މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ބާއްވާ "ރާއްޖެ ޓީވީ ނައިޓް" ގައި އަދިތިޔާ ޕަފޯމް ކުރަން ވަނީ ހަމަޖެހިފައި.
އަދިތިޔާ: މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މާލޭގައި ޕަފޯމް ކުރާނެ.
16 ސެޕްޓެމްބަރ 2016 - 07:53
"ޕާޕާ ކެހެތޭ ހޭ ބަޅާ ނާމް ކަރޭގާ" މިއީ އާމިރް ހާންގެ ފުރަތަމަ ފިލްމް ގަޔާމަތު ސޭ ގަޔާމަތު ތަކް (1988) އަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ އުދިތު ނާރަޔަން ކިޔައިދިން އަބަދަށް ފެހި ލަވައިގެ ފެށުމުގައި ބުނާ ވާހަކައެކެވެ.
ބައްޕަ ދޭ ނަސޭހަތަކީ ބޮޑުވެގެން މޮޅު މީހަކަށް ވާށޭ އެވެ.
އުދިތުގެ މި ނަސޭހަތާ އެކު އޭނާގެ ފިޔަވަޅު މަތިން ހިނގޭތޯ މަސައްކަތްކުރާ ލަވަ ކިޔުންތެރިޔާ އަދިތިޔާ ނާރަޔަން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ބާއްވާ "ރާއްޖެ ޓީވީ ނައިޓް" ގައި ޕަފޯމް ކުރާނެ އެވެ. މިއީ އޭނާ ރާއްޖެ އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަދިތިޔާ ލަވަ މުބާރާތްތަކުގައި ވާދަކޮށް، ބައެއް މުބާރާތްތައް ހޯސްޓް ވެސް ކޮށްދެ އެވެ. ހަމަ އެއާ އަމިއްލަ ނަމުގައި އަލްބަމެއް ވެސް ނެރެ، ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ވެސް ކިޔައިދެ އެވެ. އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން ފަހުން އެންމެ މަޝްހޫރުވި ލަވައަކީ 2013 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީ، ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ލީޑް ރޯލަށް ލައިގެން ހެދި "ރާމް ލީލާ" ގެ "ތަތަޅު ތަތަޅު" އެވެ.
މީގެ އިތުރުން އޭނާ ކުޑަ އިރު 1996 ގައި ރިލީޒް ކުރި "މާސޫމް" އަށް ކިޔައި ދިން ލަވަ "ޗޯޓާ ބައްޗާ ޖާން ކޭ" އަކީ އަދިތިޔާގެ އެންމެ ފާހަގަކޮށްލެވޭ ލަވަ އެވެ.
ލަވަ ކިޔުމުގެ އިތުރަށް އަދިތިޔާއަކީ އެކްޓަރެއް ވެސް މެ އެވެ. ކުޑަ އިރު އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ހާނާއި މަހީމާ ޗައުދަރީގެ "ޕަރްދޭސް" އާއި ސަލްމާން ހާނާއި ޓްވިންކަލް ކަންނާގެ "ޖަބް ޕިޔާރު ކިސީސޭ ހޯތާ ހޭ" އަދި އާމިރް ހާނާއި އުރްމިލާ މަޓޯންޑްކަރްގެ "ރަންގީލާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
ޒުވާން އުމުރަށް އަޅާލި ފަހުން އަދިތިޔާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމަކީ ވިކްރަމް ބަޓް 2009 ގައި ޑައިރެކްޓް ކުރި ބިރުވެރި ފިލްމް "ޝާޕިޓް" އެވެ. އެކަމަކު އެއީ ބަލާނެ މީހަކު ނުވި ފިލްމެކެވެ. އަޅުވަން ޖެހުނީ ފްލޮޕް ބޯޑެެވެ.
ބައްޕަ ފަރާތުން އޭނާ އަށް ލަވައިގެ ހުނަރު ވާރުތަ ކުރި ނަމަވެސް، މިހާރު އުމުރުން 29 އަހަރުގެ އަދިތިޔާއަކީ ގިނަ ބަޔަކު އުންމީދު ކުރި ވަރުގެ ލަވަ ކިޔުންތެރިއެއް ނޫނެވެ. އޭނާގެ ކެރިއާ އެހާ ކާމިޔާބީއެއް ނޫނެވެ. ބައްޕަ އަށް ލިބުނު ވަރުގެ މަޝްހޫރު ކަމެއް އަދި ފުރުސަތުތަކެއް ވެސް ނުލިބެ އެވެ.
އިންޑިއާގެ ލަވަ ކިޔުންތެރިޔަކަށް ލިބޭނެ އެންމެ ބޮޑު ފަހުރަކަށް ވާނީ ބޮލީވުޑްގެ ފިލްމުތަކުގެ ޕްލޭބެކް ލަވަ ކިޔުންތެރިއަކަށްވުމެވެ.
އެކަމަކު އުދިތުގެ ދަރިއަކަށްވުމާ އެކު ވެސް އަދިތިޔާ އަށް އެ ފުރުސަތު އެހާ ތަނަވަހެއް ނޫނެވެ. ފުރުސަތެއް ލިބެނީ ހާލަކުން ފަހަރަކު އެވެ.
އަދިތިޔާ ޝޯ އަށް އަންނަ އިރު އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އޭނާގެ އާ ލަވަ "ބޭކާ ބޭކާ" މިއަދު (ހުކުރު ދުވަހު) ރިލީޒް ކުރާނެ އެވެ. އަދިތިޔާ ޕަފޯމް ކުރާނީ ގިޔާސުއްދީން ސްކޫލްގައި ޑިނަ ނައިޓަކާ އެކު ބާއްވާ "ރާއްޖެ ޓީވީ ނައިޓް" ގަ އެވެ.
އެ ރޭގެ އިވެންޓްގައިރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މީރާ މުހައްމަދު މާޖިދު، މަރިޔަމް އުނޫޝާ (ކިޑީ)، ބަތޫލް އަދި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ބައެއް ފަންނާނުންގެ އިތުރުން ބައެއް ބޭންޑްތަކާއި ބޮޑުބެރު ގްރޫޕްތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
16 September 2016
ތިޔައީ ރާއްޖެ ޓީވީން ކުރާކަމަކަށްވަތީ ހުއްދަނޫން ކަމަކަށްވެސް ވެދާނެ !
ނަން
16 September 2016
ބަލާނެ މީހަކު ނުވިޔަސް ދިވެހިންނަށް އޯކޭ ވާނެ