ކޮއެނާ މިތުރާ.
23 ޖުލައި 2019 - 07:27
އަނބުރާ ދައްކާ ގޮތަށް މޮޑެލްއެއްގެ އަތުން ނެގި ފައިސާ އަށް ދޫކުރި ޗެކް ބައުންސްވި މައްސަލަ އާއި ފައިސާ ދައްކަން އެތައް ފަހަރެއްގެ މަތިން އިންކާރު ކުރި މައްސަލައެއް ސާބިތުވެ، ބޮލީވުޑްގެ ކުރީގެ ބަތަލާ ކޮއެއާ މިތުރާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މުމްބާއީގެ އަނދޭރީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން "އަޕްނާ ސަޕްނާ މަނީ މަނީ" ފަދަ ފިލްމުތަކުން ފެނުނު ބަތަލާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ މޮޑެލް ޕޫނަމް ސޭތީ އަށް 4.64 ލައްކަ ރުޕީސް އާއި ޖޫރިމަނާގެ ގޮތުގައި 1.64 ލައްކަ ރުޕިސް ދައްކަން ހުކުމްކޮށްފަ އެވެ.
ފައިސާ އަނބުރާ ދައްކަން ކޮއެނާ އަށް އެންމެ ފުރަތަމަ ޕޫނަމް ލީގަލް ނޯޓިިސް ފޮނުވީ ޖުލައި 19، 2013 ގަ އެވެ. އެކަމަކު ފައިސާ ދައްކަން ދިން މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމާއި ޗެކް ބައުންސްވުމުން ކޮއެނާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 10، 2013 ގަ އެވެ.
ދައުވާއާ ބެހޭ ގޮތުން ކޮއެނާ ބުނީ މިއީ އޭނާ ފްރޭމްކޮށްގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި ޕޫނަމް ކުރާ ދައުވާގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ޕޫނަމްގެ މާލީ ހާލަތު ދަށްވެގެން އޭނާ އަށް 22 ލައްކަ ރުޕީސް ދީފައިވާނެ ކަމަށް ކޮއެނާ ބުންޏެވެ.
ނަމަވެސް މައްސަލަ ބެލި ގާޒީ ކެތާކީ ޗަވަން ވިދާޅުވީ ދެ ފަރާތުގެ ވާހަކަތަކަށް ބަލާ އިރު، ކޮއެނާގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ އޭނާގެ ދިފާއީ ލިޔުންތައް ވެސް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.
މި މައްސަލާގައި ކޮއެނާ ބުނީ މައްސަލާގައި ހުކުމް އިއްވާފައި އޭނާގެ ވާހަކަތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކޮށް ނުކޮށް ކަމަށްވާތީ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުހޯދުނު ކޮއެނާއަކީ މިހާރު ގިނަ ބައެއްގެ މެދުގައި އެންމެ ހިނގާ އެއް ލަވަ ލަވަ ކަމަށްވާ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ޖޯން އަބްރަހަމްގެ ފިލްމު "ބަތުހާ ހައުސް" ގެ އައިޓަމް ލަވަ "އޯ ސާކީ ސާކީ" އޮރިޖިނަލް ލަވަ ކުޅުނު ބަތަލާ އެވެ. ދެހާސް ހަތަރެއްގައި ރިލީޒް ކުރި ފިލްމު "މުސާފިރު" ގައި ހިމެނޭ އެ ލަވައިން ކޮއެނާއާ އެކު ފެނިފައި ވަނީ ސަންޖޭ ދަތެވެ.
ކޮއެނާ، 35، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަނާމިކާ: ދި އަންޓޯލްޑް ސްޓޯރީ (2008)، އޭކް ކިލާޅީ އޭކް ހަސީނާ (2005) އަދި އިންސާން (2005) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy