30 އޯގަސްޓް 2019 - 08:46
ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ސާރާ އަލީ ޚާނާއި ކާތިކް އާރިޔަންގެ ގުޅުން ވަރަށް ސީރިއަސް ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.
މި ދެ މީހުންގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ ކަރަން ޖޯހަރު މިދިޔަ އަހަރު ގެނެސްދިން ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގައި ކާތިކާ ބެހޭ ގޮތުން ސާރާ ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ބައްޕަ ސައިފް އަލީ ހާނާއެކު ބައިވެރިވި ޝޯގައި ސާރާ ބުނީ ކާތިކާ އަކީ އޭނާ ވަރަށް ގަޔާވާ މީހެއް ކަމަށާއި އެއީ ކައިވެނިކުރަން ވެސް ރަނގަޅު ޒުވާނެއް ކަމަށެވެ.
ސާރާ މިފަދަ ވާހަކައެއް ދެއްކި ދުވަސްވަރަކީ ކާތިކާއި އަނަންޔާ ޕާންޑޭގެ މެދުގައި މާ ގާތް ގުޅުމެއް ވެސް އޮތް ދުވަސްވަރެކެވެ. އޭރު އެ ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެކަމަކަށް ދެ ތަރިން އެއްބަސްވެފައެއް ނުވެ އެވެ.
ކާތިކާއި އަނަންޔާ އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" އަންނަ ޑިސެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ސާރާ އާއި ކާތިކްގެ ލޯބީގެ ވާހަކަ ފަހުން ގަދަވާން ފެށީ މި ދެ ތަރިން އެކީގައި ކުޅޭ ފިލްމާއެކީގަ އެވެ. އެއީ އިމްތިއާޒް އަލީގެ "އާޖް ކަލް" އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމުގައި އެކީގައި މަސައްކަތްކޮށްލަން ލިބުމުން ސާރާ އާއި ކާތިކްގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިހާރު ވަނީ ވަރަށް ސީރިއަސް ހިސާބަކަށް ގޮސްފަ އެވެ. އެކީގައި ގިނަ ވަގުތު ހޭދަކޮށްލަން ލިބުމުން ދެ މީހުން އެކަކު އަނެކަކަށް ވަގުތު ދިނުމާއި އުފަން ދުވަސް ފާހަގަކުރުން ކަހަލަ ކަންކަމާއި އެކީގައި ކުރު ދަތުރުތައް ވެސް ދެ ތަރިން އެކީގައި މިހާތަނަށްކޮށްފައިވާ ކަމަށްވެ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ދެ ތަރިންގެ ގުޅުން ގޮސްފައި އޮތް ހިސާބަކީ، ސާރާ، ކާތިކްގެ އާއިލާއާ ވެސް ބައްދަލުކޮށްފައިވުމެވެ. އަދި މިއީ ދެ ތަރިންގެ ލޯބީގެ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ސާރާ އާއި ކާތިކް މިހާތަނަށް އެއްވެސް ރައްދެއް ނުދެ އެވެ. ދެ ތަރިން އުޅެނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ. ސާރާ މި ވަގުތު ހުރީ ވަރުން ދަވަންއާ އެކު ކުޅޭ "ކޫލީ ނަމްބަރު 1" ގެ ޝޫޓިން އަށް ތައިލެންޑްގަ އެވެ.
ކުރިން އަޑުއަރާފައިވާ ގޮތުގައި ސާރާ ވަނީ އޭނާގެ އަލަތު ފިލްމު "ކެދަރުނާތު" ގެ ބަތަލު ސުޝާންތު ސިންގް ރާޖްޕޫތާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އެކަމަކު ސުޝާންތާ މި ވަގުތު ރައްޓެހިވެގެން އުޅެނީ ބަތަލާ ރިއާ ޗަކްރަބަތީއާ ކަމަށް މީޑިއާޔަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy