ހާއްސަކޮށް ރާޖަމޯލީގެ ފިލްމަކަށްވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy