ޕޫޖާ އާއި ނަވާބް.
16 ޖުލައި 2019 - 07:30
ކުރީގެ ކައިވެނި ރޫޅިފައިވާ ބޮލީވުޑްގެ ބަތަލާ ޕޫޖާ ބަޓްރާ އާއި އެކްޓަރު ނަވާބް ޝާހް ކައިވެނިކޮށްފި އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް ވަރަކަށް މަސް ފަހުން އެ ދެ މީހުން ކައިވެނިކުރީ މިދިޔަ ހަފުތާގެ ތެރޭގައި ނިއު ދިއްލީގަ އެވެ. މިއީ ނަވާބްގެ އަލަތު ކައިވެންޏެވެ.
"ވިރާސަތު" އާއި "ހަސީނާ މާން ޖާއޭގީ" އަދި "ކަހި ޕިޔާރު ނާ ހޯޖައޭ" ފަދަ ފިލްމުތަކުން ފެނިފައިވާ ޕޫޖާ ކުރިން ކައިވެނިކޮށްފައި ވަނީ ސޯނޫ އެސް އަހުލުވާލިއާ ކިޔާ ޑޮކްޓަރަކާ އެކު އެވެ. ދެހާސް އެގާރައިގައި ކުރި އެ ކައިވެނި ރޫޅިފައި ވަނީ 2013 ގަ އެވެ. މިހާރު އެމެރިކާގައި އާންމުކޮށް ދިރިއުޅޭ ޕޫޖާއަކީ 1993 ގެ ފެމިނާ މިސް އިންޑިއާ އިންޓަނޭޝަނަލްގެ ޓައިޓްލް ވެސް ހޯދި ބަތަލާއެކެވެ.
އެކްޓިންއާ މިހާރު ވަރަށް ދުރުގައި އުޅޭ ޕޫޖާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2017 ގެ "މިރާ ގޭމް" އެވެ.
އޭނާގެ އާ ފިރިމީހާ ނަވާބަކީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން، ހާއްސަކޮށް ނުބައިބައި ރޯލްތަކުން ފެންނަ އެކްޓަރެކެވެ. ނަވާބް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ"، "ޑޮން 2" އަދި "ދިލްވާލޭ" ހިމެނެ އެވެ.
އޭނާއަކީ ހަމައެކަނި ހިންދީ ފިލްމު ކުޅޭ އެކްޓަރެއް ވެސް ނޫނެވެ. ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތް ކުރާ ނަވާބަކީ ތެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާޅަމް ފިލްމުތަކުގައި ވެސް މަސައްކަތް ކުރާ އެކްޓަރެވެ.
ރަޖްނީކާންތު މިހާރު ކުޅެމުން އަންނަ ފިލްމު "ދަރުބާރު" ގެ ރޯލަކަށް ވެސް ނަވާބް ސޮއިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
17 July 2019
ބަޓްރާ ޖޭމާ ނަމަ މާ ރަނގަޅުވީސް، ބަޓްރާ ޕޫޖާ އަށް ވުރެން.