08 ސެޕްޓެމްބަރ 2019 - 08:14
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމަކަށް ޝާހްރުކް ހާން ސޮއިކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.
މިކަން އަލީ އާއި ޝާހްރުކް އަދި ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް، އަލީ ކުރި ޓްވީޓެއްގައި ވަނީ އޭނާ ދެން ހަދާ ފިލްމުގެ ސްކްރިޕްޓް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ބުނެފަ އެވެ.
ބައެއް ނޫސްތަކުން ބުނިގޮތުގައި ޝާހްރުކާ އެކު އަލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް 4" އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސްޓޫޑިއޯ އަށް އަންނަ އަހަރު 50 އަހަރު ފުރޭތީ، އެކަން ފާހަގަކުރަން ވައިއާރްއެފްގެ އެންމެ ކާމިޔާބު ބައެއް ފިލްމުތައް ކުޅުނު ޝާހްރުކާ އެކު ފިލްމެއް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު މީޑިއާތަކުން ކުރިން ބުނީ ޝާހްރުކްގެ އާ ފިލްމު ޑައިރެކްޓްކުރާނީ އަދިތިޔާ ޗޯޕްޅާ ކަމަށެވެ.
For everyone speculating .... I am in final stages of finalising my script , exciting times ahead .... ❤️
— ali abbas zafar (@aliabbaszafar) September 6, 2019
ނަމަވެސް ޕްލޭން މިހާރު ބަދަލުވެ، އަލީ ޑައިރެކްޓްކުރާ ގޮތަށް ޝާހްރުކާ އެކު "ދޫމް 4" ގެނެސްދޭން ނިންމީ ކަމަށްވެ އެވެ. މިކަމާ ބެހޭ ގޮތުން ވައިއާރްއެފުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"ދޫމް" ގެ ފިލްމަކުން ޝާހްރުކް ފެނިދާނެ ކަމަށް ބުނާ ވާހަކަ ދެކެވޭތާ މިހާރު ލައްކަ ދުވަސްވެއްޖެ އެވެ. އެހެންވެ މި ފަހަރު މިއީ ޔަގީން ފަހަރު ކަމަށް ވެސް މީޑިއާތަކުން އަންދާޒާކުރެ އެވެ. "ދޫމް 4" އިން ޝާހްރުކް ފެންނަ ނަމަ އޭގައި އޭނާ ކުޅެން ޖެހޭނީ ނެގަޓިވް ކެރެކްޓާއެކެވެ.
މި ފްރެންޗައިޒްގެ ކޮންމެ ފިލްމެއްގެ އަސްލު ހީރޯ އަކީ ފިލްމުގެ ވިލަން އެވެ. އެންމެ ފަހުން ގެނެސް ދިން ދިން ދޫމް 3 (2013) ގެ ވިލަންއަކީ އާމިރު ޚާނެވެ. "ދޫމް 2" ގެ ވިލަންއަކީ ރިތިކް ރޯޝަނެވެ. އަދި "ދޫމް" ގެ ފުރަތަމަ ފިލްމުގެ ވިލަންއަކީ ޖޯން އަބްހަރަމެވެ.
"ދޫމް" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ ސަންޖޭ ގަދްވީ އެވެ. ތިން ވަނަ ބައި ޑައިރެކްޓްކުރީ މިދިޔަ އަހަރު "ތަގްސް އޮފް ހިންދުސްތާން" ގެނެސްދިން ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗާރިއާ އެވެ.
"ދޫމް 4" ވާނީ އަލީ މީގެ ބަޔަކާ ހަވާލުވާ ފުރަތަމަ ފަހަރަށެވެ. އޭނާއަކީ ވައިއާރްއެފްގެ ކާމިޔާބު އެހެން ފްރެންޗައިޒެއްގެ ވެސް ޑައިރެކްޓަރެވެ. އެއީ ސަލްމާން ޚާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ޓައިގާ" ސީރީޒެވެ. އޭގެ ދެވަނަ ފިލްމު "ޓައިގާ ޒިންދާ ހޭ" އަލީ ގެނެސްދިނީ 2017 ގަ އެވެ.
އޭނާ އެންމެ ފަހުން ވެސް ބެލުންތެރިންނަށް ގެނެސްދިނީ ސަލްމާނާއި ކެޓްރީނާ ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އެއީ ޖޫން މަހު ރިލީޒްކުރި "ބާރަތު" އެވެ.
އަލީގެ ފިލްމަށް ޝާހްރުކް ސޮއިކޮށްފައިވާ ކަމަށް ބުނާ އިރު، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ވެސް އޭނާ އެއްބަސްވެފައިވާ ކަމަށްވެ އެވެ.
އެކަމަކު މިދިޔަ އަހަރު "ޒީރޯ" ފްލޮޕްވުމުން ޝާހްރުކް ހުރީ އެކްޓިން އިން ބްރޭކެއް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
08 September 2019
ނަހޫ ފުލޮޕް ވެދާނެ.. އެކަމަކު ފިލްމު ފީކަޅާ ވެއްޖިއްޔާ..އަދިވެސް ޝާހުރުކަކީ ދުނިޔޭގެ އެންމެ ފޭން ބޭސް ބޮޑު އެއް އެކްޓަރު އެހެން ވީމަ ފިލްމުގައި އޮއްޓަރު ހުރިއްޔާ ކާމިޔާބު ވާނެ.
ނަހޫ
08 September 2019
ދޫމް ވެސް އެވީ ފްލޮޕަކަށް.