ވަރީނާ އަދި ކަރަން.
09 ސެޕްޓެމްބަރ 2019 - 08:02
މި މަހު ރިލީޒްކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުވާ ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލްގެ ދެވަނަ ފިލްމުގެ ބަތަލާ އަކީ ވަރީނާ ހުސައިން ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ވަރީނާ އަކީ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ލަވްޔާތުރީ" ގެ ބަތަލާ އެވެ. އެ ފިލްމަކީ ވަރީނާގެ ވެސް ފުރަތަމަ ފިލްމެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި އަހަރުގެ ކުރީކޮޅު "ޓޯޓަލް ދަމާލް" ގެނެސްދިން ޑައިރެކްޓަރު އިންދަރު ކުމާރު ޕްރޮޑިއުސްކުރާ ފިލްމަށް ކަރަން އާއި ވަރީނާ މިހާރު ސޮއިކޮށްފައިވާ އިރު، އޭގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ކަރަން ވެސް ވަނީ އިންދަރުގެ ކޮމެޑީ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.
ހަންގާމާ އިން ބުނިގޮތުގައި އަދި ނަން އިއުލާންނުކުރާ، ކަރަން އާއި ވަރީނާގެ ޖޯޑު ސްކްރީނަށް ގެންނަ ފިލްމު ޑައިރެކްޓްކުރާނީ ދެމަފިރިން ކަމަށްވާ ރިތޭޝް ދޭޝްމުކާއި ޖެނެލިއާ ޑި ސޫޒާ 2010 ގައި ކުޅުނު ފިލްމު "ތެރެ ނާލް ލަވް ހޮގަޔާ" ގެ ޑައިރެކްޓަރު މަންދީޕް ކުމާރެވެ.
އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކަޕްތާން (2016)، އަމްބަރުސަރިޔާ (2016) އަދި ޖިނޭ މެރޭ ދިލް ލޫޓެޔާ (2011) ހިމެނެ އެވެ.
އިންދަރަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "ދިލް"، "ބޭޓާ" އަދި "އިޝްގް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ކަރަންގެ އަލަތު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ސިނަމާތަކަށް އަންނާނީ މި މަހުގެ 20 ގަ އެވެ. މި ފިލްމުން އާ ބަތަލާއަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ސަހަރް ބާމްބާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy