31 ޖުލައި 2019 - 07:27
އަކްޝޭ ކުމާރު ކުޅުނު "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ގެ ޑައިރެކްޓަރު އާރް މުރްގަދޯސް މީގެ ފަސް އަހަރު ކުރިން ގެނެސް ތަމަޅަ ފިލްމު "ކައްތީ" ގެ ހިންދީ ރިމޭކަށް އަކްޝޭ ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 2014 ގައި ގެނެސް ދިން ފިލްމުގެ ހިންދީ ރިމެކް ޑައިރެކްޓް ކުރާނީ އަންނަ މަހުގެ 15 ގައި ރިލީޒްކުރާ އަކްޝޭގެ "މިޝަން މަންގަލް" ގެ ޑައިރެކްޓަރު ޖަގަން ޝަކްތީ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ކައްތީ" ގެ ހިންދީ ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނީ "އިއްކާ" ގެ ނަމުގަ އެވެ. އަދި އެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ނިމުމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖަގަން ބުންޏެވެ.
ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ލީޑް ރޯލް ކުޅުނު "ކައްތީ" އަކީ ދަނޑުވެރިންނަށް ދިމާވާ މާލީ ދަތިތަކާ ގުޅިގެން އެ މީހުން އަމިއްލަ އަށް މަރުވާ މައްސަލަ ހައްލުކުރަން ސިފަ ވައްތަރު ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސަމަންތާ ރޫތު ޕްރަބޫ، ނީލް ނިތިން މުކޭޝް، ޓޯޓާ ރޯއި ޗައުދަރީ އަދި ސަތިޝް ހިމެނެ އެވެ.
ފުލުފުލުގައި ފިލްމުތަކަށް ސޮއި ކުރަމުން އަންނަ އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 4"، "ގުޑް ނިއުސް"، "ސޫރިޔާވަންޝީ"، "ލަކްޝްމީ ބޮމްބް" އަދި "ބައްޗަން ޕާންޑޭ" ހިމެނެ އެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ މާޗްގައި ރިލީޒް ކުރި "ކޭސަރީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy