08 ސެޕްޓެމްބަރ 2019 - 08:15
އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެ ގައުމުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރަށް ސަރުކާރުން ހާއްސަ ލަގަބެއް ދޭން ނިންމައިފި އެވެ
އިންޑިއާގެ ނޫސްތަކުން ބުނީ މި މަހުގެ 28 ގައި ފާހަގަކުރާ ލަތާގެ 90 ވަނަ އުފަންދުވަހާ ދިމާކޮށް ދޭން ނިންމާފައި ވަނީ "ޑޯޓާ އޮފް ދަ ނޭޝަން" ގެ ލަގަބު ކަމަށެވެ. އެ ލަގަބު ލަތާ އަށް ރަސްމީކޮށް ހަވާލުކުރާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އަދި ލަތާގެ ހިދުމަތްތަކަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕްރަސޫން ޖޯޝީ ހަދާފައިވާ ހާއްސަ ލަވައެއް ވެސް 28 ވަނަ ދުވަހު އާންމުކުރަން ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި 70 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްފައިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގެ އަންހެން ރަން އަޑުގެ ވެރިޔާ އެވެ.
އޭނާ ވަނީ އެތައް ބަހަކުން އެތައް ހާސް ލަވައެއް ރެކޯޑްކޮށްފަ އެވެ. ލަތާއަކީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ލަވަ ރެކޯޑް ކުރި ފަންނާނެވެ. އެ ރެކޯޑް އަށް އޭނާ އަށް ލިބި ދުނިޔޭގެ ރެކޯޑް ފޮތުން ރަސްމީކޮށް ޖާގަ ލިބުނީ 1974 ގަ އެވެ. އެ ޝަރަފު ލަތާ އަށް ލިބުނު އިރު 25،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެ އެވެ.
އުމުރުން އެންމެ 13 އަހަރުގައި ލަތާގެ މިއުޒިކް ކެރިއަރު ފެށީ ހިންދީ ފިލްމުތަކަށް ލަވަކިޔައިދޭ ޕްލޭބެކް ސިންގައެއްގެ ގޮތުގަ އެވެ.
އޭނާ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ސަރުކާރުންދޭ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އާއި ބާރަތު ރަޓްނާގެ އިތުރުން ދާދާ ސާހެބް ޕަލްކޭ އެވޯޑް ވެސް ކުރިން ވަނީ ދީފަ އެވެ.
ލަތާ އަށް، އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ ނެޝަނަލް އެވޯޑް ވެސް ތިން ފަހަރު ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy