10 ސެޕްޓެމްބަރ 2019 - 07:53
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ކޮމަލިކާގެ ރޯލުން ދެން ފެންނާނީ ޒުވާން ބަތަލާ ޖޭސްމިން ބާސިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި "ކަސޯޓީ" ގެ އާ ސީޒަނުގައި ކޮމަލިކާގެ ރޯލް ކުޅެންފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ކެރެކްޓާ ކުޅެމުން ދިޔަ ހީނާ ޚާނަށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ ސިލްސިލާ ދޫކޮށްލުމުން އޭގެ ޓީމުން ގެންދިޔައީ ކޮމަލިކޯގެ ރޯލް ދެން ކުޅޭނެ ބަތަލާއަކު ހޯދަން އަތްފުނާ އަޅަމުންނެވެ.
އެގޮތުން ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ފުރަތަމަ ހޮވުމަކަށްވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިން ވިދައިލި ބަތަލާ ސަނާޔާ އިރާނީ އެވެ. އެކަމަކު ކޮމަލިކާގެ ރޯލް އޭނާ ގަބޫލުނުކުރުމުން އެ ކެރެކްޓާ މިހާރު ޖޭސްމިން އަށް ދީފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހު ސީޒަނުގައި ވެސް ވާދަކުރި ޖޭސްމިން، 29، އަކީ މީގެ ކުރިން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި ދާދި ފަހުން ނިންމައިލި ސްޓާ ޕްލަސްގެ "ދިލް ތޯ ހެޕީ ހޭ ޖީ" އާއި އަދި "ދިލް ސޭ ދިލް ތަކް" ހިމެނެ އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި ކޮމަލިކާގެ ރޯލަށް ޖޭސްމިން އެއްބަަސްވެފައިވާތީ މާ ގިނަ ދުވަހެއް، އެ ކެރެކްޓާ އިން ބެލުންތެރިންނާ ޖޭސްމިން ބައްދަލުކުރާނެ އެވެ. ހީނާ ވަކިވި ފަހުން "ކަސޯޓީ" މިހާރު ކޮމަލިކާގެ އެއްވެސް ދައުރެއް ނެތެވެ. އެކަމަކު އެ ކެރެކްޓާ އަކީ މި ސިލްސިލާގެ ވާހަކައިގެ އެންމެ ބޮޑު އެއް ބައެވެ.
އެކްތާ ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާގެ ދެވަނަ ސީޒަނެއްގެ ގޮތުގައި "ކަސޯޓީ" މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދައްކަމުން އަންނަނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ. އެގޮތުން ސިލްސިލާގެ މައި ކެރެކްޓާތައް ކަމަށްވާ ޕްރޭނާގެ ރޯލް މި ފަހަރު އެރިކާ ފެނަންޑޭޒް ކުޅޭ އިރު، އަނޫރާގް ބާސޫއަކީ ޕާތު ސަމްތާނެވެ. އަދި މިސްޓަ ބަޖާޖަކީ ކަރަން ސިންގް ގްރޯވާ އެވެ.
"ކަސޯޓީ" އިން ވަކިވުމަށް ފަހު ހީނާ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ވިކްރަމް ބަޓްގެ "ހެކްޑް" އާއި ހުސައިން ޚާންގެ "ލައިންސް" އެވެ. މި އަހަރު ކާންސް ފިލްމު ފެސްޓިވަލަށް ވެސް ހީނާ "ލައިންސް" އާ އެކީގައި ދިޔަ އެވެ. މި ފިލްމު ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ހީނާ އަކީ ކުރިން ސްޓާ ޕްލަސްގެ "ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލް ކުޅުނު ބަތަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނަކް
10 September 2019
ކާމިޔާބު ދެ ސިލްސިލާއެއްނޫން އެއީކީ ޓީއާރޕީ ދަށްވެގެން ހުއްޓާލި ދެޑްރާމާ އެއީ
ނާއީ
10 September 2019
ރަނގަޅަށް ޔަގީން ކޮއްފަ ހަބަރު ލިޔެބަލަ