މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޝިލްޕާ ޝެޓީ.

ނަވާޒުއްދީން ސިއްދީގީ އާއި ތަމަންނާ ބާޓިއާ ލީޑް ރޯލް ކުޅޭ ފިލްމު "ބޯލެ ޗޫޅިޔާ" ގެ ޝޫޓިން ފަށައިފި އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމަކީ ނަވާޒުއްދީންގެ ބޭބެ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށި ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެގޮތުން ފިލްމު ރިލީޒް ކުރާނެ އިރެއް ވެސް އަދި ނޭނގެ އެވެ.

"ބޯލެ ޗޫޅިޔާ" ގެ ޝޫޓިން ފެށުމުގެ ކުރިން ނަވާޒުއްދީން ވަނީ މި ފިލްމަށް ރެޕް ލަވައެއް ވެސް ރެކޯޑްކޮށްފަ އެވެ. ބެލެވޭ ގޮތުން އާންމުކޮށް ފިލްމުތަކުގެ ނެގަޓިވް ރޯލްތަކުން ފެންނަ އެކްޓަރު މި ފިލްމުގައި ފެނިގެން ދާނީ ލަވަ ބޯއި ކެރެކްޓާއަކުންނެވެ.

"ބޯލެ ޗޫޅިޔާ" އަކީ ކުރިން ބަތަލާ މޯނީ ރޯއި އަށް ލީޑް ބަތަލާގެ ރޯލް ލިބުނު ފިލްމެކެވެ. އެކަމަކު ފަހުން އޭނާ ފިލްމު ދޫކޮށްލުމުން ތަމަންނާ އަށް ފުރުސަތު ލިބުނީ އެވެ.

އިތުރު ކައިވެންޏެއް ރޫޅިއްޖެ

ބަތަލާ ދިއާ މިރްޒާ އާއި ޑައިރެކްޓަރު ސާހިލް ސާންގާގެ ކައިވެންޏަށް ފަހު، އަނެއްކާ ވެސް ފިލްމު އިންޑަސްޓްރީން އިތުރު ކައިވެންޏެއް ރޫޅިފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މި ފަހަރު ވަރިވެފައި ވަނީ މިދިޔަ މަހުގެ 26 އިން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ކަންގަނާ ރަނާވަތުގެ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޑައިރެކްޓަރު ޕްރަކާޝް ކޮވެލަމުޑީ އާއި އެ ފިލްމުގެ ސްކްރީން ރައިޓަރު ކަނިކާ ދިލަން އެވެ. ކަނިކާއަކީ އެ ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ ފަންނާނެކެވެ.

މިކަމާ ބެހޭ ގޮތުން ޕްރަކާޝް ބުނީ ކަނިކާ އާއި އޭނާ ވަކިވިތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެކަމަކު ދެ މީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަން އޮންނަ ކަމަށް ބުންޏެވެ.

"ނިކައްމާ" އަށް ސޮއިކުރިކަން ޝިލްޕާ ކަށަވަރުކޮށް ދީފި

ސަބީރު ހާން ޑައިރެކްޓް ކުރާ ފިލްމު "ނިކައްމާ" އަށް ސޮއިކުރިކަން ބަތަލާ ޝިލްޕާ ޝެޓީ ކަށަވަރުކޮށް ދީފި އެވެ.

ސޯޝަލް މީޑިއާގައި އޭނާ ބުނީ ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ 13 އަހަރު ފަހުން، އެނބުރި އާދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި ސަބީރުގެ ފިލްމުން ކުޅެން ލިބުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.

"ނިކައްމާ" އަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފު ކުރާ ޝާލީ ސެތިއާ ލީޑް ރޯލް ކުޅޭ ފިލްމެކެވެ. އެހެންވެ އެ ދެ ޒުވާން ދެ ތަރިން ކުޅޭ ފިލްމުން ޝިލްޕާ ފެނިގެން ދާނީ ކޮން ކަހަލަ ރޯލަކުންތޯ ބަލައިލުމުގެ ޝައުގިވެރިކަން ފޭނުންގެ މެދުގައި މިހާރު ބޮޑެވެ.

"ނިކައްމާ" ގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެވެ.

މި ފިލްމުގެ އިތުރުން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ހާރޫނު މިޒްރާ ޑައިރެކްޓް ކުރާ ފިލްމަކަށް ވެސް ޝިލްޕާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު ނަން އިއުލާން ނުކުރާ އެ ފިލްމަށް ސޮއިކުރިކަން ޝިލްޕާ އަދި ކަށަވަރެއް ނުކޮށްދެ އެވެ.

"މޯގުލް" ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ

ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިލް ޑްރާމާ "މޯގުލް" ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އޭނާގެ ދަރިފުޅު އަދި ކުންފުނި މިހާރު ހިންގެވުމާ ހަވާލު ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނެފި އެވެ.

މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބުޝަން ބުނީ "މޯގުލް" އާ ގުޅުން ވަރަށް ގިނަ ކަންކަން ކުރިއަށްދާ ކަމަށެވެ. އެގޮތުން ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުގެ ނަން ވެސް ދެން މާ ލަސްނުކޮށް އިއުލާން ކުރާނެ ކަމަށެވެ. އޭނާ ބުނީ ބައްޕަގެ ވާހަކަ ކިޔައިދޭ ފިލްމަކީ ޓީ ސީރީޒްގެ ޑްރީމް ޕްރޮޖެކްޓަކަށްވާތީ އަވަސް އަރުވާލައިގެން ފިލްމުގެ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ އަކްޝޭ ކުމާރު ލީޑް ރޯލަށް ލައިގެން މިދިޔަ އަހަރު ގެނެސް ދޭން އުޅުނު ފިލްމެކެވެ. އެކަމަކު އޭނާ ވަނީ ފިލްމު ދޫކޮށްލައިފައި އެވެ.

އޭގެ ފަހުން "މޯގުލް" ކުޅެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާން އާމިރު ހާން އެއްބަސްވި އެވެ. އެކަމަކު ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއްސި ސުބާޝް ކަޕޫރްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމުން އާމިރު ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

ބުޝަން ބުނި ގޮތުގައި "މޯގުލް" ސިނަމާތަކަށް އަންނާނީ 2021 ނުވަތަ 2022 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454