ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ ބަތަލާ ސްރީދޭވީގެ ވެކްސް ސްޓެޗޫއެއް ލަންޑަނުގެ މެޑަމް ޓްސޯޑްސްގެ ސިންގަޕޫރު ގޮފިން ތައްޔާރުކޮށް ދައްކާލައިފި އެވެ.


ސްޓެޗޫ ދައްކައިލަން ބޭއްވި ހަފުލާގައި ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރާއި އަންހެން ދެ ދަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރް ވެސް ބައިވެރިވި އެވެ. އެ މީހުން ވަނީ ސްޓެޗޫއާ އެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފިން ވެސް ސްޓެޗޫ ދައްކައިލަން ބޭއްވި ހަފުލާގެ ފޮޓޯތަކެއް ޓްވީޓްކޮށްފައިވެ އެވެ. ސްޓެޗޫ ހަދާފައި ހުރީ 1993 ގައި ރިލީޒްކުރި ފިލްމު "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" ގައި ސްރީދޭވީ ފެނުނު ގޮތަށެވެ.

ސްރީދޭވީ މަރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގަ އެވެ. އޭނާގެ އޮޓޮޕްސީން ދެއްކީ ބިލިގާތެރޭގައި މަސްތުވެގެން އޮއްވައި އެއަށް ގެނބިގެން މަރުވީ ކަމަށެވެ.

ކެރިއަރުގައި 250 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސްރީދޭވީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގެ ހާއްސަ ފެނިލުމަކުންނެވެ. އަދި އޭނާގެ އެންމެ ފަހުން ބަތަލާގެ ރޯލް ކުޅުނު ފިލްމަކީ 2017 ގެ "މޮމް" އެވެ.

އަޔޫޝްމަންގެ އިތުރު ފިލްމެއް

މިހާރު ވެސް ދެ ފިލްމެއް ރިލީޒްކުރުމުގެ މަގުމަތީގައި އޮތް އެކްޓަރު އަޔޫޝްމަން ކުރާނާގެ އާ ޕްރޮޖެކްޓެއް އަނެއްކާ ވެސް އިއުލާންކުރަން ތައްޔާރުވެއްޖެ އެވެ.

އެކަމާ ގުޅޭ ވީޑިއޯއެއް ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަންދާދުން" އިން ނެޝަނަލް އެވޯޑް ވެސް މި އަހަރު ލިބޭ އެކްޓަރު މި ވަގުތު ހުރީ އަންހެނުންނާ އެކު ޗުއްޓީއަކަށް އޮސްޓްރިއާގަ އެވެ.

އަޔޫޝްމަންގެ "ޑްރީމް ގާލް" މި މަހުގެ 13 ގައި ރިލީޒްކުރާ އިރު، "ބާލާ" ނޮވެމްބަރު 22 ގައި ސިނަމާތަކަށް އަންނާނެ އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގުލާބީ ސިތާބޯ"، "ޝުބް މަންގަލް ޒާދާ ސާވްދާން" އަދި "ބަދާއީ ހޯ 2" ހިމެނެ އެވެ.

މި އަހަރު ރިލީޒްވި އަޔޫޝްމަންގެ ފުރަތަމަ ފިލްމަކީ "އާޓިކަލް 15" އެވެ.

"ކޫނީ ނަމްބަރު 1" ގެ ރޯލަކަށް ޝިކާ

ވަރުން ދަވަން އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ ފިލްމު "ކޫލީ ނަމްބަރު 1" ގެ ރޯލަކަށް ޝިކާ ތަލްސާނިއާ ވެސް ސޮއިކޮށްފި އެވެެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސާރާގެ ދޮންމަންމަ ކަރީނާ ކަޕޫރް މުހިއްމު ރޯލެއް ކުޅެ، މިދިޔަ އަހަރު ރިލީޒްކުރި "ވީރޭ ދީ ވެޑިން" އިންނެވެ. ޝިކާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މިޑްނައިޓްސް ޗިލްޑްރެން" އާއި "އިފް އޮންލީ" ހިމެނެ އެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ކޫލީ ނަމްބަރު 1" އަށް ސޮއިކުރިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވެސް ޝިކާ ކަށަވަރުކޮށް ދީފައިވެ އެވެ. މި ފިލްމަކީ އަންނަ އަހަރުގެ މެއި 1 ގައި ރިލީޒްކުރާ ފިލްމެކެވެ.

"ޑްރީމް ގާލް" ގެ އާ ލަވައެއް

މި މަހުގެ 13 ގައި ރިލީޒްކުރާ ފިލްމު "ޑްރީމް ގާލް" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ބެލުންތެރިންނަށް ދައްކައިލި ލަވައަކީ ލޯބީގެ މަޑުމައިތިރި ލަވައެއް ކަމަށްވާ "އިކް މުލާގާތު" އެވެ. މި ލަވަ ކިޔާފައި ވަނީ ޕަލަކު މުއްޗަލް އާއި އަލްތަމަޝް ފަރީދީގެ އިތުރުން ލަވައިގެ މިއުޒިކް ވެސް ހެދި މީޓް ބްރޮސް އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ޑައިރެކްޓްކޮށްފައިވާ "ޑްރީމް ގާލް" އަކީ އަންހެން އަޑުން ވާހަކަ ދައިގެން އެތައް ބަޔަކު އޭނާގެ ޖާދޫގައި ޖައްސާ ފިރިހެނެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.