ސަންޖޭ ލީލާ ބަންސާލީ ދެން ފިލްމެއް ހަދާނީ ޝާހްރުކް ޚާނާ އެކު

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން އުޅުނު ފިލްމު "އިންޝާﷲ" ގެ ފީ އާއި ތާރީހުގެ މައްސަލަތަކެއްގައި ސަލްމާނާއި ބަންސާލީ އަށް އެއްގަލަކަށް ނޭރިގެން އެ ފިލްމު ހުއްޓާލާފައިވާ އިރު، ބަންސާލީ ދެން ހަދާ ފިލްމަށް ނަގާނީ ޝާހްރުކް ޚާން ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި އެ ފިލްމަކީ ހަމަ "އިންޝާﷲ" އަށް ވެސް ވެދާނެ އެވެ. އެހެންވެއްޖެ ނަމަ މި ފިލްމު ވާނީ އާލިއާ ބަޓާއި ޝާހްރުކް އެކީގައި ފެންނާނެ ދެވަނަ ފިލްމަށެވެ. މި ދެ ތަރިން ކުރިން ވަނީ 2016 ގެ "ޑިއާ ޒިންދަގީ" ގައި މަސައްކަތްކޮށްފަ އެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި ބަންސާލީ ވަނީ "އިޒްހާރު" ކިޔާ ފިލްމެއް ވެސް ޝާހްރުކަށް ހުށަހަޅައިފަ އެވެ. އަދި މިއިން ކޮންމެވެސް އެއް ފިލްމެއް ޝާހްރުކާ އެކު ގެނެސް ދޭނެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

"އިންޝާﷲ" ނަހަދައި މަޑުޖައްސައިލި ވާހަކަ ބަންސާލީގެ ފިލްމު ކުންފުނިން އިއުލާނުކުރި ޓްވީޓްގައި ވަނީ އޭނާ ދެން ހަދާ ފިލްމެއްގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ. ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ލީޑް ރޯލް ކުޅުނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނެވެ. އޭގެ ތެރެއިން އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރުގެ "ޕަދުމާވަތު" އެވެ.

ޝާހްރުކް މިހާތަނަށް ކުޅުނީ ބަންސާލީގެ އެންމެ ފިލްމެކެވެ. އެއީ މަދޫރީ ޑިކްސިޓާއި އައިޝްވާރިޔާ ރާއީ ބަތަލާއިންގެ ރޯލް ކުޅުނު 2002 ގެ "ދޭވްދާސް" އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ އެ އަހަރުގެ އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވި ފިލްމު ވެސް މެ އެވެ.

"ދޭވްދާސް" ގެ ލަވައެއް.

"ދޭވްދާސް" އަށް ފަހު ޝާހްރުކާއި ބަންސާލީ ދެވަނަ ފިލްމަކާ ބެހޭ ގޮތުން އެކި ފަހަރުމަތިން ވާހަކަތަކެއް ދެއްކި ނަމަވެސް، މިހާތަނަށް އެކަން އޮތީ ކާމިޔާބު ނުވެ އެވެ. އެކަމަކު ސަލްމާނާ ހެދި "އިންޝާﷲ" ހުއްޓުމުން ބަންސާލީގެ ލޯ މި ވަގުތު އަމާޒުވެފައި ހުރީ ޝާހްރުކަށް ކަމަށްވެ އެވެ.

ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވި އެކްޓަރު އެކްޓިން އިން ބްރޭކަށް ނަގައިގެން ހުރި އިރު، ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ އާ ފިލްމަށް ޝާހްރުކް ސޮއިކޮށްފައިވެ އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ.

ކޮންމެއަކަސް ބަންސާލީގެ ފިލްމަކުން ޝާހްރުކް ފެނިގެން ދިއުމަކީ ބެލުންތެރިންގެ ވަރަށް ވެސް އުންމީދުކުރާނެ ކަމަކަށް ވާނެ އެވެ.