"ދޯސްތާނާ 2" އިން ތައާރަފުވާނީ ފާތިހެއް ނޫން، ލަކްޝަޔާ

ޖާންވީ ކަޕޫރާއި ކާތިކް އާރިޔާން ލީޑް ރޯލް ކުޅޭ ފިލްމު "ދޯސްތާނާ 2" ގެ ދެވަނަ ބަތަލަކީ ފާތިހް ރާންދުވާ ކަމަށް މީޑިއާތަކުން ފެތުރި ވާހަކަތައް ދޮގުކޮށް، އެ ފިލްމުގެ ދެވަނަ ބަތަލަކީ ކޮބައިކަން ޕްރޮޑިއުސަރު ކަރަން ޖޯހަރު އިއުލާންކޮށްފި އެވެ.


އޭނާ ކުރި ޓްވީޓެއްގައި ބުނީ "ދޯސްތާނާ 2" އިން އަލަށް ތައާރަފުކުރާ އެކްޓަރަކީ ލަކްޝަޔާ ކަމަށެވެ. ޓްވީޓްގައި އޭނާގެ ފޮޓޯއެއް ވެސް ކަރަން ހިއްސާކޮށްފައިވެ އެވެ. އެ ޓްވީޓްގައި ކަރަން ބުނީ މި ފިލްމަކާ އެކު ލަކްޝަޔާގެ ބޮލީވުޑްގެ ކެރިއަރު ވަރުގަދަ އަށް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ލަކްޝާ ވަނީ ކުރިން ޓީވީ އިޝްތިހާރުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ބައެއް މީޑިއާތަކުން ބުނިގޮތުގައި ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ވަނީ އަލަށް ތައާރަފުކުރާ އެކްޓަރާ އެކު ހަތަރު ޕްރޮޖެކްޓަކަށް އެއްބަސްވުމެއް ހަދައިފަ އެވެ. އަދި ލަކްޝަޔާ އަށް "ދޯސްތާނާ 2" އިން ފުރުސަތު ދިނީ ގިނަ އަދަދެއްގެ ޒުވާނުންތަކަކާ އެކު ބޭއްވި އޮޑިޝަންތަކަކަށް ފަހު އެވެ.

"ދޯސްތާނާ 2" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި އެ ފިލްމުވެގެން ދާނީ ކުރީގެ ބަތަލާ ފަރަހް ނާޒާއި އެކްޓަރު ވިންދޫ ދާރާ ސިންގްގެ ދަރިފުޅު ފާތިހް ބޮލީވުޑަށް ތައާރަފުވާނެ ފިލްމަށެވެ.

"ދޯސްތާނާ 2" ގެ ޑައިރެކްޓަރަކީ ކޮލިން ޑި ކަންހާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ނަވްޖޯތު ގުލާތީ އާއި ސުމިތު އަރޯރާގެ އިތުރުން ރިޝަބް ޝަރުމާ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ޖާންވީ އާއި ކާތިކް ފެނިގެން ދާނީ ދެބޭންގެ ރޯލުންނެވެ.

"ދޯސްތާނާ 2" އަކީ ކަރަންގެ ދަރުމާ އިން 2008 ގައި ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަންއާ އެކު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ" ގެ ދެވަނަ ބައެވެ. އެ ފިލްމު ޑައިރެކްޓްކުރީ ތަރުން މަންސުޚާނީ އެވެ.

"ދޯސްތާނާ 2" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.