15 ޖުލައި 2019 - 06:47
ދެބެއިންގެ ދެދަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ޕަރިނީތީ ޗޯޕްޅާ އެއް ފިލްމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ޕަރިނީތީ ދީފި އެވެ.
އަންނަ މަހުގެ 2 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ދެބެއިންގެ ދެ ދަރި ދައްތައާ އެކު ފިލްމެއް ކުޅެން ދެ މީހުން އެކަމާ ވަރަށް ގިނަ ފަހަރު މަތިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެކަމަކު ދެ މީހުން އެއް ފިލްމަކަށް އެއްބަސްވާނީ ހިތްހަމަޖެހޭ ކަހަލަ ކެރެކްޓާތަކެއް ކުޅެން ލިބޭ، ސްކްރިޕްޓެއް ލިބުނު އިރަކުން ކަމަށް ބުންޏެވެ.
"އެކީގައި ފިލްމެއް ކުޅުމާ ބެހޭ ގޮތުން ވަރަށް ގިނަ ފަހަރު މަތިން ދެ މީހުން ވާހަކަ ދައްކާފައި ވާނެ. ބޮޑަށް ހީވަނީ ދެ މީހުން އެކީގައި ފިލްމަކުން ފެންނާނެ ނަމަ އެ ފިލްމެއް ވާނީ އެކްޝަން ޖޯންރާގެ ފިލްމަކަށްހެން،" ޕަރިނީތީ ބުންޏެވެ. "އެކަމަކު ފުރަތަމަ ކަމަކަށް ރަނގަޅު ސްކްރިޕްޓެއް އަތަށް އަރަން. ދެ މީހުންނަށް ވެސް އެއްބަސްވެވޭ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެއަށް އެއްބާސްވާނަން."
ދެހާސް އެގާރައިގައި ފިލްމު ކުޅެން ފެށި ޕަރިނީތީއަކީ މިހާތަނަށް ބޮލީވުޑްގައި މާ ކާމިޔާބު ބަތަލާއެެއް ނޫނެވެ. އެކަމަކު އޭނާގެ އަތުގައި މި ވަގުތު ޝައުގުވެރި ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހެވާލްގެ ބައޮގްރޮފިކަލް ޑްރާމާ އާއި ހޮލީވުޑްގެ ފިލްމު "ގާލް އިން ދަ ޓްރޭން" ގެ ހިންދީ ރިމެކާއި އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޕްރިޔަންކާއަކީ މިހާރު ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ ބަތަލާއެކެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކޮށް، އޭނާ މިހާރު ދިރިއުޅެނީ އެމެރިކާގަ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ޕްރިޔަންކާގެ އެންމެ ފަހުގެ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ އެވެ.
ޕަރިނީތީގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ޕްރިޔަންކާގެ އާއިލާގެ އެހެން ދެ ބަތަލާއަކު ވެސް ހިމެނެ އެވެ. އެއީ "ޒިދު" ފަދަ ފިލްމުތައް ކުޅުނު އަދި ސައުތުގެ ފިލްމުތައް ވެސް ކުޅޭ މަނާރާ ޗޯޕްޅާ އާއި "1920 ލަންޑަން" އާއި "ގޭންގްސް އޮފް ގޯސްޓް" ގެ ބަތަލާ މީރާ ޗޯޕްޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނާ
15 July 2019
އަހަރުންނަށް ކޮންކަމެއް.
ފީބޯ
15 July 2019
އަޅުގަޑު ވަރަށް ފޫހިވޭ މި ޕްރިޔަންކާ ދެކެ. ސުނީތާހެން ހެދިގެން ހުންނާތީ ހާދަ ކޮޕީ ކުރާމީހެކޭ.
ބަކަޔޯކޯ.
15 July 2019
އަހަރެން ދެކެން ބޭނުންވަނީ ޕްރިޔަންކާ އާއި ސުނީތާގެ ފިލްމެ. ސުނީތާ ޕްރިޔަންކާ ވައްތަރު ޖަހަނީ ކިހާވަރަކަށްތޯ ޕްރިޔަންކާ ސުނީތާ ވައްތަރުޖަހަނީ ކިހާވަރަކަށްތޯ ބަލަން. އެނޫން އެދުމެއްނެތް.