17 ޖުލައި 2019 - 07:46
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ސަލްމާން ހާންގެ ފިލްމު "ދަބަންގް 3" އިން އޭނާގެ ގާތް އެކުވެރިޔާ އަދި އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދޮށީ އަންހެން ދަރިފުޅު އަޝްވާމީ މަންޖްރޭކަރް ބޮލީވުޑަށް ތައާރަފުކުރާނެ އެވެ.
އެކަމަކު މީޑީއާތަކުގެ މި ވާހަކަ މިހާރު ވަނީ މުޅިން އެހެން ގޮތަކަށް ބަދަލުވެފަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނާ އެކު، ބޮލީވުޑަށް ތައާރަފު ކުރާނީ މަހޭޝްގެ ހަގު އަންހެން ދަރިފުޅު ސައީ މަންޖްރޭކަރެވެ.
ސަލްމާނާ އެކު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ މަހޭޝްގެ ތިބެނީ ތިން ދަރިންނެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
ސައީ އާއި އަޝްވާމީ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ދަބަންގް 3" ގެ ފަހު ޝޫޓިން ޝެޑިއުލް މިހާރު ކުރިއަށްދާ އިރު، ސައީ ވަނީ ފިލްމުގެ ކާސްޓާއި ކްރޫއާ ވެސް ގުޅިފަ އެވެ. އަދި ފިލްމުގައި އޭނާ ފެނިގެން ދާނީ ސަލްމާންގެ ޒުވާން ދުވަސްވަރުގެ ލޯބިވެރިޔާގެ ރޯލުން ކަމަށް ބުންޏެވެ.
"ދަބަންގް" ފްރެންޗައިޒްގެ ބަތަލާއަކީ ސޮނާކްޝީ ސިންހާ އެވެ. އެގޮތުން މި ފަހަރު ވެސް އޭނާ ފިލްމުން ފެނިގެން ދާނެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓް ކުރާ "ދަބަންގް 3" ގައި ސަލްމާން ފުލުހަކަށްވުމުގެ ކުރިން އޭނާގެ ހަޔާތުގެ އެންމެ ޒުވާން އުމުރުގެ ދުވަސްތަކެއް ދައްކުވައި ދޭނެ އެވެ. މިއީ މި ސީރީޒްގެ ކުރީގެ ދެ ފިލްމާ ތަފާތު ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "ދަބަންގް 3" އަކީ މި ސީރީޒްގެ ޕްރިކްއެލްއެކެވެ.
ދެހާސް ދިހައެއްގައި ރިލީޒް ކުރި "ދަބަންގް" ގައި މަހޭޝް ވެސް ރޯލެއް ކުޅެފައިވާ އިރު، ތިން ވަނަ ބައިން ވެސް އޭނާ ފެނިގެން ދާނެ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަރުބާޒް ހާން، މާހީ ގިލް، ޕްރަމޯދް ކަންނާ އަދި ސުދީޕް ހިމެނެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ފިލްމު "ލަވް ޔާތުރީ" އިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާ ވަރީނާ ހުސައިން "ދަބަންގް 3" ގެ އައިޓަމް ލަވައަކުން ފެނިގެން ދާނެ އެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 27 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy