ސަންޖޭ ލީލާ ބަންސާލީ.
28 ޖުލައި 2019 - 08:08
ސަލްމާން ހާނާއި އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން ސަންޖޭ ލީލާ ބަންސާލީ ހަދާ އާ ފިލްމު "އިންޝާﷲ" ގައި ދެވަނަ ބަތަލާއަކު ވެސް ހިމެނޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އަންނަ މަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމަށް ބަންސާލީ މިހާރު ވަނީ ދެވަނަ ބަތަލާއަކު ވެސް ހަމަޖައްސައިފަ އެވެ. އެކަމަކު އެއީ ކާކު ކަމެއް އަދި ނޭނގެ އެވެ.
ބަންސާލީގެ ފިލްމުތަކަކީ ތިނެސްކަން ލޯތްބަށް ހާއްސަ ފިލްމުތަކަކަށްވާތީ، "އިންޝާﷲ" ގައި ސަލްމާނާ އެކު ލޯބީގެ ރޯލަކުން އިތުރު ބަތަލާއަކު ފެނުމަކީ އެހާ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެކަމަކު ދެވަނަ ބަތަލާ ފިލްމުގައި ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއްތޯ އާއި އެއީ ކިހާ ވަރެއްގެ ރޯލެއްތޯ ބަލައިލަން ފިލްމަށް ޝައުގުވެރިވާ މީހުން ބޭނުން ވާނެ އެވެ.
އަންނަ މަހު އެމެރިކާ އިން ޝޫޓިން ފަށާ ފިލްމުގައި ސަލްމާން ފެންނާނީ އެމެރިކާގައި ދިރިއުޅޭ ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލުން ކަމަށްވެ އެވެ. އަދި އާލިއާގެ ކެރެކްޓާއަކީ ބަތަލާއެއްގެ ކެރެކްޓާ ކަމަށް ނޫސްތަކުން ބުންޏެވެ.
މިދިޔަ އަހަރު ގެނެސް ދިން "ޕަދުމާވަތު" އަށް ފަހު، ބަންސާލީ ބެލުންތެރިންނަށް ގެނެސްދޭ "އިންޝާﷲ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. މިއީ އޭނާ ޑައިރެކްޓް ކުރާ 10 ވަނަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy