ބަވަތަ ރެޑްކާޕެޓް. -- ދޯ ފޮޓޯ/ ހުސެން ވަހީދު
05 ސެޕްޓެމްބަރ 2019 - 11:03
މިދިޔަ ހޯމަ ދުވަހުން ފެށިގެން އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަ ފިލްމު "ބަވަތި" ގެ އާ ޓީޒާ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. އޭނާގެ މި އުފެއްދުމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.
ވިދަމުން އަންނަ އަންނަ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި އަލަށް ތައާރަފުވި އެކްޓަރު އަހުމަދު އިފްނާޒް ފިރާގް ލީޑް ރޯލު ކުޅޭ "ބަވަތި" އަކީ މިހާތަނަށް ދިވެހި ސިނަމާ އިން ފެނުނު އެންމެ ތަފާތު އެންމެ ފުރިހަމަ އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.
މީގައި ކިޔައި ދެނީ ކައިވެނިކޮށްގެން ރަށަކުން ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ އަންބަކަށް ދިމާވާ އާދާހިލާފު ކަންތައްތަކެވެ.
ޑައިރެކްޓަރު އިލްޔާސް ބުނެފައިވާ ގޮތުގައި އޭނާގެ އަލަތު ފިލްމު ބެލުންތެރިން ބަލައިގަތުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޒުމަކަށްވީ ބެލުންތެރިން ޝައުގުވެރިވާ ކަހަލަ އާ ކޮންސެޕްޓަކަށް ފިލްމެއް ހަދަން ކަމަށް ބުންޏެވެ.
"ބަވަތި" ގެ މޮޅު ވާހަކަ އާއި ފިލްމުގެ ފުރިހަމަކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނަ އިރު މީގެ އެންމެ އަޅައިގަންނަ އެއް ކަމަކީ މިހާތަނަކަށް ދިވެހި ފިލްމަކުން ނުފެން ވަރުގެ މޮޅު ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) މުޅި ފިލްމުގެ އެކި ހިސާބުތަކުން ފެނުމެވެ. މީގެ އިތުރުން ތަރިންގެ އެކްޓިން އާއި ސިނަމޮޓޯގްރީގެ އިތުރުން މިއުޒިކް ވެސް ވަރަށް ފާހަގަކޮށްލެވޭ ކަމަށް ފިލްމު ބެލި މީހުން ސޯޝަލް މީޑިއާގައި ވެސް ފިލްމަށް ތައުރީފުކުރަމުން ބުނެފައިވެ އެވެ.
އޮލިމްޕަހުގައި "ބަވަތި" ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ އިރު މި މަހުގެ 21 އާ ހަމައަށް އެތަނުގައި ފިލްމު ދައްކާނެ އެވެ. އަދި ރަށްރަށުގައި ވެސް ފިލްމު އެޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިލްޔާސް ބުނެފައިވާ ގޮތުގައި އޭނާ މިހާރު އަންނަނީ ދެވަނަ ފިލްމަކަށް ވެސް ތައްޔާރުވަމުންނެވެ. އަދި އޭގެ ސްކްރިޕްޓް ނިމި، ކާސްޓުން ވެސް ފައިނަލްކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންޓޫ
05 September 2019
ތިފިލްމު ބެލިން. ފުރިހަމަ ރިވެތި ފިލްމެއް. އަހަރެންވެސް މިއުޅެނީ ރަގަޅު ފިލްމެއް ވުޖޫދަށް އައީމަ ތިފިލްމުގެ ޓްރެއިލާއެއް ނެރެގެން. ކިއަނީ "ތުންތުން މަތިން". ދިމާވާ މީހުން ކައިރީ ބުނަމުން މިދަނީ ފިލްމުގެ ރަގަޅުވާހަކަ.