ސީޒަންގެ "އަނދިރިކަން" އޮކްޓޯބަރުގައި ސިނަމާ އަށް

މިހާރު މ. މަޑުއްވަރީގައި ޝޫޓްކުރަމުން އަންނަ، އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަންގެ އާ ފީޗާ ފިލްމު "އަނދިރިކަން" އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ގެނެސްދޭން ނިންމައިފި އެވެ.


ފިލްމުގެ ޝޫޓިންގައި ހުރެ ސީޒަން "މިހާރު" އަށް ބުނީ އޮކްޓޯބަރުގައި ފިލްމު އަޅުވަން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ.

"އޮލިމްޕަހުން ޑޭޓެއް ލިބުން ތަންކޮޅެއް ތާށިކޮށް އުޅޭތީ ޑޭޓެއް އަދި ފައިނަލްނުވެގެން މި އުޅެނީ. އެކަމަކު އޮކްޓޯބަރަށް ޑޭޓެއް ލިބޭނެކަމުގެ ވަރަށް ބޮޑު ގެރެންޓީއެއް އެބައޮތް،" މިހާރު ޕޯސްޓަރު ވެސް ދައްކާލާފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"އަނދިރިކަން" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ސީޒަން ޑައިރެކްޓްކުރާ ފެމިލީ ޑްރާމާއެކެވެ. ސީޒަން ބުނިގޮތުގައި މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ރާއްޖޭގެ މުޖުތަމައުގައި އޮތް މައްސަލައެކެވެ.

"މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް އަނދިރިކަންވާނޭ،" މީގެ ތިން އަހަރު ކުރިން "ވަފާތެރި ކެހިވެރިޔާ" ގެނެސްދިން ސީޒަން ބުންޏެވެ. "އަހަރެން އަސްލު ބޭނުންވީ ފެމިލީ ޑްރާމާއެއް ސިނަމާ އަށް ނާންނަތާ ވެސް ދުވަސްތަކެއްވެފައިވާތީ އެ ޖޯންރާގެ ވަރަށް މެޗުއަ އަދި ދިވެހިންނާ ވެސް ރިލޭޓަބަލް ޓޮޕިކަކަށް ފިލްމެއް ގެނެސްދޭން."

މަޑުއްވަރީގައި މައިގަނޑު މަންޒަރުތައް ނަގާ "އަނދިރިކަން" ގެ ލީޑް ރޯލު ކުޅޭނީ ސީޒަނާ އެކު މީގެ ކުރިން ވެސް ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝީލާ ނަޖީބާއި ސީޒަނާ އެކު 2015 ގެ "އަހްޝަމް" ގެ ބަތަލާގެ ރޯލް ކުޅުނު އައިމިނަތު ރިޝްފާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސަައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު (ދަރާ) ރަޝީދު ހިމެނެ އެވެ.

"އަނދިރިކަން" ގެ ޝޫޓިންގެ ތެރެއިން.

"ފިލްމުގެ މުޅި ކާސްޓަށް ބަލާ ކަމަށް ވަންޏާ ހަމަ އެވޯޑް ވިނިން، ތަޖުރިބާކާރު ތަރިންތަކެއް ފިލްމުގައި މިތިބީ. މަޝްހޫރު ގިނަ ތަރިންތަކެއްގެ އިރުތުރުން ފިލްމުން މަޑުއްވަރީގެ ގިނަ ބަޔަކު ވެސް ފެންނާނެ،" ސީޒަން ބުންޏެވެ. "އަހަރެން ބުނާނީ މި ފިލްމުގެ ކޮންމެ ކާސްޓެއްގެ ވެސް ވަރަށް ފާހަގަކޮށްލެވޭ ކެރެކްޓާއެއް ފިލްމުން ފެނިގެން ދާނޭ. މި ފިލްމަށް ޝީލާ ވަނީ ވަރަށް ބޮޑަށް ބަރުދަން ވެސް އިތުރުކޮށްފައި. އެހެންވެ އެ ތަފާތު ވެސް ޝީލާގެ ކެރެކްޓާ އިން ބެލުންތެރިންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭނެ."

"އަނދިރިކަން" އަކީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި އެވޯޑް ހޯދާފައިވާ މަޝްހޫރު ކެމެރާމަން އަބްދުﷲ (މާސްކޭ) ޝިވާޒްގެ މާސްކޭ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ކެމެރާކުރަނީ ވެސް މާސްކޭ އެވެ

ސީޒަން ބުނިގޮތުގައި އަމާޒަކީ ތިން ލަވަ ހިމެނޭ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް އަންނަ މަހުގެ 3 އަށް ނިންމައިލުމެވެ.

"އަނދިރިކަން" ގެ ޝޫޓިންގެ ތެރެއިން.

"ޢަނދިރިކަން" ގެ ޝޫޓިން ކުރިއަށްދާ އިރު، ސީޒަން މުހިއްމު ރޯލެއް ކުޅޭ ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓްކުރާ "ކޮސް ގިނަ މިސްޓޭކް" ގެ ޓީމް މިހާރު ތިބީ އެ ފިލްމު ޝޫޓްކުރާ އއ. ފެންފުށީގަ އެވެ.

"އެ ފިލްމުގެ މަސައްކަތާ އަހަރެން ޖޮއިންކުރަން ޖެހޭ އަންނަ މަހުގެ ތިނެއްގައި. އެހެންވީމާ އެހާތަނަށް އަނދިރިކަންގެ ފުރަތަމަ ޝެޑިއުލް ނިންމާލާފައި ޔޫއްޕެގެ ފިލްމަށް ވަގުތު ދިނުމަށް ފަހު، ދެން އަނެއްކާ ވެސް އަހަރެންގެ ފިލްމުގެ ދެވަނަ ޝެޑިއުލް ކުރިއަށް ގެންދާނީ،" މި އަހަރު ރިލީޒްކުރި "40+" ގައި ވެސް ރޯލެއް ކުޅުނު ސީޒަން ބުންޏެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބައިސްކޯފުން މިހާރު ސްޓްރީމްކުރާ ކުރު ފިލްމު "ސޯލް" އެވެ. އެއީ މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ވެސް ވާދަކުރި ފިލްމެކެވެ.