03 ސެޕްޓެމްބަރ 2019 - 07:23
ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުން އެކްޓަރު އަކްޝޭ ކުމާރު، ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަންއާ އެކު ވީޑިއޯ ލަވައެއް ކުޅެފި އެވެ.
ބައެއް މީޑިއާތަކުން ވަނީ އެ ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އޭގައި އަކްޝޭ އާއި ނުޕޫރް ފެންނަނީ ޓްރެޑިޝަނަލް ލުކެއްގަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި ވީޑިއޯ ލަވައަކީ މިދިޔަ ހަފުތާގައި ނެރުނު ވިކީ ކޯޝަލް އާއި ނޯރާ ފަތެހީގެ ވީޑިއޯ ލަވަ "ޕަޗްތާއޯގީ" ގެ މިއުޒިކް ޑައިރެކްޓަރު ބީ ޕްރާކްގެ މިއުޒިކަށް ހަދާފައިވާ ލަވައެކެވެ. ޖާނީ ލަވައިގެ ޅެން ހެދި ނަމަވެސް، އަކްޝޭގެ ލަވަ ކިޔާފައި ވަނީ ކޮން ލަވަކިޔުންތެރިއެއް ކަމެއް ހަންގާމާ އިން ބުނެފައެއް ނުވެ އެވެ.
އަކްޝޭ، 51، އާ އެކު ނުޕޫރް، 23، ލަވައެއް ކުޅެފައި މި ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވާން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށެވެ. ކޮންމެވެސް ވަރަކަށް ލަވަ ވެސް ކިޔައި އުޅޭ ނުޕޫރަކީ މިދިޔަ އަހަރު ދައްތަ ކްރިތީއާ އެކު ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައި ބަތަލާއެކެވެ.
ކްތިރީ ވެސް މިހާރު އަންނަނީ އަކްޝޭއާ އެކު ފިލްމެއް ކުޅެމުންނެވެ. އެއީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ "ހައުސްފުލް 4" އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަކްޝޭ ދާދި ފަހުން ސޮއިކުރި "ބައްޗަން ޕާންޑޭ" ގެ ބަތަލާއަކީ ކްރިތީ އެވެ.
އަކްޝޭ އާއި ނުޕޫރްގެ ލަވަ ރިލީޒްކުރާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު މި ލަވައަށް ބެލުންތެރިން އުންތިޒާރުކުރާނެކަން ޔަގީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy